ދުނިޔެ

ޔަމަނު އިސް ވެރިން ތިއްބެވި ހޮޓަލަށް ރޮކެޓު ހަމަލާއެއް

Oct 6, 2015

މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ޔޫއޭއީގެ ސިފައިންގެ ބަޔަކު ހިމެނެއެވެ. ޔަމަނު ސަރުކާރުގެ އެއްވެސް މިނިސްޓަރަކު ނުވަތަ އޮފިޝަލަކު މި ހަމަލާގައި މަރުވި ކަން ނުވަތަ ޒަހަމް ވި ކަން އަދި ޔަގީން ކުރެވިފައެއް ނުވެއެވެ. ނަމަވެސް މި ހަމަލާއިން ރައީސް އަބްދު ރައްބޫ މަންސޫރު ހާދީ ވަނީ ސަލާމަތްވެވަޑައިގެންފަ އެވެ. ޔަމަނުގެ އެ ސިޓީގައި ހުންނަ މި ހޮޓަލަށް ހަމަލާދިން ވަގުތު ރައީސް ހުންނެވީ ހޮޓަލުގައި ކަން ވެސް ޔަގީން ކުރެވިފައެއް ނުވެއެވެ.

މިއީ ސަރުކާރު ވައްޓާލުމަށް ހަނގުރާމަ ކުރަމުންދާ ހޫތީން ދިން ހަމަލާއެއްކަން އަދި ޔަގީން ކުރެވިފައި ނުވާއިރު، މި ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ.

ޔަމަނުގައި ހިނގަމުންދާ ދާހިލީ ހަމަނުޖެހުން ތަކުގައި އެތައް ހާސް ބަޔަކު ވަނީ މަރުވެފައެވެ. އިދިކޮޅު ހޫތީ ހަނގުރާމަވެރިން ވަނީ ޔަމަނުގެ ވެރި ރަށް ސަންއާ ހިފާފައެވެ. ޔަމަނުގެ ސަރުކާރު ދިފާއު ކުރުމަށް ސައުދީ އަރަބިއްޔާއިން އަސްކަރީ އެހީ ދެމުން ދާއިރު އިދިކޮޅު ހޫތީންނަށް އެހީތެރިވަނީ ސައުދީއާއި ވާދަވެރި އީރާނުންނެވެ.