މިދިއަ 24 ގަޑި އިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑް ބައްޔަށް އިތުރު 129 މީހުން އަނެއްކާ ވެސް ޕޮޒިޓިވް ވެއްޖެ އެވެ. އޭގެ ތެރެއިން 93 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ ބަންގްލަދޭޝްގެ 23 މީހަކާއި އިންޑިއާގެ އަށް މީހަކާއި ސްރީލަންކާގެ ހަތަރު މީހަކާއި އިންޑޮނޭޝިއާ މީހެކެވެ.
މިއަދު އެ އަދަދަށް މީހުން ޕޮޒިޓިވްވި އިރު އިއްޔެ ވެސް 215 މީހަކަށް ރާއްޖޭގައި ކޮވިޑް ބަލި ޖެހުނެވެ.
މިހާ ގިނަ އަދަދަކަށް މިރޭ މީހުން ޕޮޒިޓިވް ވުމުން ރާއްޖޭގައި ކޮވިޑް ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 4,293 އަށް އުފުލިފަ ވެ. ކޮވިޑަށް ޕޮޒިޓްވާ ނަމްބަރު އުފުލެމުން ދަނީ މިދިއަ ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ކޮންމެ ދުވަހަކުހެން ރިކޯޑް އަދަދަކަށް މީހުން ކޮވިޑަށް ޕޮޒިޓްވްވަމުން ދާތީ ކަންބޮޑުވުމެއް އުފެދި ކުރިން ލުއި ދިން ބައެއް ފިޔަވަޅުތައް އަލުން އަޅާފައި ވެސް ވަނިކޮށެވެ.
މިރޭ ގިނަ އަދަދެއްގެ ޕޮޒިޓިވް ނަތީޖާ އާއިރު މިރޭ 89 އަހަރުގެ ދިވެހި ފިރިހެނަކު ވެސް ވަނީ އެ ބަލީގައި މަރުވެފަ އެވެ، ޝިފާއެއް ނެތް މި ބަލީގައި ބޭރު މީހުން ވެސް ހިމެނޭ ގޮތަށް ރާއްޖެ މިހާތަނަށް 18 މީހަކު މަރުވެފައި ވެއެވެ. އިއްޔެ ވެސް ކޮވިޑްޖެހުނު މީހަކު މަރުވި އެވެ. އަދި މިއަދު ގެނބިގެން މަރުވި މީހަކުވެސް ފަހުން ޓެސްޓް ކުރި އިރު ޕޮޒިޓިވްވެފައި ވެއެވެ.
މިހާރު މިހާތަނަށް ކޮވިޑްގައި މަރުވި ދިވެހިންގެ އަދަދަކީ 13 އެެވެ. ބިދޭސީންގެ ފަސް މީހުންވެ.
ކޮވިޑާ ގުޅޭ ބައެއް ނަމްބަރުތައް
- މަރުވި ޖުމްލަ އަދަދު: 18
- މަރުވި ދިވެހިންގެ އަދަދު: 13
- މަރުވި ބިދޭސީން: 5
- ބަލިޖެހުނު ޖުމްލަ އަދަދު: 4,293
ރާއްޖޭގެ ކޮވިޑް ހާލަތު ވަރަށް ބޮޑަށް ގޯސްވެ ރާއްޖެ އަލުން ލޮކްޑައުން ކުރަން ބައެއް ފަރާތްތަކުން ގޮވާލަމުން ދަނިކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އާންމު އެންމެންގެ އެއްބާރުލުން ދިނުމަށް އިލްތިމާސް ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވީ ލޮކްޑައުންއަކަށް ދިއުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.
"ހުރިހާ ބޭފުޅުންގެ އެއްބާރުލެއްވުން ވަރަށް މުހިންމު. އިތުރު ފުރަބަންދަކަށް ދިއުމަކީ ކުރަން ރަނގަޅު ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.