ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މާލޭގައި ވަކި ގަޑިތަކެއްގައި ކާފިއު ހިންގަނީ

Aug 4, 2020

މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރުން އިތުރުވަމުން ދާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިރެއިން ފެށިގެން ކޮންމެ ރެއެއްގެ 10:00 އިން ފަތިހު 5:00 އަށް ބޭރަށް ނުކުމެ އުޅުން ސަރުކާރުން މަނާކޮށްފި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އިއުލާން ކުރި ގޮތުން ނަމަ މިރޭ 10:00 އިން ފެށިގެން ފަތިހު 5:00 އަށް ކާފިއު ހިންގާއިރު، އެކަމަށްޓަކައި، ރޭގަނޑު 9:30 އިން ފެށިގެން ފިހާރަތަކާއި ކެފޭ/ރެސްޓޯރަންޓުތައް ވެސް ބަންދުވާނެ އެވެ.

އޭގެ އިތުރުން، ހެލްތު މިނިސްޓްރީގެ ޕޮލިސީ ޕްލޭނިން އެންޑް އިންޓަނޭޝަނަލް ހެލްތު އާއިޝަތު ސާމިޔާ ވިދާޅުވީ މާލެ ސަރަހައްދުގައި އެއްފަހަރާ ފަސް މީހުނަށް ވުރެ ގިނައިން އެއްވެ އުޅުންވެސް މަނާކޮށްފައިވާ ކަމަށެވެ.

އަދި މާލެ އިން ރަށްރަށަށް އެއްވެސް މީހަކަށް ދެވޭނީ ސިއްހީ އަދި ޒަރޫރީ ބޭނުމެއްގައި މާލެ އައިސްފައިވާ މީހުން އެނބުރި ރަށަށް ދާންޖެހޭ ހާލަތެއްގައި އެކަނި ކަމަށް ސާމިޔާ ވިދާޅުވި އެވެ.

މީގެ އިތުރުން އޮފީސްތައް ހުޅުވި ނަމަވެސް އެއްފަހަރާ އޮފީހަށް ނެރެވޭނީ 50 ޕަސެންޓަށް ވުރެ މަދު މުވައްޒަފުން ކަމަށާއި، ގޭގައި ތިބެގެން މަސައްކަތް ކުރުމާއި، އޮންލައިންކޮށް މީޓިންތައް ބާއްވަން އިލްތިމާލް ކުރައްވާކަމަށް ސާމިޔާ އިތުރަށް ވިދާޅުވި އެވެ.

މާލޭ ސިޓީ ޕޮލިސްގެ އިސްވެރިޔާ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ އެޗްއީއޯސީ އާއި، އެމްބިއުލެންސްތަކާއި ސަލާމަތީ ހިދުމަތްތަކުގެ ވެހިކަލްތައް މެނުވީ، ކާފިއުގެ ގަޑިތަކުގައި މަގުމަތީގައި ނޫޅެވޭނެ ކަމަށެވެ. އަދި މިރެއިން ފެށިގެން، އެ ވަގުތުތަކުގައި ބޭރުގައި އުޅޭ މީހުނާއި ވެހިކަލްތައް ހުއްޓުވައި، ޖޫރިމަނާކުރާނެކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.

ޝަރީފް އިތުރަށް ވިދާޅުވީ ކާފިއު ގަޑީގައި ޑިއުޓީއަށް ދާ މީހެއް ނަމަ، އެ މީހަކު ޔުނީފޯމުގައި ހުރުމުގެ އިތުރުން އެކަމުގެ ހުއްދަ އޮންނަން ޖެހޭނެ. ކަމަށެވެ.

ރަށްރަށްވެސް އިތުރު ފިޔަވަޅުތަކެއް

ހެލްތު މިނިސްޓްރީގެ ޕޮލިސީ ޕްލޭނިން އެންޑް އިންޓަނޭޝަނަލް ހެލްތު އާއިޝަތު ސާމިޔާ ވިދާޅުވީ މިހާރު މާލެ އިން ރަށްރަށަށް އެއްވެސް މީހަކަށް ދެވޭނީ ސިއްހީ އަދި ޒަރޫރީ ބޭނުމެއްގައި މާލެ އައިސްފައިވާ މީހުން އެނބުރި ރަށަށް ދާންޖެހޭ ހާލަތެއްގައި އެކަނި ކަމަށެވެ.

މި ފިޔަވަޅު އަޅާފައިވަނީ، ރަށްރަށަށް ބަލި ފެތުރުން ހުއްޓުވުމުގެ ގޮތުންކަމަށް ސާމިޔާ ވިދާޅުވި އެވެ.

މި ބަދަލާ އެކު، ކުރިން ދިން ލުއިތަކުގެ ތެރޭގައި ހިމެނޭ، ޕްރޮޖެކްޓްތަކުގެ މަސައްކަތްތަކަށް ރަށްރަށަށް ދެވޭ ގޮތަށް އޮންނަ ފަސް ދުވަހުގެ މުއްދަތު ވެސް ދެން ނޯންނާނެ ކަމަށް އޭނާ އިތުރަށް ވިދާޅުވި އެވެ.

އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ރަށްރަށުންވެސް ދެން މާލެ އަށް އާދެވޭނީ ސިއްހީ ބޭނުންތަކަށް އެކަނި ކަމަށެވެ.

އަދި ރަށްރަށުން އަންނަ ދޯނިފަހަރުގެ ފަޅުވެރިންނަށްވެސް މާލެ އަށް ނުފޭބޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

"މިހާރު ހުރި ހާލަތުގައި އަޅުގަނޑުމެން އެބަ ވިސްނަން ޖެހޭ ކެޕޭސިޓީއާ އެއްވަރަށް ޕޮޒިޓިވް އަދަދުތައް މަދުކުރަން. ހާއްސަކޮށް ހައި ރިސްކް މީހުން މި ބަލިން ރައްކާތެރިކުރަން މަސައްކަތް ކުރަން ޖެހޭ. އަދި ސްޕީޑް ވެސް ދަށްކުރަން މި ދުވަސްވަރު މަސައްކަތް ކުރަން ޖެހޭ. ހަމަ އެއާ އެކު މި ބަލިން ރަށްރަށް ވެސް ސަލާމަތް ކުރަން އެބަ ޖެހޭ،" އޭނާ ވިދާޅުވި އެވެ.

ނަޒްލާ ވިދާޅުވީ، އަތޮޅު ތެރޭގައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާއިރު މާސްކު އެޅުން މިހާރު މަޖުބޫރުކޮށްފައިވާ ކަމަށާއި، އަދި ރަށު ތެރޭގައި އުޅޭއިރުވެސް މާސްކު އެޅުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.