ރާއްޖޭގެ އެކި ހިސާބަށް ގަދަ ވިއްސާރަ ކޮށް ބައެއް ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާވާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވާން މޫސުމާބެހޭ ގައުމީ އިދާރާއިން އެދެފި އެވެ.
މިހާރު ކުރާ ވިއްސާރާގައި ރާއްޖޭގެ އުތުރާއި މެދު އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖޭހެނެ އިރު ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 05 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް އެ އިދާރާއިން ފޯކާސްޓް ކޮށްފައި ވެއެވެ.
ވިއްސާރައިގެ ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައި ގަދަވާނެ އެވެ. ކަނޑުތައް ދެކުނުގައި އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެ އެވެ.
މިހާރު މުޅި ރާއްޖެއަށް ވިއްސާރަ ކުރަމުން ދާއިރު މި ދުވަސްކޮޅު ކުރިޔަށް ދަނީ ހުޅަނުގު މޫސުމުގެ ވިއްސާރަ ނަކަތެއް ކަމަށްވާ އަހުލިހަ ނަކަތެވެ.