ވިޔަފާރި

އެމްޓީޑީސީގެ ސާފު ފައިދާ އިތުރު ވެއްޖެ

Aug 2, 2020

މި އަހަރުގެ ދެވަނަ ކްއާޓަރުގައި މޯލްޑިވްސް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް ލިބުނު ސާފު ފައިދާ އިތުރު ވެއްޖެ އެެވެ.

ސަރުކާރުން ޓޫރިޒަމް ފައްކާ ކުރަން އުފެއްދި ކުންފުނީގެ މި އަހަރުގެ ދެވަނަ ކްއާޓަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން އެ ކުންފުންޏަށް މި ކްއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 393,032 ޑޮލަރު (ގާތްގަނޑަކަށް ހަ މިލިއަން ރުފިޔާ) އެވެ. މިއީ މި އަހަރުގެ ފުރަތަމަ ކްއާޓަރުގައި އެ ކުންފުންޏަށް ލިބިފައިވާ 281,521 ޑޮލަރު (ގާތްގަނޑަކަށް 4.3 މިލިއަން ރުފިޔާ) އެވެ.

މި އަހަރުގެ ދެވަނަ ކްއާޓަރުގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 890,620 ޑޮލަރު (ގާތްގަނޑަކަށް 13 މިލިއަން ރުފިޔާ) އެވެ. އަދި ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައިވަނީ 587,539 ޑޮލަރު (ގާތްގަނޑަކަށް ނުވަ މިލިއަން ރުފިޔާ) އެވެ.

އެމްޑީސީސީގެ މާލީ ރިޕޯޓް ދައްކާ ގޮތުގައި އެ ކުންފުނިން ވަނީ މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު ހިންގުމުގެ ހޭދަ ވަނީ ކުޑަކޮށްފަ އެވެ. ފުރަތަމަ ކުއާޓަރުގައި ހިންގުމުގެ ހަރަދުތައް 307,088 ޑޮލަރުގައި ހުރިނަމަވެސް މި ކުއާޓަރުގައި މިއަދަދު ވަނީ 303,080 ޑޮލަރަށް ދަށްކޮށްފަ އެވެ.

ސަރުކާރުން ޓޫރިޒަމްގެ މަންފާ ރައްޔިތުންނާ ހަމައަށް ގެންދަން 2006 ވަނަ އަހަރު އުފެއްދި ކުންފުނިން ދާދިފަހުން ވަނީ 11 އަހަރަށްފަހު ހިއްސާގެ ފައިދާ ބަހަން ނިންމާފަ އެވެ. އެ ކުންފުނިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ މިދިޔަ އަހަރު އެ ކުންފުންޏަށް މާލީ ގޮތުން ރަނގަޅު ފައިދާއެއް ލިބިފައިވާ ކަމަށެވެ. އެހެންކަމުން މިދިޔަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި މޫނުމަތީ އަގު 10ރ. ގެ މަގުން ހިއްސާއަކަށް 50ލ. ބަހަން އަހަރީ އާއްމު ޖަލްސާ އަށް ހުށަހެޅުމަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ފާސް ކޮށްފައިވާ ކަމަށެވެ.

އެމްޓީޑީސީގެ މިހާރުގެ މެނޭޖުމަންޓުން ދަނީ ކުންފުނި އަލުން ކޮޅަށް ޖެހޭތޯ މަސައްކަތް ކުރަމުންނެވެ. އެ ކުންފުންޏަށް ސަރުކާރުން އަނެއްކާ ވެސް ވަނީ ހދ. ނާގޯށީގައި ރިސޯޓެއް ތަރައްގީކުރަން ހަވާލުކޮށްފަ އެވެ. މިއީ މި ރަށް އެ ކުންފުންޏަށް ހަވާލުކުރި ތިން ވަނަ ފަހަރެވެ. ޓޫރިޒަމް މިނިިސްޓްރީއާއެކު މިފަހަރު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ތިން އަހަރު ތެރޭގައި ރަށް ތަރައްގީކޮށް ހިންގަން ފަށަން ޖެހެ އެވެ.