(ސޯޅަވަނަ ބައި)
ބޭރަށް ނުކުމެ ގޮނޑީގައި ހަމަޖެހިލަމުން ދެ ލޯ މަރައިލެވުނެވެ. އޮފިސަރު ދެއްކި ވާހަކަތަކާ މެދު ފުންކޮށް ވިސްނައިލެވުނެވެ. ހަގީގަތުގައި ވެސް އެއީ ހައްލު ހޯދަންވީ ކަންކަމެވެ. ވިސްނާ ފިކުރު ކުރަންވީ ކަންކަމެވެ. އެކަމަކު އަހަރެން މީ ކާކު ހެއްޔެވެ؟
"ފިނާގެ އެހީތެރިޔާ." ނަރުސް ކުއްޖެއްގެ އަޑު އިވުނު އިރަށް ކޮށްޅަށް ތެދުވެވުނެވެ.
ދުވެފައި ކަހަލަ ގޮތަކަށް އެ ކުއްޖާގެ ގާތަށް ދެވުނެވެ. އަހަރެންގެ ހަރަކާތްތައް ހުރި ގޮތުން ކަން ނޭނގެއެވެ. އެ ކުއްޖާ ހުރީ ފާޑަކަށް ހިނި އައިސްފައެވެ.
"ކިހިނެއްވީ؟" އަވަސްއަވަހަށް އަހައިލެވުނެވެ.
"ޕޭޝަންޓް ގޮވާލައްވާ އެބަ."
އަހަރެން އެތެރެއަށް ވަނީމެވެ. އޭރު ހިތް ހީވަނީ ބޭރަށް ނުކުންނަށް އުޅޭހެންނެވެ. އެހައި ވެސް ބާރަށް ތެޅެމުން ދެއެވެ. ލޭގެ ހިނގުން އަވަސްވެ މީހާގެ ނޭވާ ވެސް އަވަސްވާހެން ހީވަމުން ދިޔައެވެ. ވާނީވެސް އެހެންތާއެވެ. މިހުރިހާ އިރު އުޅެން މި ޖެހުނީ ފިނާއާ ދުރުގައެވެ. އިންނަން މި ޖެހުނީ އިންތިޒާރުގައެވެ. އެ ހާލުގައި އެކަނިމާ އެކަނި ބާއްވާފައެވެ.
ނަރުސް ކުއްޖާގެ ފަހަތުން އަހަރެން ލަސް ފިޔަވަޅުތަކެއް އަޅަމުން ކުރިއަށް ދިޔައީމެވެ. ފިނާ އޮތް އެނދު ކައިރިއަށް ދެވުނު އިރަށް ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް އޮހިގަތެވެ. ފިނާގެ މޫނު ފެނިފައި ލަގޮނޑި ފަޅައިގެންދާ ހެން ހީވިއެވެ. އަޑިވަދެފައިވާ ދެ ލޮލާއި ހިނިކައިފައިވާ ދެ ތުންފަތް ފެނިފައި އަހަންނަށް ހުއްޓެވުނެވެ. އަވަސް އަވަހަށް އަތުގެ ނުފުށުން ކަރުނަތައް ފޮހެލީމެވެ. ހިތްވަރު ކުރަންވީ ވަގުތަކީ މިއީ ކަމަށް ވިސްނުނީމައެވެ. ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލީމެވެ. ފިނާ އަހަންނާ ދިމާއަށް ބަލައިލިއެވެ.
އެ ބަލައިލުމުގައި ވަނީ ވޭނީ އިހުސާސެކެވެ. އޭނާ ލަސްލަހުން ހިންދިރުވާލިއެވެ. އަހަންނަށް އޭނާގެ ހަށީގައި އަޅަމުންދިޔަ ވޭންތައް އިހުސާސް ކުރެވޭ ކަހަލައެވެ. އޭނާގެ ހިތުގެ ކެކުޅުންތައް އިވޭ ކަހަލައެވެ. އެހެންވެ މަޑުމަޑުން ފިނާ ގާތަށް ގުދުވެލީމެވެ. އޭނާގެ އަތްތިލައިގައި ހިފައިލީމެވެ. އައިވީ ފުޅިއަށް ބަލައިލީމެވެ.
ފިނާ ދެ ލޮލުން ހޯސް ލައިފައި ކަރުނަތައް އޮހިގަތެވެ. އޭނާގެ ދެ އަތް ތުރުތުރު އަޅާން ފެށިއެވެ. މޫނުމަތީގެ ކުލަ ޖަންބު ކުލައަށް ވަމުން ދިޔައެވެ.
"ފިނާ ނޫން. ނޫން،" އަހަންނަށް ބޭއިޚްތިޔާރުގައި ބުނެލެވުނެވެ. "ކެތްކުރަންވާނެ. ފިނާއަކީ ކެތްތެރި މީހެއް. ފިނާ އިހަށް ހަމަޖެހިލާ. މާބޮޑަށް ހާސްނުވޭ. ހާސްނުވޭ."
ފިނާއަށް ވަމުންދިޔަ ގޮތް ފެނިފައި އަހަންނަށް ތެޅި ގަނެވުނެވެ. އޭނާގެ ނޭވާލުން އަވަސްވަމުން ދިޔައެވެ. ފިނާގެ މެއަށް ތަދެއް އަރައިގެން އުޅޭހެން އޭނާ އަތުން މޭގައި ފިރުމަން ފެށިއެވެ. މަޑުމަޑުން މޭކަށިގަނޑާދިމާ ހިއްލަމުން ދިޔައެވެ. ހީވަނީ ނޭވާ ނުލެވިގެން އުޅޭހެންނެވެ. ނޭވާލެވޭތޯ މަސައްކަތް ކުރާހެންނެވެ. އަހަންނަށް ގޮވާލެވުނީ ނަރުހުންނަށެވެ. ޑޮކުޓަރަށެވެ. ނަރުހުންގެ ހަރަކާތްތައް އަވަސްވިއެވެ. އަހަރެން ދުރަށް ޖެހިލީމެވެ. އެންމެފަހުން ބޭރުގައި މަޑުކޮށްލަން އިރުޝާދު ދިނެވެ. ހިތުގައި އަތްއަޅައިގެން ހުރެ ބޭރަށް ނުކުތީމެވެ. ހިތައި ދެކޮޅަށެވެ.
އަހަންނަށް ދެކޮޅަށް ހިނގެން ފެށުނެވެ. އެއްފަހަރު ގޮނޑީގައި އިށީނދެލެވުނެވެ. އަނެއް ފަހަރު ތެދުވެވެއެވެ. އަނެއްކާ ވެސް އިށީނދެލެވެއެވެ. ދެކޮޅަށް ހިނގަމުން ދެއަތުގެ އިނގިލިތަކުން ކަށި ގޮއްވެއެވެ.
އެންމެ ފަހުން ހޮސްޕިޓަލު ބޭރަށް ނުކުތީމެވެ. ބޭރު މަގުގައި ދެކޮޅަށް ހިނގައިލެވުނެވެ. އިރުކޮޅަކުން އެތެރެއަށް ވަދެވުނެވެ. ނަރުހުންގެ ޖަގަހައަށް ގޮސް ޚަބަރު ބަލައިލެވުނެވެ.
"ޑޮކުޓަރ ބައްދަލުކޮށްލައްވަން ބޭނުންފުޅުވެލައްވާ." ނަރުހުންގެ ތެރެއިން އިސްކޮށް ހުރި ނަރުސް އިޝާރާތްކޮށްލެއްވީ ޖެހިގެން އޮތް ހަނި ގޯޅިއަށެވެ.
އަހަރެން އަވަސް އަވަހަށް ޑޮކުޓަރުގެ ކޮޓަރިއާ ދިމާއަށް މިސްރާބު ޖެހީމެވެ.
"ޝަރީފު ދެއްތޯ؟" ސުވާލުގެ ނަޒަރުން ޑޮކުޓަރ ބަލައިލިއެވެ. "އަޅުގަނޑު މީ ރަފީގު."
"އާދޭ، ފިނާގެ ފިރިމީހާ." އަހަރެން އަމިއްލައަށް ތައާރަފުވީމެވެ.
"މާ ބޮޑަށް ހާސްވެ ކަންބޮޑު ނުވުން މި ވަގުތަށް އޮތް ހައްލަކީ. މިހާރު މާދަމާ މާލެ ފޮނުވާލުމުގެ ކަންކަން ހަމަޖެހިފަ އެވަނީ. އެއީ އާއިލާއިން ވެސް އެގޮތަށް ބޭނުންވާތީ،" ޑޮކުޓަރ ރަފީގު ފުން ނަޒަރަކުން ބަލައިލިއެވެ. "ކޭސްގެ ގޮތުން އަޅުގަނޑުމެންނަށް ވެސް ވާނުވާއެއް ސާފެއް ނުވޭ."
"ފިނާގެ ހާލު ކިހިނެއްތޯ؟" އަހަރެންގެ ކެތްތެރިކަން ކޮޅުން ލަމުން ދިޔަ ކަހަލައެވެ.
"ޕޭޝަންޓް ވަރަށް ބޮޑަށް ރަނގަޅުވެ ހަމައަކަށް އެޅުމުން އަޅުގަނޑުމެން ޝަރީފަށް ދެންނެވީ ވެސް. ނަމަވެސް ޝަރީފު ފެނުމާއެކު ޕޭޝަންޓަށް އެއާ ބަދަލު ދެނެގަނެވޭތޯ މި ބަލަނީ. ބޮޑަށް ލަފާކުރެވެނީ މާ ބޮޑަށް ދެރަވެ ކަންބޮޑުވީމަ ދިމާވި ގޮތެއް ކަމަށް." ޑޮކުޓަރ އޮޅުން ފިލުވާދިނެވެ.
"މިހާރު ކިހިނެއްތޯ؟" އަނެއްކާ ވެސް އަހަންނަށް އަހައިލެވުނެވެ.
"މިހާރު މަޑުމަޑުން ހަމައަކަށް އެޅެމުންދަނީ،" ޑޮކުޓަރ މަޑުމަޑުން ބޯ ޖަހައިލިއެވެ. "މި ބައްދަލުކޮށްލީ ވެސް ސީދާ އަޅުގަނޑު މި ވާހަކަ ހިއްސާކޮށްލަން."
"ކޮން ވާހަކައެއްތޯ؟" ކެތްތެރިކަމެއް ނެތި ސުވާލު ކުރެވެން ފެށުނެވެ.
"އެނގޭ މީ ވަރަށް އުނދަގޫ ހާލަތަކަށް ވާނެ ކަން ވެސް. އަދި އުއްމީދު ވެސް ކުރާނެ ގޮތެއް ނޫންކަން ވެސް،" ޑޮކުޓަރު ލަސްލަހުން ބުނެލިއެވެ. "މި ވަގުތަށް އަޅުގަނޑުމެން މި ދަންނަވާ ގޮތަށް ކަންތައްތައް ކޮށްދެއްވުން އެންމެ ރަނގަޅުވާނީ."
"ކޮބައިތޯ؟" ނޭފަތު ކުރިއަށް ގިނަވަމުން ދިޔަ ދާތައް ފޮހެލަމުން ޑޮކުޓަރަށް ބަލައިލީމެވެ.
"މި ދެންނަވަނީ އިހަށް ޝަރީފު ގެއަށް ދުރުވެ އަރާމުކޮށްލާ. އަޅުގަނޑުމެން ޕޭޝަންޓްގެ ކަންކަމާ ހަވާލު. ދެންމެ މި ދިމާވި ގޮތުން، ޝާރީފު ފެނިއްޖެ ނަމަ އިތުރަށް ގޯސްވެދާނެ ކަމަށް ލަފާކުރެވޭތީ އިހަށް ހަމައަކަށް އެޅެންދެން ޕޭޝަންޓަށް ރެސްޓު ދެއްވަން ބޭނުންވާތީ މިގޮތަށް މިދެންނެވީ،" ޑޮކުޓަރު ފުންކޮށް ބަލައިލީ ސީދާ އަހަރެންގެ މޫނަށެވެ. "އެނގޭ މިއީ ފަސޭހަ ކަމަކަށް ނުވާނެ ކަން ވެސް. އެކަމަކު މިގޮތަށް ކަންތައް ކޮށްދެއްވާ."
"އަޅުގަނޑު މިތާ ބޭރުގައި މަޑުކޮށްލިޔަސް އޯކޭއެއް ނޫންތޯ؟" އަހަރެން ލަސްލަހުން ބުނެލީމެވެ.
"ބަލިމީހުން ބަލަން ތިބޭ މީހުންވާންވާނީ ވަރަށް ހިތްވަރުގަދަ، ކެތްތެރި ބަޔަކަށް އެހެން ނޫނީ ބަލިމީހާއަށް ވުރެ އެހީތެރިޔާގެ ހާލު ބޮޑުވާ ފަހަރު އަތުވެދާނެ." ޑޮކުޓަރު ނަސޭހަތުގެ ރާގުގައި ބުނެލިއެވެ.
"އެންމެ ރަނގަޅު. އަޅުގަނޑު ގޭގައި މަޑުކޮށްލާނަން،" މަތީ ތުންފަތުގައި ދަތް ޖައްސާލަމުން ބުނެލީމެވެ. "މިހާރު ހަމައަކަށް އެޅިއްޖެތޯ. ފިނާއަށް ވަރަށް ގެއްލުން ވެފައިތޯ."
"މިހާރު ހަމައަކަށް އެބަ އެޅޭ،" ޑޮކުޓަރު ތުންފަތަށް ބާރުކޮށްލިއެވެ. "ޖިސްމާނީ އަނިޔާ ކޮންމެ ވެސް ވަރަކަށް އެބަހުރި. ގަދަހެދުމަށް އުޅުމުގެ ތެރޭގައި ލިބިފައި ހުރި އަނިޔާ ބޮޑަށް ހުރީ. ކޮންމެވެސް ވަރަކަށް އަތާއި ފަލަމަސްގަނޑުގެ ބައެއް ތަންތަން ނޫފައި ގެންފަ ހުރީ. ތުންފަތް ވެސް ފަޅައިގެން ގޮސް. ނޭވާލުން މުޅިއަކުން ހަމައަކަށް ނޭޅެ. އުއްމީދު މި ކުރަނީ ރަނގަޅުވާނެ ކަމަށް."
"ރަނގަޅުވާނެތޯ؟" ހިތުގެ ހިނގުން އަވަސްވެ ނޭވާ ކުރުވިއެވެ.
"މާ ބޮޑަށް ފިކުރު ބޮޑު ނުކުރޭ. ކެތްތެރިކަން އިސްކުރޭ." ޑޮކުޓަރު ވެސް ހިތްވަރު ދެއްވިއެވެ.
ޑޮކުޓަރުގެ ކޮޓަރިން ބޭރަށް ނުކުމެ ފުންކޮށް ބަލައިލެވުނެވެ. ހޮސްޕިޓަލު ތެރެއިން ހިމޭންކަމާއި މަޑުމޮޅިކަން ނޫންކަމެއް އަހަންނަށް ފާހަގައެއް ނުކުރެވުނެވެ. ލަސްފިޔަވަޅު ތަކެއް އަޅަމުން ބޭރަށް ހިނގައިގަތީމެވެ.
ފޯނު ވައިބުރޭޓުވާހެން ހީވާތީ ޖީބުގައި އަތް ޖައްސާލީމެވެ. ހީވީ ރަނގަޅަށެވެ. ފޯނު ނަގައި އިސްކުރީނަށް ބަލައިލީމެވެ. ގުޅަނީ ފުލުސް އޮފީހުންނެވެ.
"އާތިފާއާ ބައްދަލުކުރެވޭނެ ގޮތް ވީމަ އެކަން އަންގައިލަދޭން. ކުލަ ހެދުމުގައި ހުރި ފުލުހެއް މިހާރު ހޮސްޕިޓަލު ދޮރުމަތީ ސައިކަލުގައި އިންނާނެ. ނުކުންނަ އިރަށް އޭނާ ފެންނާނެ. އޭނާއާ އެކުގައި ދޭ." އެކޮޅުން ވާހަކަދެއްކި މީހާގެ ވާހަކައިގައި ހުރީ ގާތް ގޮތެކެވެ.
އަވަސްއަވަހަށް ބޭރަށް ނުކުމެ ދެކޮޅަށް ކަޅި ހިންގައިލީމެވެ. ލޮލުގައި އަޅައިގަތީ ސައިކަލު މަތީގައި އިން މީހާއެވެ. އަހަރެން ނުކުތް އިރަށް އޭނާ ފޯނުގެ ސުކުރީނު ދިއްލައިލަމުން ހަނާއަޅައިލި މަންޒަރު ފެނުނެވެ.
"ޝަރީފު." އަމިއްލައަށް ތައާރަފުވެލީމެވެ.
އޭނާ އިޝާރާތްކުރީ ސައިކަލުގެ ފަހަތު ޝީޓެވެ. ސައިކަލަށް އެރުމާއެކު އޭނާ ދުއްވާލިއެވެ. ދިޔަ މަގުމަތީ އެއްވެސް ވާހަކައެއް ނުދައްކަމެވެ. އަހަރެން ބޭނުންވީ އެ ހިމޭންކަން ފޫ ދުއްވާލާށެވެ.
"ހަމައެކަނި ޑްރޮޕް ކޮށްލަންތަ؟" އަހަރެން ކަންބޮޑުވާ ގޮތްވިއެވެ.
"އަހަރެން މެސެޖުކޮށްލައިފަ އޮންނާނެ ނަންބަރު ނިމުނީމަ ގުޅައިލާ." ދުއްވަން އިން މީހާ ބުނެލިއެވެ.
އޭނާ ސައިކަލު ހުއްޓައިލިއެވެ. އަހަރެން ސައިކަލުން ފޭބީމެވެ. އެމީހާ ވެސް ސައިކަލުން ފޭބުމަށްފަހު އަހަންނާ ދިމާއަށް ބަލައިލިއެވެ.
"އާތިފާ ވެއްޖެ މި ގޭގައި. އެތެރެއަށް ވަދޭ. އޭނާއަކަށް ނޭނގޭނެ އަހަރުމެން މިގޮތަށް ކަންތައް ރޭވިކަމެއް. މިއީ އަންހެން ފުލުހެއްގެ ގެ. އޭނާއަށް ކޮންމެ ވެސް ވަރަކަށް އާތިފާ ޓިއުނު ކުރެވޭނެ. އެހެންވެ ލައްކަ މަސައްކަތުން މި ވަރު މިވީ." ލަސްލަހުން އެ ފުލުސް މީހާ ކިޔައިދިނެވެ.
"ދެން؟" ފާޑަކަށް ޖެހިލުންވާ ގޮތްވާން ފެށިއެވެ.
"އޭނާ ހުރިހާ ކަމެއް ހަމައަކަށް އަޅުވާނެ. އިތުރު މީހަކު ނޫޅޭނެ. އުޅޭނީ ހަމައެކަނި މިބުނާ ފުލުސް އަންހެން މީހާ، ސުޒީ ދެން އާތިފާއާ. ދެމީހުން ތިބީ ބޭރު ޖޯލީގައި. ދެން ދޭ. ނިންމައިފަ އަހަންނަށް ގުޅައިލާ. އޭރުން ބަލާ އަންނާނަން،" ގާތް ގޮތަކަށް އޭނާ ބުނެދިނެވެ. "ގުޑުލަކް."
ދެތިން ފަހަރަކު ސަލާމް ގޮވައިލުމުން ސަލާމް ބަލައިގަތީ އަންހެނެކެވެ. އަހަރެން މަޑުމަޑުން އެތެރެއަށް ވަނީމެވެ.
"އަހަން ޝަރީފު ދޯ! އާދޭ އެތެރެއަށް އަންގައި ވެސް ނުލާ ވިއްޔާ." އެ އަންހެން މީހާ އަވަސް އަވަހަށް ވާހަކަދެއްކިއެވެ.
އަހަންނަށް ޔަގީން ކުރެވުނީ އެއީ ސުޒީ ކަމެވެ. ހީވަނީ ސުޒީ އަހަރެން އަންނާނެ ކަމަށް މާކުރިން ތައްޔާރުވެފައިވާ ހެންނެވެ.
"ހަލޯ. ހަލޯ." ސުޒީއަށް ފޯނެއް އައުމުން އޭނާ ކަންފަތުގައި ފޯނު ޖައްސާލިއެވެ.
އަހަންނަށް ބަލައިލެވުނީ އާތިފާ އަށެވެ. އޭނާ އިނީ ފާޑަކަށް އަހަރެންގެ މޫނަށް ބަލާށެވެ. ރުޅި އައިސްފައި އިން ކަހަލަ ގޮތަކަށެވެ.
"އާންޓީ، ވަރަށް ދެރަ ގޮތެއް މި ދިމާވީ. އަހަރެން ހުންނާނީ ޝަރީއަށް ވަރަށް މީރު ކޮށް ކާން ވެސް ހަދައިފަ. އެކަމަކު ކުއްލިއަކަށް އޮފީހަށް ދާން ޖެހިއްޖެ. އާންޓީ ޝަރީ ގާތު މަޑުކޮށްލަން ވީނު؟ ޝަރީ ހިނގާ ކާން ދަމާ! އަހަރެން އަންނަންދެން ޝަރީއާއެކު މަޑުކޮށްލަ ދޭންވާނެ އިނގޭ، އާންޓީ." ސުޒީ ނިތުން އިޝާރާތެއް ކޮށްލަމުން އަހަންނާ ދިމާއަށް ބަލައިލިއެވެ.
"އަހަރެން ފަހުން އަތުވެދާނަމޭ." ސުޒީގެ މޫނުމަތީގެ ހަރަކާތްތައް ތަރުޖަމާ ކުރަން މާއުނދަގުލެއް ނުވިއެވެ.
"ނޫނޭ! މާ ގިނަ އިރެއް ނުވާނޭ. ހަމަ ގޮސް އެއްޗެއް ހަވާލުކޮށްލައިފަ މި އަންނަނީ. އަހަންނަށް އާދެވޭނެ ޝަރީ ނިންމާލުމުގެ ކުރިން." ސުޒީ އެއްލޯ މަރައިލަމުން އަހަންނަށް ބަލައިލިއެވެ.
އާތިފާ އިނީ އިސްޖަހައިގެންނެވެ. އޭނާ ބަލައިލަން ވެސް ބޭނުން ނުވަނީ ކަންނޭނގެއެވެ.
"އާންޓީ، އޯކޭ ދޯ." ސުޒީ އާދޭސްކުރާ ރާގުގައި ބުނެލިއެވެ.
އާތިފާ ބޯ ޖަހައިލިއެވެ. (ނުނިމޭ)