ކުޅިވަރު

ކަސިޔަސް ރަސްމީކޮށް ކުޅުން ހުއްޓާލައިފި

ރެއާލް މެޑްރިޑާއި ސްޕެއިންގެ ލެޖެންޑަރީ ގޯލްކީޕަރު އިކާ ކަސިޔަސް ފުޓްބޯޅަ ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާން ކޮށްފި އެވެ.

ރެއާލް ދޫކޮށް، 2015 ވަނަ އަހަރު ޕޯޓޯއަށް ބަދަލުވީ ކީޕަރު މިދިޔަ އެއް އަހަރު ތެރޭ މެޗެއް ކުޅެފައެއް ނުވެ އެވެ. މިދިޔަ އަހަރު އޭޕްރީލް މަހު ޕޯޓޯގެ ޕްރެކްޓިހުގައި ހުއްޓައި ހާޓް އެޓޭކެއް ޖެހި ކަސިޔަސް ހޮސްޕިޓަލްގައި އެޑްމިޓް ކުރި އެވެ. އޭގެ ފަހުން އެއްވެސް މެޗެއް ކުޅެފައެއް ނުވެ އެވެ. އެހެންނަމަވެސް ޕޯޓޯ އިން ވަނީ އެ ކުލަބުގެ ސްކޮޑްގައި ކަސިޔަސް ހިމަނާފަ އެވެ.

މެޑްރިޑްގެ ސެންތިއާގޯ ބާނެބެއުގައި ހޭދަ ކުރި 16 ސީޒަންގައި ކަސިޔަސް ވަނީ ރެއާލް އާއެކު ފަސް ފަހަރު ލަލީގާގެ ޗެމްޕިއަންކަން ދެ ފަހަރު ސްޕެނިޝް ކަޕްގެ ޗެމްޕިއަންކަން، ހަތަރު ފަހަރު ސްޕެނިޝް ސުޕަ ކަޕްގެ ޗެމްޕިއަންކަން، ޗެމްޕިއަންސް ލީގްގެ ޗެމްޕިއަންކަން ތިން ފަހަރު، ޔޫއެފާ ސުޕަ ކަޕް ދެ ފަހަރު އަދި ތިން ފަހަރު ކުލަބު ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދާފަ އެވެ.

ޕޯޓޯ އާއެކު 2017-18 ގައި ޕޯޗްގަލްގެ ލީގް ޗެމްޕިއަންކަން ހޯދި އެވެ. ކަސިޔަސްގެ އެންމެ ރަން ކާމިޔާބު ގުޅިފައި ވަނީ ސްޕެއިންގެ ގައުމީ ޓީމާ އެވެ. 2008 ން 2012 އާ ހަމައަށް ދުނިޔޭގައި ޑޮމިނޭޓް ކުރި ސްޕެއިންގެ ރަން ޖީލްގެ ދިފާއީ އެންމެ މުހިންމު ތަނބަކީ ކަސިޔަސް އެވެ. އޭނާގެ ކެޕްޓަންކަމުގެ ދަށުން 2008 ވަނަ އަހަރު ޔޫރޯ، 2010 ވަނަ އަހަރު ވޯލްޑް ކަޕް އަދި 2012 ވަނަ އަހަރުގެ ޔޫރޯވެސް ސްޕެއިން ކާމިޔާބު ކުރި އެވެ.

ކެޕްޓަނެއްގެ އިތުރުން ކަސިޔަސް އަކީ ދަނޑު ބޭރުގައިވެސް ލީޑަރެކެވެ. ރެއާލް މެޑްރިޑާއި ބާސެލޯނާގެ ވާދަވެރި ކަމުގެ ތެރެއިންވެސް ބާސާ ނިސްބަތްވާ ކެޓަލޯނިއާގެ ސަޕޯޓަރުންގެ މެދުގައިވެސް ކަސިޔަސް އަށް ބޮޑު އިހްތިރާމެއް އޮވެ އެވެ. ޔޫއެންގެ އެމްބަސެޑަރެއްގެ ގޮތުގައި ހުރި ކަސިޔަސް،39 ވަނީ ސްޕެއިންގެ ފުޓްބޯޅަ ފެޑްރޭޝަންގެ އިންތިހާބުގައި ވާދަ ކުރާނެ ކަމަށް ކުރިން އިއުލާން ކޮށްފަ އެވެ. އެހެންނަމަވެސް ފަހުން އޭނާ ވަނީ އެ ރޭހުން ވަކިވެފަ އެވެ.