އަބްދުﷲ ޖާބިރު

ބައެއް ކުންފުނިތަކުން އިންޝުއަރެންސް ނުދޭ ކަމަށް ބުނެ ގަރާރެއް

އިންޝުއަރެންސް ކުންފުނިތަކުން ވިއްކާ އިންޝުއަރެންސް ޕްރިއަމްއަށް ފައިސާ ދައްކާފައި އޮތަސް ކާރިސާއެއް ދިމާވެގެން އިންވެސްޓަރުންނަށް ގެއްލުން ލިބޭ ހާލަތްތަކުގައި އެފަދަ ބައެއް ކުންފުނިތަކުން އިންޝުއަރެންސް ހަމަޖައްސައި ނުދޭ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ގަރާރެއް ހުށަހަޅުއްވައިފި އެވެ.

ޖާބިރުގެ ގަރާރުގައި ވަނީ، އިންޝުއަރެންސް ކުންފުނިތަކުން "އިންޝުއަރެންސް ޕްރިމިއަމް" ވިއްކަނީ އެ ގަންނަ ފަރާތެއްގެ މުދާތައް ބަލައި، އެ ކުންފުނިތަކުން ކަނޑައަޅާ އަގަކަށް ކަމަށެވެ. އިންވެސްޓަރުން އެ ގޮތަށް ޕްރިމިއަމް ގަންނަނީ ކާރިސާއެއްގައި ލިބޭ ގެއްލުންތަކަށް ފަރުވާދޭނެ ކަމަށް އިންޝުއަރެންސް ކުންފުނިން ދޭ ޔަގީން ކަމުގެ މައްޗަށެވެ.

ނަމަވެސް، ކުރިމަތިވާ ކާރިސާއެއްގެ ސަބަބުން ގެއްލުން ލިބުމުން އެ ގެއްލުމުން ސަލާމަތްވުމަށް އިންޝުއަރެންސް ކުންފުނިތަކަށް ހުށަހެޅުމުން އެ ގެއްލުމާ މެދު ހިލާފް އުފައްދައި، މާ ކުރިން ލިބިފައިވާ ގެއްލުމެއް ކަމަށް ބުނެ އެ ހުށަހެޅުން ރިޖެކްޓްކޮށް އިންޝުއަރެންސް ހަމަޖައްސައިނުދޭ ކަމަށް ގަރާރުގައި ބުނެފައިވެ އެވެ.

އިންޝުއަރެންސްއާ ބެހޭ ގާނޫނެއް ވުޖޫދު ވަން ދެން، މި ގޮތަށް އަމަލު ކުރަމުންދާ ކުންފުނިތަކަކީ ކޮބައިތޯ ބެލުމުގެ މަސައްކަތް ކުރަން ގަރާރުގައި ގޮވާލާފައިވެ އެވެ. އަދި އެ ކުންފުނިތަކުން އަމަލު ކުރާ ގޮތުން އިންވެސްޓަރުންނަށް ލިބޭ ގެއްލުންތަކުން ސަލާމަތް ކޮށްދޭން އެޅެން ހުރި ފިޔަވަޅުތައް އަޅައިދޭން ވެސް ގޮވާލާފައިވެ އެވެ.

އީދު ބަންދާ ދިމާކޮށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މެދުކަނޑަލާފައިވާއިރު، ޖާބިރު ވަނީ މި މުއްދަތުގައި އިތުރު ގަރާރުތަކެއް މަޖިލީހަށް ހުށަހަޅުއްވާފައިވެ އެވެ. ކޮވިޑްގެ ހާލަތުގެ ސަބަބުން ގެއްލުން ލިބުނު ވިޔަފާރިތަކަށާއި ސްވެނިއާ ޝޮޕްތަކަށް އެހީވާން ދެ ގަރާރަކާއި، މަސައްކަތަށް އެކަށޭނަ ޖަލު ގައިދީން މިނިވަން ކުރާ ގަރާރެއް ހިމެނެ އެވެ.