ހަބަރު

ޔާސިރު ޔަހުޔާ މަރުވެއްޖެ

ދިވެހި އަންހެނަކާ އިނދެގެން ރާއްޖޭގައި ދިރިއުޅެމުން ދަނިކޮށް ޓެރަރިޒަމާ ގުޅުންއޮތްކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ ޔަމަންގެ ރައްޔިތެއް ކަމަށްވާ ޔާސިރު ޔަހުޔާ މަރުވެއްޖެ އެވެ.

މާލޭގައި ޓީޗަރެއްގެ ވަޒީފާ އަދާކުރަމުން ދަނިކޮށް ޔާސިރު ޔަހްޔާ ސާލިހް، ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 2017 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި އެވެ. އޭނާ ހައްޔަރު ކުރީ ޑީޕޯޓް ކޮށްލުމަށްކަމަށް ބުނެ އެވެ.

ނަމަވެސް އެއްވެސް ދައުވާއެއް ކޮށްފައެއް ނުވެ އެވެ. އޭނާ ހައްޔަރު ކުރީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބުދުލް އަޒީޒް ރާއްޖެ ވަޑައިގަންނަވަން ހަމަޖެހުނު ދުވަސްވަރެވެ.

ޔާސިރު މަރުވީ ހާލު ސީރިއަސް ވެގެން ފަރުވާ ދެމުން ދަނިކޮށެވެ. އޭނާގެ އާއިލާއިންވެސް ވަނީ އެކަން ޔަގީން ކޮށްދީފައެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ، ޔާސިރު އަކީ ޓެރަރިޒަމާއި ގުޅުން ހުރި މީހެއް ކަމަށާއި، ރާއްޖެއިން ފުރައިގެން ދިއުމަށް އޭނާ އަށް އަންގާފައިވާ ކަމަށެވެ.

އިމްރާން ވިދާޅުވީ ބައިނަލްއަގްވާމީ އެކިއެކި އިދާރާތަކުންވެސް ޔާސިރާ ގުޅުންހުރި ތަފާތު މައުލޫމާތުތައް ހިއްސާކޮށްފައިވާނެކަމަށެވެ.

އޭނާ ރާއްޖޭގެ ޖަލުގައި ހުރީ އަމިއްލަ އިހުތިޔާރުގައިކަމަށާ އެންމެ ފުރަތަމަވެސް ރާއްޖެއިން ފުރައިގެން ދިއުމަށް އެދުމުން އޭނާ އެކަންކުރުމަށް ދެކޮޅު ހަދާފައިވާކަމަށެވެ. މިނިސްޓަރު ވިދާޅުވީ މީގެ ދެމަހެއްހާ ދުވަސްކުރިން ރާއްޖެއިން ފުރައިގެންދާން ބޭނުންވާކަމަށް އޭނާ ބުނެފައިވާކަމަށެވެ. އެހެންކަމުން އޭނާ ފޮނުވާލުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމާގުޅޭ އިދާރާތަކުން ހަމަޖެއްސިކަމަށެވެ.

"ހުރިހާކަމެއް ހަމަޖައްސާފައިވަނިކޮށް އޭނާ ބުނަނީ ޕާސްޕޯޓެއްނެތޭ. ދެން ކިހިނެތްތޯ ހަދާނީ..ހަގީގަތުގައި އަޅުގަނޑު ދަންނަވާލަން ބޭނުން ރާއްޖެއިން އޭނާގެ އެއްވެސް ހައްގަކަށް އަރައިގެންފައެއް ނުވާނެ." މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ޔާސިރު ރާއްޖެއިން ފޮނުވާލުމަށް ހުރަސްތަކެއް އެބަހުރިކަމަށާ އޭނާއާއި ގުޅޭ އެއްވެސް ލިޔުމެއް ނެތްކަމަށެވެ.

ޔާސިރަކީ ރާއްޖެއަށް ހުރި ނުރައްކަލެއްކަމަށް ގަބޫލުކޮށް އޭރުގެ ސަރުކާރުން އޭނާ ހައްޔަރުކޮށްފައިވާއިރު، ޔާސިރުގެ ވަރަށް ގިނަ މައުލޫމާތުތައް ދުނިޔޭގެ އެކި އިދާރާތަކުން ހާމަކޮށްފައިވާކަމަށެވެ. އޭނާއަކީ ދުނިޔެއިން ބޮޑު ޓެރަރިސްޓެއްކަމަށް ބަލާ މީހެއްކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

2017 ވަނަ އަހަރުން ފެށިގެން ހުޅުމާލެ ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށްފައިވާ ޔާސިރު ވަނީ މީގެ ކުރިންވެސް ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކޮށްފަ އެވެ.