ވިޔަފާރި

އުރީދޫ އަތޮޅު ދުވުން ވާޗުއަލްކޮށް ދުވުމެއް ބާއްވަނީ

Aug 3, 2020

އުރީދޫ "އަތޮޅު ރަން" ގެ ނަމުގައި ވާޗުއަލް ދުވުމެއް ބާއްވަން ނިންމައިފި އެވެ.

މުއާސަލާތީ ހިދުމަތްދޭ އެ ކުންފުނީގެ 15 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ދުވުން އޮންނާނީ މި މަހުގެ 28 ވަނަ ދުވަހު އެވެ. ދުވުމާ ބެހޭ ގޮތުން، އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެން ނިޔާޒް ވިދާޅުވީ އަތޮޅު ރަންއެއް ބާއްވަނީ ކުޅިވަރު މެދުވެރިކޮށް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރޫހު ދައްކައިދޭން ކަމަށެވެ.

"މި ދަނޑިވަޅުގެ ގޮތުން އަޅުގަނޑުމެން މި ރަން ވާޗުއަލް ރަންއެއްގޮތުގައި ރާވާފައި މިވަނީ ގައިދު ރުކަމުގެ މުހިންމުކަމަށް ވެސް ވަރަށް ބޮޑު އިސްކަމެއް ދީގެން. އަތޮޅު ރަންއަކީ ފާއިތުވީ އަހަރުތަކުގައި އުރީދޫން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި ރައްޔިތުން ޑިޖިޓަލްކޮށް ގުޅުވާލަދިނުމުގައި ކުރެވިފައިވާ މަސައްކަތުގެ ރަމްޒެއް،" ނިޔާޒު ވިދާޅުވި އެވެ.

މި ދުވުމުގައި 20 އަތޮޅުން 20 ދުވުންތެރިން ބައިވެރިވާނެ އެވެ. އަތޮޅު ރަން ކުރިއަށްދާއިރު ސޯޝަލް މީޑިއާ މެދުވެރިކޮށް ރަންގެ ލައިވް ފޮޓޯ އާއި ވީޑިއޯތައް ބެލުންތެރިންނަށް ފެންނާނެ އެވެ.

އުރީދޫން ބުނީ އަތޮޅު ރަންގައި ބައިވެރިވާ ދުވުންތެރިންނަށް ހިތްވަރުދީ އެޗްޕީއޭ ގެ ގައިދުރުކަން ބަހައްޓަންޖެހޭ މިންގަނޑުގެތެރެއިން ބައިވެރިވުމަށް ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އުރީދޫން ދައުވަތުދޭ ކަމަށެވެ.

އެ ކުންފުނިން ދަނީ ކޮންމެ އަހަރަކު ވެސް "ކަލަރަން" ގެ ނަމުގައި ވެސް ދުވުމެއް ބާއްވަމުންނެވެ. މި ދުވުން މާލޭގެ އިތުރު އައްޑޫގައި ވެސް މިހާރު ބާއްވާފައި ވެއެވެ.