މިއަހަރާ އަޅާބަލާއިރު އަންނަ އަހަރު އިގްތިސާދީ ހާލަތު ރަނގަޅުވާނެ ކަމަށް ލަފާކުރެވޭތީ އަންނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 24.3 ބިލިއަން ރުފިޔާ ލިބޭނެ ކަަމަށް ލަފާކޮށްފި އެވެ.
އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު މިއަދު ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ ހުށަހަޅުއްވާފަ އެވެ. ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވީ އަންނަ އަހަރު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އާމްދަނީއާ ހިލޭ އެހީއަކީ މިއަހަރު ލިބޭނެ ކަމަށް އަންދާޒާކުރި މިންވަރަށް ވުރެ 23.4 ޕަސެންޓް އިތުރު އަދަދެއް ކަމަށެވެ.
އަންނަ އަހަރު ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީގެ ތެރެއިން ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 15.4 ބިލިއަން ރުފިޔާ އެވެ. ޓެކްސް ނޫން ގޮތްގޮތުން ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 6.01 ބިލިއަން ރުފިޔާ އެވެ. އަދި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައި ވަނީ 2.9 ބިލިއަން ރުފިޔާ އެވެ.
އަންނަ އަހަރުގެ ބަޖެޓަށް އާމްދަނީ ލިބެނީ މައިގަނޑު އަށް ކަމަކުންނެވެ.
އިމްޕޯޓް ޑިއުޓީ
އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް އަންނަ އަހަރުގެ ބަޖެޓުގައި ލަފާކޮށްފައި ވަނީ 3.2 ބިލިއަން ރުފިޔާ އެވެ. މިއީ އިމްޕޯޓް ޑިއުޓީގެ ގޮތުގައި މިއަހަރު ލިބޭނެ ކަމަށް ލަފާކުރި އާމްދަނީއާ އަޅާބަލާއިރު 14.9 ޕަސެންޓް އިތުރު އަދަދެކެވެ. ކޮވިޑް-19 އާއި ގުޅިގެން ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެކި ގައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ސަޕްލައި-ޗެއިނަށް ދިމާވެފައިވާ ތާށިތަކުގެ ސަބަބުން ބަލި ފެތުރުމުގެ ކުރިން ދައުލަތަށް ލިބެމުން އައި މިންވަރަށް އިމްޕޯޓް ޑިއުޓީ އަންނަ އަހަރު ލިބޭނެ ކަމަށް ލަފާ ނުކުރެވޭ ކަމަށް މިނިސްޓަރު އަމީރު ވަނީ ވިދާޅުވި އެވެ. 2019 ވަނަ އަހަރު އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނު މިންވަރު ރުޖޫއަކުރެވޭނީ 2023 ވަނަ އަހަރު ކަމަށް ސަރުކާރުން ލަފާކުރެ އެވެ.
ބިޒްނަސް އަދި ޕްރޮޕަޓީ ޓެކްސް
ބިޒްނަސް އަދި ޕްރޮޕަޓީ ޓެކްސްގެ ގޮތުގައި އަންނަ އަހަރުގެ ބަޖެޓުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 2.7 ބިލިއަން ރުފިޔާ އެވެ. މިއީ މިއަހަރު ލިބޭނެ ކަމަށް ލަފާކުރި މިންވަރަށް ވުރެ 1.8 ޕަސެންޓް އިތުރު އަދަދެކެވެ. މިއަހަރު ވިޔަފާރީގެ ދާއިރާއިން ނަގާ ޓެކްސް (ބީޕީޓީ) ދަށްވި ނަމަވެސް އަންނަ އަހަރު އިތުރުވާން ފަށާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އެގޮތުން އަންނަ އަހަރު ބީޕީޓީގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވަނީ 1.2 ބިލިއަން ރުފިޔާ އެވެ.
ފަރުދުންގެ އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 204.6 މިލިއަން ރުފިޔާ އެވެ. މިއީ މިއަހަރާ އަޅާބަލާއިރު 1.7 ޕަސެންޓް ދަށް އަދަދެކެވެ. ސަބަބަކީ ކޮވިޑް-19ގެ ސަބަބުން ކުދި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާތީ އެވެ.
ބޭންކް ޕްރޮފިޓްގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 603.4 މިލިއަން ރުފިޔާ އެވެ. 2023 ވަނަ އަހަރުން ފެށިގެން މި ޓެކްސް އަހަރުން އަހަރަށް އިތުރުވަމުން ދާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.
މުދަލާ ހިދުމަތުގެ އަގުން ނަގާ ޓެކްސް
މުދަލާ ހިދުމަތުގެ އަގުން ނަގާ ޓެކްސްގެ ގޮތުގައި އަންނަ އަހަރު ލިބޭނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައިވަނީ 7.7 ބިލިއަން ރުފިޔާ އެވެ. މިއީ މިއަހަރު ލިބޭނެ ކަމަށް ލަފާކުރި އަދަދަށް ވުރެ 6.8 ޕަސެންޓް އިތުރު އަދަދެކެވެ.
މި ޓެކްސްގެ ތެރެއިން ޓީޖީއެސްޓީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 4.8 ބިލިއަން ރުފިޔާ އެވެ. އަންނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ އަހަރު ކަމުން ފަތުރުވެރިކަން މާކެޓް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެހެންކަމުން މިއަހަރާ އަޅާބަލާއިރު ބެޑްނައިޓްސްގެ އަދަދު 18.1 ޕަސެންޓް އަންނަ އަހަރު އިތުރުވާނެ ކަމަށް ލަފާކުރެ އެވެ.
އަންނަ އަހަރު ޖީޖީއެސްޓީގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 2.9 ބިލިއަން ރުފިޔާ އެވެ.
އެހެނިހެން ޓެކްސް އަދި ޑިއުޓީ
އެހެނިހެން ޓެކުހާއި ޑިއުޓީގެ ގޮތުގައި ދައުލަތަށް އަންނަ އަހަރު ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 1.6 ބިލިއަން ރުފިޔާ އެވެ. އޭގެތެރެއިން އެއާޕޯޓު ސާވިސް ޗާޖު (ޑިޕާޗާ ޓެކްސް)ގެ ގޮތުގައި 769.2 މިލިއަން ރުފިޔާ އަދި ގްރީން ޓެކްސްގެ ގޮތުގައި 823.7 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެ އެވެ.
އެކިއެކި ހިދުމަތްތަކަށް ނަގާ ފީ
މިއަހަރު އެކިއެކި ހިދުމަތްތަކަށް ނަގާ ފީގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީއާ އަޅާބަލާއިރު އަންނަ އަހަރު ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 57.8 ޕަސެންޓް އިތުރު އަދަދެކެވެ. ސަބަބަކީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވުމާއި އެއާޕޯޓުން ރާއްޖެއިން ބޭރަށް ފުރާ މީހުންގެ ނިސްބަތް އިތުރުވުމެވެ. ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނަގާ ގާނޫނަށް ގެނެވުނު އިސްލާހަށް އަންނަ އަހަރުގެ ޖެނުވަރީ މަހުން ފެށިގެން އަމަލުކުރަން ފަށާނެ އެވެ.
އެހެންކަމުން އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 769.2 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި ވަނީ ލަފާކޮށްފަ އެވެ. އަދި ރެވެނިއު ފީ ވެސް އިތުރުވާނެ ކަމަށް ލަފާކޮށްފައިވާއިރު ބިދޭސީ މަސައްކަތްތެރިންގެ ކޯޓާ ފީގެ ގޮތުގައި އަންނަ އަހަރު ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 194.8 މިލިއަން ރުފިޔާ އެވެ.
ހަރުމުދަލުގެ އާމްދަނީ
ހަރުމުދަލުގެ އާމްދަނީގެ ގޮތުގައި ދައުލަތަށް އަންނަ އަހަރު ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 2.4 ބިލިއަން ރުފިޔާ އެވެ. މިއީ މިއަހަރު ލިބޭނެ ކަމަށް ލަފާކުރި އާމްދަނީއާ އަޅާބަލާއިރު 9.4 ޕަސެންޓް އިތުރު އަދަދެކެވެ. ހަރުމުދަލުގެ އާމްދަނީ އިތުރުވާނެ ކަމަށް ލަފާކޮށްފައި ވަނީ އާމްދަނީ އިތުރުކުރުމަށް ހުށަހަޅާ އާ ކަންތައްތަކުގެ ސަބަބުންނެވެ.
އިންޓްރެސްޓާއި ފައިދާ
އަންނަ އަހަރު އިންޓްރެސްޓާއި ފައިދާގެ ގޮތުގައި ދައުލަތަށް ލިބޭނެ ފައިދާގެ ގޮތުގައި ބަޖެޓުގައި ހިމަނާފައިވަނީ 1.2 ބިލިއަން ރުފިޔާ އެވެ. މިއީ މިއަހަރު ލަފާކޮށްފައިވާ އަދަދާ އަޅާބަލާއިރު 108.9 ޕަސެންޓް އިތުރު އަދަދެކެވެ.
ހިލޭ އެހީ
ކުރިއަށް އޮތް އަހަރު ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި 2.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށްވެސް ސަރުކާރުން ލަފާކުރެ އެވެ. މިއީ މިއަހަރު ހިލޭ އެހީގެ ގޮތުގައި ލިބުނު އާމްދަނީއާ އަޅާބަލާއިރު 152.3 ޕަސެންޓްގެ އިތުރުވުމެކެވެ. އަންނަ އަހަރު ވެސް 150 ޑޮލަރުގެ ކޭޝް ގްރާންޓް ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރާނެ އެވެ. އަދި މަޝްރޫއުތައް ހިންގުމަށް ލިބޭ އެހީގެ ގޮތުގައި އަންނަ އަހަރު 598.7 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށް، ބަޖެޓުގައި ހިމަނާފައިވެ އެވެ.
ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް އިންޑިއާ ސަރުކާރުން 2019 ވަނަ އަހަރު ސަރުކާރުގެ ޓްރެޝަރީ ބިލުގައި އިންވެސްޓްކޮށްފައިވާ 150 މިލިއަން ޑޮލަރު 2023 ވަނަ އަހަރު ހިލޭ އެހީއަށް ބަދަލުކޮށްދޭނެ ކަމުގެ ޔަގީންކަން ދީފައިވާތީ، އަންނަ އަހަރަށް ވުރެ 2023 ވަނަ އަހަރު ލިބޭ ހިލޭ އެހީ އިތުރުވާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.
އާމްދަނީ އިތުރުކުރަން ހުށަހަޅާފައިވާ އާ ކަންތައްތައް
- ރިއަލް އެސްޓްޓޭޓް ޓޫރިޒަމް: ލަފާކޮށްފައިވަނީ 231.3 މިލިއަން ރުފިޔާ ލިބޭނެ ކަމަށް
- ބިން ވިއްކުން: ލަފާކޮށްފައިވަނީ 300 މިލިއަން ރުފިޔާ ލިބޭނެ ކަމަށް
- ޓޫރިޒަމަށް ބިން ދޫކުރުން: ލަފާކޮށްފައިވަނީ 148 މިލިއަން ރުފިޔާ ލިބޭނެ ކަމަށް
- ޕްލާސްޓިކް ކޮތަޅު ޓެކްސް: ލަފާކޮށްފައިވަނީ 47.7 މިލިއަން ރުފިޔާ ލިބޭނެ ކަމަށް
އާމްދަނީ އިތުރުކުރަން ހުށަހަޅާފައިވާ އާ ކަންތައްތަކުގެ ސަބަބުންނާއި ރާއްޖޭގެ އިގްތިސޯދުން ރަނގަޅު ވާނެ ކަމަށް ފެންނާތީ ދައުލަތުގެ އިގްތިސާދީ ހާލަތު މިއަހަރާ އަޅާބަލާއިރު ވަރަށް ބޮޑަށް ރަނގަޅުވާނެ ކަމަށްވެސް މިނިސްޓަރު ލަފާކުރައްވަ އެވެ.