މަގުމައްޗަށް ކުޅު ނުޖަހާ!
ހަވީރު ގަޑީގައި ބާރު ބޮޑު މަޖީދީ މަގުން ސައިކަލުގައި މަގުގެ އުތުރަށް ދުއްވާފައިވާ ދިޔަ އިރު ކުރިމަތީގައި އޮތް ޕިކަޕަކީ ގޭސް ފުޅިތަކެއް އުފުލައިގެން ޑެލިވަރީއަކަށް ދާ އުޅަނދެކެވެ. ދުއްވަން އިން މީހާ ސްޕީޑް ކުޑަކޮށް ދަށްކޮށްލީ އެ ހިސާބާ އަހަރެން ވެސް ހަމަވުމުންނެވެ. ހަމަ އެވަގުތު ޑްރައިވަރު އޭނާ މޫނުގައި އަޅާފައި އޮތް މާސްކް ތިރިކޮށްލާ މަގުމައްޗަށް ޖެހީ ކުޅެކެވެ. ފަކުރުން ގޮސް ނުހުރެވިގެން ލޯ އަޅާޅާފައި ބުނީމެވެ:
"މަގުމައްޗަށް ކުޅު ޖަހާކަށް ނުވާނެ!" ޕިކަޕްގެ ކުރި ކަނޑާލާ ދުއްވާފައި ދިޔައީ އެވެ.
އެއްލާލާ މާސްކުން ކޮވިޑް ޖެހޭބާ؟
އެހެން ދުވަހެކެވެ. އެކުވެނި ޓްރެކް ބަންދު ކޮށްފައި އޮތުމުން ކަސްރަތަށް ހިނގަން ދަނީ ރިންގްރޯޑުން ފެށިގެން ބްރިޖަށެވެ. ބްރިޖު މައްޗަށް ދަނީ އެތަނުގައި ހިތްފަސޭހަ ކަމުންނެވެ. ބިންދާލާ ރާޅުތަކުން އަރާ ފޮނުގެ މަންޒަރު ބަލަން އަހަރެން ފަދައިން ގިނަ އެހެން މީހުންނަށް ވެސް ކަމުދާނެ އެވެ.
ބުރިޖުގައި ހިނގުމުން ލިބޭ ފައިދާއާއި އެއްވަރަށް ސްޓްރެސް ވެސް ފިލުވާލައި ދެއެވެ. އެކަމު މޫޑް ހަރާބުވާ އެއްކަމެއް އެބައޮތެވެ. ބްރިޖުގައި ހިނގަން އޮންނަ ދެ ފޫޓެއްހާ ޖާގައިގައި އޮންނަނީ ބޭނުން ކޮށްފައި އުކާލާފައި ހުންނަ މާސްކްތަކެވެ. ކޮވިޑް ހަލުވި މިނުގައި ފެތުރި ނުރައްކާ މިހާ ބޮޑު އިރެއްގައި ބޭނުން ކޮށްފައިވާ މާސްކްތައް މިގޮތަށް ޒިންމާދާރު ކުޑަގޮތެއްގައި އުކާލުމަކީ އިންސާނުންނަށް ބަލި ފެތުރުމުގެ ފުރުސަތު އޮންނާނެ ކަމެކެވެ. ބަލި ފެތުރޭނެ ފުރުސަތު ނެތަސް ދެން އެ ދާނީ އެ ދިމާއިން ކަނޑަށް ކަމުން ކަނޑުގެ ދިރުމަށް ގެއްލުންދޭނެ އެއްޗެކަށް އެ ވެދާނެ އެވެ.
ފިހާރައިގެ ތެރޭ ނޯއް ދަމާ މީހެއް!
އާ ދުވަހެކެވެ. ވާރޭ ވެހޭ ދުވަހެކެވެ. ކަންމަތީ ފިހާރައަކަށް ވަނީ ގެރިކިރު ދަޅެއް ގަންނަންށެވެ. މަސާލާ ޗާއި އެއް ގިރާލާން ކޮންމެހެން ހަވީރުގަޑީގައި ބޭނުންވީ އެވެ. އެއީ އެދުވަހުގެ މޫޑެވެ. ގެއާއި އެއް ކޮއްޓެއްގައި ހުރި ފިހާރައަށް ދާން ނުކުތީ އަގު ބޮޑުކޮށް ގަނެފައި އޮތް ޑިސްޕޯޒަބަލް މާސްކް ފޮށިން އެއް މާސްކް ނަގައިގެންނެވެ. މާސްކް އަޅަން މަޖުބޫރު ނޫނަސް ރައްކާތެރި ގޮތަކީ އެއީ ކަމުންނެވެ. އަނެކާއަށް ވެސް އެގޮތް ރައްކާތެރިވާނެތީ އެވެ. އިހްތިރާމް ކުރުމުގެ ގޮތުންނެވެ.
ގޭދޮށު ކަންމަތީ ފިހާރަގައި ހުންނާނީ ގާތްގަނޑަކަށް 10 ފޫޓު 12 ފޫޓެވެ. ހަރުތަކުގައި އެކި މުދާ ޖަހާފައިވާއިރު ފިހާރައިގެ ދޮރު ހުޅުވާލާ އެތެރެއަށް ވަދެވޭނީ ކައުންޓަރުގައި ޖެހިގެން ކަހަލަ ގޮތަކަށެވެ. އެހާވެސް އެ ތަންކޮޅު ކުޑައެވެ. އޭސީ ކޮށްފައި ހުރި އެ ފިހާރައިގެ ސޭޓާއިއެކު އިތުރު މީހަކު ހުއްޓެވެ. މަޑުކޮށްލީ އޭނާ އާއި ސޭޓާ ދެމެދުގައި އޮތް މުއާމަލާތް ނިމެންދެންނެވެ.
އެހެންނަމަވެސް ސޭޓް އަހަންނަށް އިސްކަން ދިނެވެ. އެމީހާއަކީ އެއްޗެއް ގަންނަން ގޮސް ހުރި މީހެއް ނޫންކަން އެހީސާބުން އެނގުނެވެ. ހަމަ ސޭޓާއި އަނގަތަޅާލަން ހުރީ އެވެ. މޫނުގައި އޭނާގެ މާސްކް އޮތެވެ. އެކަމު އޭނާގެ ނޭފަތް އޮތީ ބޭރުގަ އެވެ. ނޭފަތުން ފެން އަންނާތީ އޭނާ ނޯއް ދަމަނީ އެވެ.
ބުނެފީމެވެ؛ "އޭ އަނެއްކާ ބަލީތަ؟ މިތާ ކީއްކުރަނީ؟" އޭނާ ބުނީ "ބައްޔެއް ނޫން. މިއީ ފިނި ދުވަހެއްވީމާ". އަހަރެން ހިތަށް އެެރި އެތަށް ބަޔަކު ވަންނަ ފިހާރައެއްގައި ނޯއް ދަމަމުން ވާހަކަ ދައްކަން ހުރުން މިއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ބާއެވެ. އިތުރު ވާހަކަ އެއް އޭނާ ނުދައްކަ އެވެ. އަހަރެން ދަމުން ބުނެލީމެވެ. "ނޭގޭނެ އެއް ނުން. ކިރިޔާ ކެއްސާލިއަސް ބިރުވެރިވިއްްޔާ".
މާސްކް ނާޅާ، ބިރިޔާނީ
އެހެން ދުވަހެކެވެ. އެހެން ވާހަކައެކެވެ. ސޯޝަލް މީޑިއާގައި މާ މީރު ބިިރިޔާނީ އެއް ކެފޭއަކުން ޕްރޮމޯޓް ކުރަނީ އެވެ. މި ބިރިޔާނީ ގަންނަން މެންދުރު ފަހުގެ ވަގުތުތަކުގައި އެތަނަށް މީހަކު ފޮނުވީމެވެ. އަވަސްވެސް ވާނީ ޑެލިވަރ ކުރުމުގެ ބަދަލުގައި ބަލައި ދިއުމުން ކަމަށް ނިންމައިގެނެވެ. ވަރަށް ޑިމާންޑް ބޮޑުތަނެއްހެން ހީވެއެވެ. ގަންނަން ދިޔަ މީހާ ބުނީ ބިރިޔާނީ ޕާރުސަލަށް އަޅަން ހުރި މީހާގެ މާސްކެއް ނެތެވެ. ދެން ހުސްވެފައިވާ ޓްރޭއަށް ބިރިޔާނީ ކައްކައިގެން ބަދިގެއިން ނިކުން މީހާގެ ވެސް މާސްކެއް ނެތް ކަމަށް އޭނާ ބުންޏެވެ. އަހަރެން ކައިރީ މިވާހަކަ ގަންނަން ފޮނުވި މީހާ ހިތްހަމަ ނުޖެހިފައި ބުންޏެވެ. ކެފޭތަކާއި ޓޭކްއަވޭ ތަކުން އާއްމު ސިއްހަތަށް ރައްކާތެރިކަން ހޯދުމަށް އެކުލަވާ ގައިޑްލައިނަށް ނުފެތޭނަމަ މިތަން ތަނުން ހިދުމަތް ދެން ނުހޯދަން ހިތުލީމެވެ.