ކޮވިޑް-19 އަށް ޕޮޒިޓީވްގެ ޖުލައި 11 ވަނަ ދުވަހުން ފެށިގެން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދިޔަ މަޝްހޫރު ސްޕަސްޓާރު އަމީތާބު ބައްޗަން ކޮވިޑް ޓެސްޓް ނެގެޓިވް ވުމުން ގެއަށް ފޮނުވާލައިފި އެވެ. ނަމަވެސް އަމީތާބާއެކު އެޑްމިޓް ކުރި އޭނާގެ ދަރިފުޅު އަދި މަޝްހޫރު އެކްޓަރު އަބީޝެކް ބައްޗަން އަދިވެސް އޮތީ ހޮސްޕިޓަލުގަ އެވެ. އޭނާގެ ނަތީޖާ ނެގެޓިވް ނުވާއިރު އިތުރު އެހެން ސިއްހީ މައްސަލަތަކެއް ވެސް ކުރިމަތިވެފައިވާ ކަމަށް އަބީޝެކް ކުރި ޓުވީޓެއްގައި ބުނެފައި ވެއެވެ.
އަބީޝެކްގެ އަނބިމީހާ އަދި މަޝްހޫރު ބަތަލާ އައިޝްވަރިޔާ ރާއީ ބައްޗަން އާއި އެމީހުންގެ ދަރިފުޅު އާރާދިޔާ ވެސް ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކުރި އެވެ. ނަމަވެސް އެމީހުން ވަނީ މީގެ ދުވަސްކޮޅެއް ކުރިން ކޮވިޑް ނަތީޖާ ނެގެޓިވްވެ އަދި ބަލި ފަސޭހަ ވެގެން ގެއަށް ގޮއްސަ އެވެ.
އަމީތާބުގެ ޓެސްޓް ނެގެޓިވްވީ ކަމާއި ގެއަށް ގޮސްފިކަން އަބީޝެކް ކުރި ޓުވީޓެއްގައި ޔަގީން ކޮށްދީފައި ވެއެވެ. އޭނާ ލިޔެފައިވާ ގޮތުގައި ގޭގައި އަމީތާބު ދުވަސްކޮޅަކު އަރާމު ކުރަން މަޑު ކުރާނެ އެވެ.
އަމީތާބުގެ ގެއަށް ކޮރޯނާ ވައިރަސް ވަން ގޮތެއް އަދި ނޭނގެ އެވެ. އެމީހުންނަށް ބަލި ޖެހެން މެދުވެރިވީ ސަބަބު އެ އާއިލާގެ އެއްވެސް މީހަކު ހާމަ ކޮށްފައެއް ނެތެވެ.
ބެލެވޭ ގޮތުގައި ފުރަތަމަ ބަލި ޖެހުނީ އަބީޝެކް އަށެވެ. އޭނާގެ ފިލްމެއް ޑަބް ކުރުމަށް ސްޓޫޑިއޯ އަކަށް ގޮސް އުޅުމުގެ ތެރޭގަ އެވެ.
އަމީތާބާއި އަބީޝެކް ޕޮޒިޓިވް ވުމުން އެމީހުންގެ ސްޓާފުންގެ ގޮތުގައި މަސައްކަތްކުރާ 25 މީހަކު ވެސް ޓެސްޓް ކުރި އެވެ. މި އެންމެންގެ ނަތީޖާ ވެސް ނެގެޓިވް އެވެ. އަދި އަމީތާބުގެ އަންހެނުން ޖާޔާ ބައްޗަން އާއި އަންހެންދަރިފުޅު ޝްވޭތާ ނަންދާގެ ޓެސްޓް ވެސް ވަނީ ނެގެޓިވް ވެފަ އެވެ.
އަމީތާބު ހޮސްޕިޓަލުގައި ހޭދަކުރި ދުވަސްތަކުގައި އިންޑިއާގެ އެކި ކަންކޮޅުތަކުގައި މީހުން ރެޔާ ދުވާލު އޭނާއަށް އަވަސް ޝިފާއެއް ލިބުން އެދި އަޅުކަންކޮށް ދުއާ ކޮށްފައި ވެއެވެ. އަދި ގެއަށް ގޮސް އަމީތާބު ކުރި ފުރަތަމަ ޓުވީޓްގައި މި އެންމެންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައި ވެއެވެ.