ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ޕީސީއާރު ޓެސްޓް ނުހެދިގެން ޓޫރިސްޓުން ނުފުރިފައި!

Aug 4, 2020
5

ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށްފަހު ފުރާ ޓޫރިސްޓު ޕީސީއާރު ޓެސްޓް ނުހެދޭތީ، ނުފުރިގެން ޝަކުވާ ބޮޑު ވެއްޖެ އެވެ.

އަވަސް އަށް މިއަދު ވާހަކަ ދެއްކި ރިސޯޓެއްގެ އޯނަރަކު ވިދާޅުވި ގޮތުގައި އެ ރިސޯޓުގެ ގިނަ އަދަދެއްގެ ޓޫރިސްޓުން ވެސް ޕީސީއާރު ޓެސްޓް ނުހެދިގެން ނުފުރި އެބަތިބިއެވެ.

"މިދިޔަ މަހު އައި މީހުން އެބަތިބި ފުރަން ވެފަ. އެކަމަކު އެ މީހުންނަށް ޕީސީއާރު ޓެސްޓް ހެދޭނެ ގޮތެއް ނެތް. އެހެންވެ ނުފުރި ތިބީ،" ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވި އެވެ.

ނ. އަތޮޅުގައި ހިންގާ ރިސޯޓަކުން ވެސް ވަނީ އަވަސް އަށް މި މައްސަލަ ދިމާވެފައިވާކަން ޔަގީންކޮށްދީ ދީފަ އެވެ. އަދި އެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"ސަރުކާރުން ބުނަނީ ޕީސީއާރު ޓެސްޓް ހެދޭނީ އޭޑީކޭއިންނާއި ޓްރީޓޮޕް ހޮސްޕިޓަލުން ކަމަށް. އެކަމަކު އެ ތަންތަނުން އެބައޮތް އަންގާފަ ނުހެދޭނެ ކަމަށް. ޓްރީޓޮޕުގެ މެޝިން ހަލާކުވެފައިވާ ކަމަށް. މިއީ ބޮޑު މައްސަލައެއް،" ރިސޯޓެއްގެ އިސް މަގާމެއްގައި މަސައްކަތް ކުރައްވާ ބޭފުޅަކު ވިދާޅުވި އެވެ.

ގިނަ އެއާލައިންތަކެއްގެ ޓިކެޓު ވިއްކާ ކުންފުންޏެއްގެ އިސްވެރިއަކު ވިދާޅުވި ގޮތުގައި އެންމެ ބޮޑަށް މައްސަލަ ކުރިމަތިވެފައިވަނީ އެމިރޭޓްސް އިން ކަމަށެވެ. މިކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަރަށް ބޮޑު މައްސަލައެއް މިއީ. މިހެންވީމަ ޓިިކެޓު ޑޭޓް ބަދަލު ކުރަން ޖެހޭ. އެގޮތަށް ހެދީމަ އިތުރު ފައިސާ އެ މީހުންގެ އަތުން ހޭދަވާނެ. އެ ޝަކުވާ އެބަ އާދެ،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ސީނިއަ ޕޮލިސީ ޑިރެކްޓަރު ފަރުހާދު އިބްރާހިމް މިއަދު އަވަސް އަށް ވިދާޅުވި ގޮތުގައި ފުރުމުގެ ކުރިން ޕީސީއާރު ޓެސްޓް ހަދަން ޖެހޭނެ ކަމަށާ ނަމަވެސް މިހާރު ޕީސީއާރު ޓެސްޓް ނުހެދިގެން އުޅެނީ އޭޑީކޭ އިން ގިނަ ޓެސްޓްތަކެއް ހަދަމުންދާތީ ބެކްލޮގެއް އޮތުމުން ކަމަށެވެ. އަދި އެނގިފައިވާ ގޮތުގައި ޓްރީޓޮޕް މެޝިނުގައި މައްސަލަ ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިކަން ހައްލު ކުރަން މިދަނީ މަސައްކަތް ކުރަމުން. އެޗްއީއޯސީއެކު މަޝްވަރާ ކޮށްފަ މިހާރު ނިންމާފައިވާނީ ހާއްސަަ އިސްކަމެއް ދީގެން ފުރަން ތިބި ޓޫރިސްޓުންގެ ޕީސީއާރު ޓެސްޓް އައިޖީއެމްއެޗް އާއި ޕޮލިސް ލެބުން ހަދަން. އަދި ފުރަން ތިބި ޓޫރިސްޓުންގެ ތާރީހު ހޯދައި އެކަން ހައްލު ކުރަން،" ފަރުހާދު ވިދާޅުވި އެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލާފައިވާއިރު، ސަރުކާރުން ބުނީ އެއާޕޯޓުގައި ޓެސްޓް ހެދޭނެ ވަސީލަތް ގާއިމް ކުރާނެ ކަމަށެވެ. އަދި އެ ވަސީލަތް ގާއިމް ކޮށްދެނީ ޗައިނާ އިން ކަމަށް ވެސް ކުރިން ބުނެފައިވެ އެވެ. ނަމަވެސް މި އަދާ ހަމަ އަށް ވެސް މިކަން ފުރިހަމަވެފައެއް ނުވެ އެވެ.