ޓޫރިޒަމް

ޓޫރިޒަމް އިޝްތިހާރު ކުރުން ހުރީ ކޮން މިސްރާބެއްގައި!

މި އަހަރު ފެށުނީއްސުރެ މުޅި ދުނިޔެ ކުރިމަތި ލަމުންމިދާ ކޮވިޑް-19 ގެ ނުރައްކާތެރި ބަލިމަޑުކަމާ ގުޅިގެން ދުނިޔޭގެ އެކިއެކި ބްރޭންޑް ތަކާއި އެކި ގައުމުތަށް މާކެޓްކުރާ ފަރާތްތަކުން ވަނީ ތަފާތު އެތަށް ބަދަލުތަކެއް، އެ ފަރާތްތަކުގެ މާކެޓިން ހަރަކާތްތަކަށް ގެންނަން ފަށާފަ އެވެ. އެތައް ދުވަހެއް ފުރަބަންދުގައި ތިބުމަށް ފަހު ދެވުނު ލުއިތަކާއެކު ބަލި ޖެހޭ މީހުން އެތައްގުނައެއް އިތުރުވާން ފެށުމާއެކު، ދުނިޔޭގެ ގިނަ ގައުމުތަކުން މިހާރު ދެވަނަ ފަހަރަށް ފުރަބަންދަށް ދާން ވަނީ ޖެހިފަ އެވެ. މި ބައްޔަށް ރާއްޖޭގައި މިހާރު ފައްސިވާ މީހުންގެ އަދަދުވަނީ ބިރު ގަންނަން ޖެހޭ މިންވަރަށް އިތުރުވާން ފަށާފަ އެވެ.

މި ބައްޔަށް ދާއިމީ ފަރުވާއެއް ނުހޯދި، ކުރިޔަށް އޮތް ތަނުގައި ކަންކަން ވާނެގޮތް އަންދާޒާ ކުރަން ވެސް އުނދަގޫ މި ހާލަތުގައި، ދުނިޔޭގެ އެކި ބްރޭންޑްތަކުގެ މުދަލާއި ތަކެތި އަދި ހިދުމަތް މާކެޓް ކުރަން ތަފާތު އެތަށް ޗެލެންޖްތަކާ ދަނީ ކުރިމަތި ލަމުންނެވެ. ހާއްސަކޮށް ފަތުރުވެރިކަމާ ގުޅުންހުރި ހިދުމަތް މާކެޓް ކުރުމަކީ ނުހަނު އުނދަގޫ ކަމެކެވެ. އެކަމަކު ދިވެހިރާއްޖެ ފަދަ، ގައުމުގެ އެކްސްޕޯޓްގެ އައްޑިހަ ވަރަކަށް ޕަސެންޓަކީ ފަތުރުވެރިކަމާ ގުޅުންހުރި ހިދުމަތް ކަމަށްވެފައި، ގައުމަށް އެންމެ ގިނަ ބޭރުފައިސާ ވަންނަ ސިނާއަތް ކަމަށްވާ ފަތުރުވެރިކަމުގެ ސިނާޢަތް މާކެޓް ކުރަން ދެން ކުރަންވީ ވަކި ކަމެއްނޭގި ދެއަތް އުރާލައިގެން ތިބެވޭކަށް ނެތެވެ.

މިހާލަތަށް އާދެވުނުއިރު، ދިވެހިރާއްޖެ މިއޮތީ އިގްތިސޯދީ ގޮތުން ވަރަށް ނާޒުކު ހިސާބެއްގަ އެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގެ ސަރުކާރުން އެ ގައުމުތަކުގެ ވިޔަފާރި ތަކަށާއި ވަޒީފާ ގެއްލި ހާލުގައި ޖެހުނު ރައްޔިތުންނަށް، ފުރަބަންދުގެ ހާލަތުގައި ތަފާތު އެތައް މާލީ އެހީތަކެއް ވަނީ ފޯރުކޮށްދީފަ އެވެ. އިގްތިސޯދަށް ކުރާނެ ނޭދެވޭ އަސަރު ކުޑަކުރުމުގެ ބޭނުމުގަ އެވެ. އިގްތިސޯދު އަލުން "ރީބައުންސް" ކުރުމަށް ފަސޭހަ ކުރުމަށްޓަކަ އެވެ. ދުނިޔޭގެ ގިނަ ގައުމުތަކަކީ އަމިއްލަ ހާލަތާއިގެން އުޅެވޭވަރުގެ ގައުމުތަކެވެ. އެކަމަކު ރާއްޖޭގެ އިގްތިސޯދު ބަރޯސާވާން ޖެހިފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ މައްޗަށް ކަމުން، މި ހާލަތާ ގުޅިގެން އިގްތިސޯދަށް އެންމެ ނުރަގަޅު އަސަރެއް ކުރާނެ އެއް ގައުމަކީ ދިވެހިރާއްޖެ އެވެ.

އިގްތިސޯދު ރަނގަޅުކުރުމަށް މި ނާޒުކު ދަނޑިވަޅުގައި ކުރެވޭނެ އެންމެ މުހިންމު އެއްކަމަކީ ފަތުރުވެރިކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރުމެވެ. ރާއްޖޭގައި މިވަގުތު އެންމެ ރަނގަޅު ވަސީލަތްތައް ބިނާ ކުރެވިފައިވާ ހަމައެކަނި ސިނާއަތަކީ ފަތުރުވެރި ކަމަށް ވުމުންނެވެ. އެންމެގިނަބަޔަކު ވަޒީފާއަދާކުރާ ސިނާއަތަކީ ވެސް އެއީ އެވެ. އެހެންކަމުން ދައުލަތަށް އެންމެބޮޑު އާމްދަނީ އެއް ލިއްބައިދެނީ ވެސް މި ސިނާއަތުންނެވެ.

އެހެން ސިނާއަތްތަކާއި ހިލާފަށް ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަކަކީ، ފަތުރުވެރިޔާ އެ ޕްރޮޑަކްޓެއް އުފައްދާ މަންޒިލަކަށް ގޮސްގެން ނޫނީ ބޭނޫންކުރެވޭ އެއްޗެއް ނޫނެވެ. އަމިއްލަޔަށް އެ މަންޒިލަކަށް ދެވިގެން ނޫނީ އެ މަންޒިލެއްގެ އިހްސާސްތައް ފުރިހަމަ ގޮތުގައި ލިބި ނުގަނެވެ އެވެ. ލޮލަށް ފެނި، އަތްލެވި، ފިޒިކަލީ ތަޖުރިބާ ކުރެވިގެން ނޫނީ އެ މަންޒިލްތަކުގެ ގުދުރަތީ ރީތި ކަމާއި، މާހައުލުގެ ފުރިހަމަކަމާއި، ތިމާވެށީގެ ނާޒުކު ކަމާއި، މީހުންގެ އޯގާތެރި ކަމާއި، ސާދާ މިޒާޖާއި، މާޒީގެ ތާރީހާއި، ސަގާފަތާއި އާދަކާދައިން ލިއްބައިދޭ ޢިބްރަތާއި އާސާރީ ވެލިއުސް، ފުރިހަމަޔަށް އިޙްސާސް ނުކުރެވޭނެ ކަންކަމަށް ވާތީ އެވެ.

ނިއުނޯމަލްގެ މި ހާލަތުގައި، މީހުން އެއްތަނުން އަނެއްތަނަށް ގެންދިއުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާއިރު، ދުނިޔޭގެ އެކި ގައުމުތަކުން ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތައް ވިއްކުން އިތުރު ކުރުމަށް އެތައްކަމެއް، ނުވަތަ އެތައްގޮތެއް ދަނީ އީޖާދުކޮށް ތަޖްރިބާ ކުރަމުންނެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައި ކުރާހުރިހާ ކަމަކީ ފަހަރުގައި ރާއްޖޭގައި ކުރެވޭނެ ކަންކަމަށް ނުވެދާނެ އެވެ. ނަމަވެސް ސޯޝަލް މީޑިއާގެ ޑިޖިޓަލް ޗެނަލްތައް ބޭނުން ކޮށްގެން ފަތުރުވެރިކަން އިޝްތިހާރު ކުރުމަކީ ކުރެވިދާނެ ކަމެކެވެ. ބޭނުންވާ އޯޑިއަންސަކަށް ޓާގެޓްކޮށް ދޭން ބޭނުންވާ މެސެޖް އެއޯޑިއަންސަށް ފޯރުކުރެވޭކަން ކަށަވަރު ކުރެވޭނަމަ އެވެ. އެކަމަކު މި ހާލަތުގައި ކުރާ ހަމައެކަނި ކަމަކީ ސޯޝަލް މީޑިޔާގައި ދުވާލަކު ޕޯސްޓެއް ކޮށްލުން ކަމަށްވާނަމަ އެވަރަކުން ނުފުދެއެވެ.

މި ހާލަތުގައި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި އިތުބާރު އުފެއްދުމަށް ތަފާތު ގިނަކަންތަކެއް ކުރަން ޖެހޭނެކަމަށް ބެލެވެ އެވެ. ރާއްޖޭގައި، ސްޓެރެޓެޖިކް ލެވެލްގައި ކުރެވިދާނެ ކިތަންމެ ކަމެއް އެބަހުއްޓެވެ. ދައުލަތުގެ ކަމާގުޅުންހުރި ތަފާތު ވުޒާރާތައް ގުޅިގެން ކެބިނެޓް ލެވެލްގައި ކުރެވިދާނެ އެތައްކަމެއް އެބަހުއްޓެވެ. އެފަދަ ކަންކަން ދެނެގަނެ ޕްލޭންތަކެއް އެކުލަވާލެވި އެފަދަ މަގުޗާޓެއް ތަންފީޒު ކުރަންވީ ވަގުތު މިހިރަ ފަހަނައަޅާ ދަނީ އެވެ.

މި ސިނާޢަތުގައި ވަޒީފާ ގެއްލިފައިވާ އެތައް ދިވެހިންގެ ވަޒީފާ އާއި، މިނިމަމް ވޭޖާ ގުޅުންހުރި ކަންކަމާއި، ނިއުނޯމަލް ރެގިއުލޭޝަންތައް އެކުލަވާލާ ތަންފީޒު ކުރުމާ ގުޅުންހުރި އެތައް ހައްސާސް މައްސަލަތަކެއް ފުނިޖެހިފައިވާ މި ހާލަތުގައި، ފަތުރުވެރިކަމާ ބެހޭ ވަޒީރަކު ވީހާވެސް އަވަހަކަށް އައްޔަން ކުރުން މުހިންމުވެ އެވެ. ގައުމުގެ އިގްތިސޯދު ކޮޅަށްޖެހުމުގައި އެ ވުޒާރާގެ ދައުރު ބޮޑުވެފައި ފުޅާވުމުންނެވެ.

މި ހާލަތުގައި ކަންކަން ރާވާހިންގަން އެކުލަވާލެވޭ މުހިންމު އިންތިޒާމްތަކުގެ އެންމެ އިސް ފަރާތަކީ ފަތުރުވެރިކަމާބެހޭ ވަޒީރެވެ. ސިނާއަތާ ގުޅުންހުރި ސްޓެރެޓެޖިކް އެންމެހާ ކަންކަމުގައި ސަރުކާރުގެ ފަރާތުން ވިލަރެސްކުރާ ފަރާތަކީ ވެސް އެއީ އެވެ.

މީގެ އިތުރުންވެސް ކަމާގުޅުންހުރި އެންމެހާ އިދާރާތައް ގުޅިގެން މުޅި ގައުމުގައި ގިނަ ޢަދަދަކަށް ކޮވިޑް-19 އަށް ޓެސްޓް ކުރެވި އަވަސް ނަތީޖާ ލިބޭނެ އިންތިޒާމެއް ރޭވެންޖެހެ އެވެ. ފަތުރުވެރިންގެ އިތުބާރާ ޔަގީންކަން އާލާ ކުރުވުމަށާއި ގައުމުގައި ބަލި ކޮންޓްރޯލް ކުރުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރުން ކޮންމެހެން ބޭނުންތެރި އެވެ. ބަލި ނެތް ސަރަހައްދުތަށް ކަނޑައަޅާ ރާއްޖޭގެ ޖަޒީރާ ވަންތަކަމުގެ އެޑްވާންޓޭޖް ނެގުމަށެވެ. ރަނގަޅު ހަރުދަނާ މަގުޗާޓަކާއެކު ކަންކަން ރާވާހިންގާ، އެންމެންނަށް ރައްކާތެރި ތަނަކަށް ރާއްޖެ ހެދުމަށް ޓަކައެވެ. މިގޮތުން ކުރެވޭ އެންމެހާ ކަންކަމުގެ ވާހަކަ، ރާއްޖެ ޕްރޮމޯޓްކޮށް އިޝްތިހާރު ކުރުމަށް ބޭނުން ކުރެވިދާނެއެވެ.

ކަސްޓަމަރުންގެ އިތުބާރާއި ޔަގީންކަން އުފެއްދުމަށްޓަކައި ބޮޑެތި ހޭދައާއި އާ ގޮތްތަކާއި ތަފާތު ކޮންސެޕްޓްތަށް، ސަރަހައްދީ ފެންވަރުގައާއި ދުނިޔޭގެ ފެންވަރުގައި ތަޢާރަފްކުރަމުންދާ ބްރޭންޑެއް ކަމަށްވާ "އެމިރޭޓްސް" ފަދަ އެއާލައިނަކާއެކު ޖޮއިންޓް ކެމްޕެއިނެއް ހިންގިއްޖެނަމަ އެކަމުގެފައިދާ އެތައް ގުނައަކަށް ކުރާނެކަމަށް ބެލެވެ އެވެ. މި ނޫނަސް ތަފާތު "އައުޓް އޮފް ދަ ބޮކްސް" އެތައް ކަމެއް ކުރެވިދާނެ އެވެ. ރާއްޖޭގެ ވަރަށް މަދު ރިސޯޓަކުން ނޫނީ ނިއުނޯމަލް އޮޕަރޭޝަނާ ބެހޭ ޕްރޮމޯޝަނަލް މާކެޓިން ހަރަކާތެއް ނުފެނެ އެވެ. ގައުމުގެ ނެޝަނަލް ޕްރޮމޯޝަންގެ މާބޮޑު ހަރަކާތެއްވެސް ނުފެނެ އެވެ.