ސިވިލްސާވިސް ކޮމިޝަން

ޖަލްސާތައް ނެތަސް ސީއެސްސީ ފޯމް ބަލައިގަންނާނެ: މަޖިލިސް

Aug 3, 2020

ރައްޔިތުންގެ މަޖިލީހުގެ މި ހަފްތާގެ ޖަލްސާތައް ކެންސަލްކުރި ނަމަވެސް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) މެމްބަރު ކަމަށް ކުރިމަތިލާ ބޭފުޅުންގެ ފޯމްތައް ބަލައިގަންނާނެ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިރޭ ބުނީ ސީއެސްސީން މެންބަރުންގެ ތެރެއިން ހަތަރު މެމްބަރަކު ތިއްބެވި ގޮނޑި ހުސްވެފައި ވާތީ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލާފައި އޮތް އޮތުން އޯގަސްޓު މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކޮށްފައިވާ ކަމަށެވެ. މި މުއްދަތުގައި މަޖިލީހުގެ ޖަލްސާތައް ނެތް ނަމަވެސް މަޖިލީހުގެ އިދާރާ ހުޅުވާފައި ހުންނާނެ ކަމަށާ ސީއެސްސީގެ މެންބަރު ކަމަށް ކުރިމަތިލާ ބޭފުޅުންގެ ފޯމްތައް ބަލައިގަންނާނެ ކަމަށެވެ.

މަޖިލީހުގެ އިދާރާއިން ބުނީ އެކަމަށް ޝައުގުވެރިވާ މީހުން ފޯމާއި އިގުރާރު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށަހަޅަން އެދޭ ކަމަށް ވެސް ބުނެފައި ވެއެވެ.

ސީއެސްސީގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭ އުމުރުން 30 އަހަރުވެ، އިންތިހާބީ މަގާމެއް ފުރަމުން ނުދާ ދިވެއްސަކަށް ވާން ޖެހެ އެވެ. އިސްލާމް ދީނުގައި ހައްދު ކަނޑައެޅިފައިވާ ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ވެގެން ނުވާނެ އެވެ. ޖިނައީ ކުށެއް ކުރި ކަން ވޭތުވެދިޔަ ފަސް އަހަރު ޝަރީއަތަށް ސާބިތުވެފައި ނުވުމާއި ފުރަތަމަ ޑިގްރީގެ ފެންވަރުގެ ތައުލީމާއި، ހިންގުމުގެ ދާއިރާގައި މަދުވެގެން 10 އަހަރު ހިދުމަތް ކުރައްވާފައިވުން ޝަރުތު ކުރެ އެވެ.

މެންބަރު ކަމަށް ކުރިމަތިލާން މިދިޔަ މަހު 14 ގައި ފުރަތަމަ ހުޅުވާލީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން، ކޮމިޝަންގެ ރައީސް ކަމުގައި ހުންނެވި ޑރ. އަލީ ޝަމީމާއި، ނައިބު ރައީސް ކަން ކުރެއްވި ޝަހީދު މުހައްމަދުގެ އިތުރުން މެންބަރުކަން ކުރެއްވި ޒަކަރިއްޔާ ހުސައިން އާއި އިބްރާހިމް ޝަހީގު ވަކި ކުރަން ނިންމުމުންނެވެ.

މަޖިލީހުގައި އެ ހަތަރު ބޭފުޅުން ވަކިކުރަން ވޯޓަށް އަހަން އެޖެންޑާކޮށްފައި ވަނިކޮށް، ޝަމީމާއި ޝަހީދާއި ޒަކަރިއްޔާ ވަނީ އިސްތިއުފާ ދެއްވާފަ އެވެ. ޝަހީގް ވަކިކުރަން 48 މެންބަރުންގެ ވޯޓުން ތަޅުމުގައި ފާސްކުރީ އެވެ.

މިހާރު ސީއެސްސީގައި އިންނެވީ މެންބަރު ފާތިމަތު އާމިރާ އެކަންޏެވެ. އާމިރާ ވަކި ކުރަން ކޮމިޓީގައި ނެގި ވޯޓުގައި ބައިވެރިވި ނުވަ މެންބަރުންގެ ތެރެއިން ފަސް މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވީ އޭނާ ވަކި ނުކުރާށެވެ، އޭނާއަކީ ރޮޒައިނާ އާދަމްގެ ބޮޑު ދައިތަ އެވެ.