ޖާންވީ ކަޕޫރު ލީޑް ރޯލު ކުޅެފައިވާ "ގުންޖަން ސަކްސޭނާ: ދަ ކާރްގިލް ގާލް" ގެ ޓްރެއިލާ ހޮނިހިރު ދުވަހު ވަނީ ލޯންޗުކޮށްފަ އެވެ. ފިލްމުގެ ފުރަތަމަ އިޝްތިހާރާއެކު ސޯޝަލް މީޑިއާގައި ޖާންވީ އާ ދެކޮޅަށް ބަޔަކު ވަނީ ވަރުގަދަ ބަހުސެއް ފަށާފަ އެވެ. ނެޕޮޓިޒަމްގެ ބަހުސެވެ. ޖާންވީ އަކީ ފިލްމީ އާއިލާއަކަށް ނިސްބަތްވާ ފިލްމީ ތަރިއެއްގެ ދަރިއަކަށް ވީތީ އެވެ.
ޖާންވީ އާ ދެކޮޅަށް ސޯޝަލް މީޑިއާގައި ވާހަކަ ދައްކާ މީހުން ބުނަނީ ޖާންވީއަކީ ސްޓާ ކިޑް އަކަށް ވާތީ މި ފިލްމު އޭނާ އަށް ލިބިފައި ވިޔަސް މިއީ ހަގީގަތުގައި އޭނާ ވަރުގެ ހަގު ބަތަލާއަކު ކުޅޭ ކަހަލަ ފިލްމެއް ނޫން ކަމަށެވެ. އޭނާއަށް މި ފިލްމު ލިބުނީ ޝްރީދޭވީގެ ދަރިއަކަށް ވާތީ ކަމަށާއި މިއީ އެހެން ބަތަލާއިންނަށް ނާ އިންސާފުން ކޮށްފައިވާ ކަމެއް ކަމަށެވެ.
ކެރިއަރުގެ މިހާ ކުރީކޮޅު މިހާ ބޮޑު ފިލްމެއް ޖާންވީއަށް ލިބުނީ ކީއްވެތޯ ވެސް ބައެއް މީހުން ސުވާލު އުފައްދަ އެވެ. އަނެއް ބަޔަކު ބުނަނީ އެމީހުން ޓްރެއިލާ ވެސް އަދި ފިލްމު ވެސް ނުބަލާނެ ކަމަށާއި ނެޕޮޓިޒަމް އާ ދެކޮޅަށް އެންމެން އެގޮތަށް ކަންތައްކޮށް ފިލްމު ބޮއިކޮޓް ކުރުމަށެވެ. އެއީ ފިލްމީ އާއިލާތަކަށް ނިސްބަތްވާ އެކްޓަރުންނަށް ފިލްމުތައް ދޭން ބޭނުންވާ މީހުންނަށް ރަނގަޅު ފިލާވަޅެއް ދޭން ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމަށް ވެސް ބައެއް މީހުން ބުނެފައި ވެއެވެ.
ފިލްމެއް ހިނގުމާއި ފްލޮޕްވުމުގައި އެންމެ ބޮޑު ދައުރެއް ކުޅެނީ ބެލުންތެރިންނެވެ. އެހެންކަމުން ސްޓާރުންގެ އާއިލާގެ މީހުންގެ ފިލްމުތައް ނުބަލާނަމަ އެ މީހުން ފިލްމުތަކުގައި ބައިވެރިކުރަން ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންނަށް ނުކެރޭނެ ކަމަށް މިކަމަށް ތާއީދުކޮށް ވާހަކަ ދައްކާ މީހުން ބުނެ އެވެ.
ޖާންވީގެ މި ފިލްމު އޯޓީޓީ ޕްލެޓްފޯމްގައި މިހިނގާ އޮގަސްޓް މަހުގެ 12 ވަނަ ދުވަހު ރިލީޒް ކުރަން ވަނީ ހަމަޖެހިފަ އެވެ. މި ފިލްމު ރިލިޒް ކުރަން ހަމަޖެހިފައި ވަނީ ނެޓްފްލިކްސް އިންނެވެ.
ސުޝާންތު ސިންގް ރާޖްޕޫތުގެ މަރަށް އންސާފު ހޯދަން ބަހުސްކުރާ މީހުން ތުހުމަތުކުރަނީ އޭނާ މަރުވީ ނެޕޮޓިޒަމްގެ ސަބަބުން ކަމަށެވެ. ނަމަވެސް މިހާރު ސުޝާންތު މައްސަލައިގެ ތަހުގީގު ވަނީ މުޅިން ތަފާތު އެންގަލަކަށް ބަދަލުވެފަ އެވެ. މިހާރު ބެލެވެނީ އޭނާއާއެކު މަސައްކަތް ނުކުރަން އެއްވެސް ޕްރޮޑިއުސަރަކު ނުވަތަ ޑައިރެކްޓަރަކު އުޅެފައި ނުވާ ކަމާއި އޭނާއަށް ވަގުތު ނެތިގެން ފިލްމުތައް ދޫކޮށްލާފައިވާ ކަމަށެވެ.
"ދަ ކާރްގިލް ގާލް"ގައި ޖާންވީ އުޅޭތީ ހިތްހަމަނުޖެހޭ ބައެއް މީހުން ކުރި ޓުވިޓްގައި ފިލްމު ޕްރޮޑިއުސްކޮށްފައި ވަނީ ކަރަން ޖޯހަރް ކަމަށް ވާތީ ކަރަން އަށް ވެސް ފާޑުކިޔުންތައް އަމާޒު ކޮށްފައި ވެއެވެ. އަދި ސުޝާންތުގެ މަރަށް ފަހު ކަރަން އަށް ކިޔޭ ފާޑުކިޔުންތައް އިންތިހާއަށް ގޮސްފައިވާތީ ނެޓްފްލިކްސް އިން ފިލްމު ދައްކާއިރު ޕްރޮޑިއުސަރުގެ ގޮތުގައި ކަރަންގެ ނަން ނުހިމަނާނެ ކަމަށް ވެސް ބައެއް މީހުންގެ ޓުވީޓްތަކުގައި ލިޔެފައި ވެއެވެ.
"މި ފިލްމުގައި (ގުންޖަން ސަކްސޭނާގައި) ޖާންވީ އަށް ވުރެ ރަނގަޅު ބަތަލާއަކު އުޅެން ޖެހޭނެ ކަމަށް ދެކެން،" ޓުވިޓާގައި މީހަކު ކުރި ކޮމެންޓެއްގައި ވެއެވެ.
އެހެން މީހެއްގެ ޓުވީޓްގައި ބުނީ ޖާންވީގެ އެކްސްޕްރެޝަނެއް ވެސް ނުހުންނަ ކަމަށާއި އެކްޓިން ހުނަރު ވަރަށް ދަށް ކަމަށެވެ. އެހެންކަމުން މިފަދަ ބޮޑު ފިލްމެއް އޭނާ ލައްވާ ކުޅުވީ ކީއްވެތޯ އެ މީހާ ވަނީ ސުވާލު އުފައްދާފަ އެވެ.
މި ފިލްމުގެ ޓްރެއިލާ އަށް މިހާތަނަށް ލިބިފައިވަނީ ހަ ލައްކައެއްކާ ވިއުޒް އެވެ. މިއީ މިވަރުގެ ބޮޑު ފިލްމަކާ ބަލާފައި ވަރަށް މަދު އަދަދަދެކެވެ. ސުޝާންތުގެ އެންމެ ފަހު ފިލްމުގެ ޓްރެއިލާއަށް އެތައް މިލިއަން ވިއުޒް އެއް ހައެއްކަ ގަޑިއިރު ތެރޭގައި ލިބުނެވެ. އެހެންކަމުން މިހާރު ބެލެވެނީ "ގުންޖަން ސަކްސޭނާ" ކިތަންމެ މޮޅު ފިލްމަކަށް ވިޔަސް ބެލުންތެރިން މި ފިލްމު ބަލައިނުގަންނާނެ ކަމަށެވެ.
މި ފިލްމުގެ ޓްރެއިލާ އަށް ކްރިޓިކްސް ވަނީ ވަރަށް ތައުރީފުކޮށްފަ އެވެ. މިއީ އާދަޔާޚިލާފު މޮޅު ފިލްމަކަށް ވާނެ ކަމަށް ބޮލީވުޑް ފިލްމުތަކަށް ފާޑުކިޔާ މީހުން ދަނީ ބުނަމުންނެވެ. ނަމަވެސް ބައެއް މީހުންގެ މައްސަލައަކީ ޖާންވީ މި ފިލްމުގައި އުޅުމެވެ. އެއި މިހާޜު ހަމަ ގައިމުވެސް ބަދަލު ކުރެވޭނެ ހަގީގަތެއް ނޫނެވެ.