އިމްޕޯޓު ޑިއުޓީ އާއި ކަސްޓަމްސް ފީ އަށް އަންނަ އަހަރު ސަރުކާރުން ގެންނަ ބަދަލުތަކުގެ ތެރޭގައި ކޮންމެ ސިނގިރޭޓަކުން ޑިޔުޓީގެ ގޮތުގައި އިތުރު އެއް ރުފިޔާ ނަގަން ހުށަހަޅައިފި އެވެ.
ސަރުކާރުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އާމްދަނީ އިތުރުކުރަން ހުށަހަޅާފައި ކަންކަމުގެ ތެރޭގައި، ރާއްޖެއަށް އެތެރެކާ ކުރާ ކޮންމެ ސިނގިރޭޓަކަށް މިހާރު ނަގާ ޑިއުޓީ ދެ ރުފިޔާ އިން ތިން ރުފިޔާ އަށް ބަދަލު ކުރުމަށް ވަނީ ހިމަނައިފަ އެވެ.
މީގެ ދެ އަހަރު ކުރިން ކޮންމެ ސިނގިރޭޓަކުން ނަގަމުން އައި 1.75 ރުފިޔާގެ ޑިޔުޓީ ވަނީ ދެ ރުފިޔާއަށް ބޮޑުކޮށްފަ އެވެ. އޭރު ގެނައި ބަދަލުގެ ސަބަބުން 20 ސިނގިރޭޓު ހިމެނޭ ފޮށްޓެއްގެ އަގު 70 ރުފިޔާއަށް ވަނީ އުފުލިފަ އެވެ. ނަމަވެސް، އަންނަ އަހަރު ސަރުކާރުން ހުށަހަޅާފައިވާ ބަދަލާއެކު 20 ސިނގިރޭޓު ހިމެނޭ ފޮށްޓެއްގެ އަގު މަދުވެގެން 90 ރުފިޔާއަށް އަރާނެކަމަށް ބެލެވެ އެވެ.
މަޖިލީހުގައި އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް ހުށަހަޅުވައި ދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހެޅުއްވީ 37.5 ބިލިއަން ރުފިޔާ އެވެ. އަންނަ އަހަރަށް އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާ ކުރަނީ 29.92 ބިލިއަން ރުފިޔާ އެވެ. އެހެންކަމުން އަންނަ އަހަރަށް ލަފާ ކޮށްފައި ވަނީ 5.7 ބިލިއަން ރުފިޔާގެ ޑެފިސިޓް ނުވަތަ ދަރަނި ބަޖެޓެކެވެ.
ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި އާ ފަސް ކަމެއް ހިމަނާފައިވެ އެވެ. އޭގެ ސަބަބުން ދައުލަތަށް 2.5 ބިލިއަން ރުފިޔާ އިތުރުވެގެންދާނެ ކަމަށް ލަފާ ކޮށްފައިވެ އެވެ.
އެ ގޮތުން ބިދޭސީންގެ ކޯޓާ ފީއެއް ތައާރަފުކުރުމާއި ވޯކް ޕާމިޓް ފީ މަތިކުރުން ހިމެނެ އެވެ. އެއިން 714 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކުރެ އެވެ. އިންކަމް ޓެކްސް ތައާރަފު ކޮށްގެން 706 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އާ ރިސޯޓްތަކެއް ހުޅުވާލައި އިކުއިޒިޝަން ކޮސްޓުން ދައުލަތަށް އިތުރަށް 290 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކުރެ އެވެ.
ކަސްޓަމްސް ފީތަކާއި އިމްޕޯޓް ޑިއުޓީ އަށް ގެންނަ ބަދަލުތަކާއެކު 558 މިލިއަން ރުފިޔާ ދައުލަތަށް އިތުރަށް ލިބޭނެ ކަމަށް ބަޖެޓްގައި ލަފާކޮށްފައިވެ އެވެ. އެއާޕޯޓް ސާވިސް ޗާޖާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އަށް ގެންނަ ބަދަލުތަކުން ދައުލަތަށް އިތުރުވާނެ ކަމަށް ލަފާކޮށްފައި ވަނީ 319 މިލިއަން ރުފިޔާ ހިމެނެ އެވެ.
އަމީރު ވިދާޅުވީ ބަޖެޓު ހުށަހެޅިފައިވާ ގޮތަށް ފާސް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. މަޖިލީހުން މިހާރު ވަނީ ބަޖެޓު ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވައިފަ އެވެ.