އިސްލާމިކް މިނިސްޓްރީ

މިސްކިތަށްދާ މީހުން އެޗްޕީއޭގެ އުސޫލަށް އަމަލުކުރޭތޯ ބަލަނީ

Aug 5, 2020
3

މިސްކިތަށް ދާ މީހުން އެޗްޕީއޭގެ އުސޫލުތަކާއި އެއްގޮތަށް އަމަލު ކުރޭތޯ ބަލާ މަސައްކަތެއް އިސްލާމިކް މިނިސްޓްރީން ފަށައިފި އެވެ.

ރާއްޖެއަށް ކޮވިޑްގެ ދެވަނަ ރާޅެއް ކުރިމަތި ވެދާނެ ކަމުގެ ނުރައްކާ ވަނީ ބޮޑުވެފަ އެވެ. ކޮންމެ ދުވަހު ރެކޯޑް އަދަދަކަށް އެ ބައްޔަށް މީހުން ދަނީ ޕޮޒިޓިވްވަމުންނެވެ. އެކަމާއި ގުޅިގެން މިހާރު ދީފައިވާ ލުއިތަކަށް ބަދަލު ގެނެސް، ފިޔަވަޅުތައް ހަރުކަށި ކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.

އަވަސްއާ ވާހަކަ ދައްކަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ މިސްކިތަށް ދާ މީހުން އެޗްޕީއޭގެ އުސޫލުތަކާއި އެއްގޮތަށް އަމަލު ކުރޭތޯ ބެލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީ އާއި މާލެ ސިޓީ ކައުންސިލް ގުޅިގެން ކުރަމުން އަންނަ ކަމަށެވެ. މީގެ ހަތަރު ދުވަސް ކުރިން ފެށި އެ މަަސައްކަތުން މާލެ ސިޓީގެ ހުރިހާ މިސްކިތްތަކެއް މިއަދުގެ ނިޔަލަށް ކަވަރު ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓްރީން ވަނީ މިސްކިތަށް ދާއިރު މާސްކު އެޅުމަށާއި އަމިއްލަ މުސައްލައެއް ގެންދަން އެދިފައެވެ. އަދި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނާއި އުމުރުން ދުވަސްވީ މީހުން މި ދުވަސްވަރު މިސްކިތްތަކަށް ނުދިއުމަށް ވެސް އެދިފައި ވެއެވެ.

މިނިސްޓަރު ވިދާޅުވީ މިސްކިތްތަކުގައި މިނިސްޓްރީއާ ކައުންސިލްގެ މުވައްޒިފުން ތިބޭނެ ކަމަށާ އެމީހުން މިސްކިތަށް ދާ މީހުންނަށް އެޗްޕީއޭގެ އުސޫލުތައް ހަނދާން ކޮށްދޭނެ ކަމަށެވެ.

"ބޭނުމަކީ އާންމުންނަށް ހަނދާން ކޮށްދިނުން. މިސްކިތްތަކަށްދާ މީހުންނަށް އުސޫލުތައް ބުނެދިނުން،"

މިސްކިތަށް ދާ މީހުންގެ ތެރެއިން އެޗްޕީއޭގެ އުސޫލުތަކާއި ހިލާފުވާ މީހުން މިސްކިތުން ފޮނުވައެއް ނުލާނެ އެވެ. ނަމަވެސް ހާލަތަށް ބެލުމަށްފަހު އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އަޅާނެ އެވެ.

ޖަމާއަތުގައި ނަމާދު ކުރުން މަނާކޮށް ވަކިވަކިން ނަމާދު ކުރަން މާލެ ސިޓީގެ މިސްކިތްތައް ހުޅުވާލީ ޖޫން މަހުގެ 14 ވަނަ ދުވަހު އެވެ. އޭގެ ފަހުން ޖުލައި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޖަމާއަތުގައި ދަނީ ނަމާދު ކުރަމުންނެވެ.

ނަމާދަށް ދާ މީހުން ސަމާލު ކަމަށް

  • ގެއިން ވުލޫ ކޮށްގެން ދިއުން
  • މުސައްލަ ގެންދިއުން
  • މާސްކް އެޅުން
  • މިސްކިތަށް ވަނުމާއި ނުކުތުމުގައި ގައިދުރު ކުރުން
  • މުސައްލަ އެޅުމުގައި ގައިދުރުކަން ބެހެއްޓުން
  • އެމީހެއްގެ މުސައްލާގައި ނޫނީ ނަމާދު ނުކުރުން
  • ރޯގާ ޖެހި ހުން އައިސް ކެއްސާނަމަ މިސްކިތަށް ނުދިއުން
  • ނަމާދު ނިމުމުން މިސްކިތުގައި މަޑު ނުކުރުން
  • ފުއްޕާމޭގެ މައްސަލަ މީހުންނާ ދުވަސްވީ މީހުން މިސްކިތްތަކަށް ނުދިއުން
  • މިސްކިތާއި ބޭރުގައި އަތް ޖޯޑްކޮށް ސަލާމް ނުކުރުން
  • މިސްކިތުގައިވާ ހަތިމްތައް ބޭނުން ނުކުރުން