ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މާސްކު ނާޅައިގެން 73 މީހަކު ޖޫރިމަނާ ކޮށްފި

Aug 4, 2020
1

މާސްކު ނާޅައި ބޭރުގައި އުޅުނު 73 މީހަކު ހުއްޓުވައި ޖޫރިމަނާ ކޮށްފި އެވެ. މިއީ މާސްކު ނާޅާ އުޅޭ މީހުން ޖޫރިމަނާ ކުރަން ފެށިތާ ތިންވަނަ ދުވަހެވެ.

އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް މިރޭ ވިދާޅުވީ ބޭރުގައި އުޅޭއިރު މާސްކު ނާޅާ އުޅުނު 645 މީހަކަށް މިހާތަނަށް ނަސޭހަތް ދީފައިވާ ކަމަށެވެ. އަދި 73 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ. މިއީ މިދިޔަ ތިން ދުވަހުގެ އަދަދުތައް އެއްކޮށެވެ.

ސިއްހީ ކުއްލި ހާލަތުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން، ބޭރަށް ނުކުމެ އުޅޭއިރު އަނގަ އާއި، ނޭފަތުގެ އިތުރުން ދަތްދޮޅި ނިވާ ވާގޮތަށް މާސްކު އެޅުން ހޮނިހިރު ދުވަހުން ފެށިގެން ވަނީ ލާޒިމުކޮށްފަ އެވެ.

އެ އުސޫލުގައިވާ ގޮތުން، ދެ އަހަރު ދަށުގެ ކުޑަކުދިންނާއި، ކަސްރަތު ކުރާ ވަގުތުތަކުގެ އިތުރުން މީހެއްގެ އެހީއާ ނުލައި މާސްކު ނޭޅޭ މީހުން ފިޔަވައި އެހެން ހުރިހާ މީހުން ބޭރުގައި އުޅޭއިރު މާސްކު އެޅުން ވަނީ ލާޒިމެވެ. އެ އެންގުން ތަންފީޒު ކުރުމުގައި ފުލުހުން މިއަދު ވަނީ ހަރަކާތްތެރިވާން ފަށާފަ އެވެ.

މާސްކު ނާޅާ ބޭރުގައި އުޅޭ މީހުން 1،000 ރުފިޔާއިން ޖޫރިމަނާ ކުރެ އެވެ.

ނަޒްލާ ވިދާޅުވީ މަގުމަތީގައި މާސްކު ދަތްދޮޅިއާ ހަމައަށް ތިރިކޮށްގެން ސިގިރޭޓްބޯން މީހުން ތިބޭ ކަމަށާ ނަމަވެސް އެއީ މަނާ ކަމެއް ކަމަށެވެ. އަދި ކެފޭ އާއި ހޮޓާ، ރެސްޓޯރަންޓްތަކަށްދާ މީހުން ވެސް މޭޒު ކައިިރިއަށް ގޮސް އިށީންނަންދެން މާސްކު އަޅައިގެން ތިބެން ޖެހޭނެ ކަމަށެވެ.

އޭގެ އިތުރުން، ރޭގަނޑު 11:00 ފެށިގެން ފަތިހު 5:00 ބޭރުގައި އުޅުން ވެސް މަނާ ކޮށްފައިވާއިރު، އެކަން ތަންފީޒު ކުރުމަށް އިތުރު މަސައްކަތްތަކެއް ކޮށް، އެ އެންގުމާ ހިލާފުވާ މީހުންނަށް ފުލުުހުން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.