ހަބަރު

ބޮޑުފިނޮޅުން ހައްޔަރު ކުރި ބިދޭސީން އިމިގްރޭޝަނާ ހަވާލުކޮށްފި

ބ. ބޮޑުފިނޮޅުގައި މިދިޔަ މަހުގެ ތެރޭގައި ހިންގި ހަމަނުޖެހުމާއި ގުޅިގެން ހައްޔަރުކުރި ބިދޭސީން ފުލުހުންގެ ބަންދުން ދޫކޮށްލައިފި އެވެ.

މުސާރަނުދީ ގިނަ ދުވަސްވުމުގެ ސަބަބުން ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީންތަކެއްވަނީ މިދިޔަ މަހުގެ ތިންވަނަ ދުވަހު ހަމަނުޖެހުން ހިންގާ އެކަން ހުއްޓުވަންދިޔަ ފުލުހުންނާ ކުރިމަތިލާފައެވެ. އަދި އެ ރަށުގައި ތިބި ދިވެހިންތަކެއްވެސް ވަނީ ރަހީނުކޮށްފަ އެވެ.

މި މައްސަލައާއި ގުޅިގެން 19 ބިދޭސީއަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ދެ ފަހަރެއްގެ މަތިން ވަނީ އެ މީހުންގެ ބަންދަށް މުއްދަތު ޖަހާފަ އެވެ.

ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވާ ބިދޭސީން ރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށެވެ. އަދި އެ ބިދޭސީން އިމިގްރޭޝަނާއި ހަވާލު ކޮށް މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުންދިޔަ 179 ބިދޭސީންނަށް ހަތް މަހުގެ މުސާރަ ދީފައިނުވާތީ އެ މުސާރަދީ އެކަން އެންގުމަށް އާރްއައިއެކްސް ކުންފުންޏަށް ލޭބާ ރިލޭޝަން އޮތޯރިޓީ (އެލްއާރްއޭ)އިން ވަނީ އަންގާފަ އެވެ. ނަމަވެސް އަދިވެސް އެމީހުންނަށް މުސާރަ ދީފައިނުވާއިރު އެރަށުގައި ތިބި ބިދޭސީން ވަނީ މިހާރު އެރަށުން ބާލައި މާލެ އަށް ފޮނުވާލާފަ އެވެ.