ކުޅިވަރު

ސެރީއާގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ޑިބާލާއަށް

އިޓާލީގެ "ސެރީ އާ"ގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ޔުވެންޓަސްގެ އާޖެންޓީނާ ފޯވަޑް ޕައުލޯ ޑިބާލާ ހޯދައިފި އެވެ.

އިޓަލީގެ ލީގުން މިއަދު ވަނީ އިންޑަވިޖުއަލް މަގާމުތަކަށް ހޮވުނު ކުޅުންތެރިންގެ ނަންތައް އިއުލާން ކޮށްފަ އެވެ. ސެރީ އޭގެ ސީއީއޯ ލުއީޖީ ޑި ސިއޭވޯ ވިދާޅުވީ އިންޑަވިޖުއަލް މަގާމުތައް ހޮވުމުގައި ބަލާފައި ވަނީ ލީގްގެ ރަސްމީ ސްޓެޓްސްތަކަށް ކަމަށެވެ. އަދި އުނދަގޫ އަހަރެއްގައި ވެސް ހުރިހާ މެޗެއްގައި އެއްވަރަށް ޕާފޯމް ކުރި ކުޅުންތެރިންނަށް ބަލާފައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑިބާލާ ވަނީ މި ސީޒަންގައި 11 ލަނޑު ޖަހައި، އިތުރު 11 ލަނޑު ޖަހަން ފުރުސަތު ތަނަވަސް ކޮށްދީފަ އެވެ. މިދިޔަ ސީޒަންގައި ކްރިސްޓިއާނޯ ރޮނާލްޑޯ ޔުވެންޓަސް އާ ގުޅުމުން ޑިބާލާއަށް ކުޅެން ޖެހުނު އާ ރޯލްގެ ސަބަބުން މިދިޔަ ސީޒަންގެ ކުރީ ކޮޅު އޭނާ އަށް އުނދަގޫތައް ކުރިމަތިވި އެވެ. އެހެންނަމަވެސް ކުރީގެ ކޯޗް މެސިމިލިއާނޯ އެލެގްރީގެ ފަހު ކޮޅުގައި އާ މަގާމުގައިވެސް މޮޅަށް ކުޅެން ފެށި އެވެ.

ސެރީ އޭ ގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކަށް ހޮވުނީ، ޕާމާގެ ކްލްސެވިސްކީ އެވެ. އެންމެ މޮޅު ފޯވަޑަކަށް ހޮވިފައި ވަނީ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ ލާޒިއޯގެ ޗީރޯ އިމްމޯބިލޭ އެވެ. އޭނާ ވަނީ މި ސީޒަންގައި ސެރީ އޭ ގައި 36 ލަނޑު ކާމިޔާބު ކޮށްފަ އެވެ. ޔޫރަޕިއަން ގޯލްޑަން ބޫޓް އެވޯޑްވެސް އޭނާ ވަނީ ކަށަވަރު ކޮށްފަ އެވެ.

އެންމެ މޮޅު މިޑްފީލްޑަރަކަށް ހޮވުނީ އެޓަލާންޓާގެ އެލްހެންޑްރޯ ގޯމޭޒް އެވެ. އެންމެ މޮޅު ޑިފެންޑަރަކަށް ހޮވުނީ ސްޓެފާން ޑި ވުރޭ އެވެ. އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ ޔުވެންޓަސްގެ ކީޕަރު ޝެޒްސްޒްނީ އެވެ.

ސެރީ އޭ އިންޑަވިޖުއަލް އެއްވެސް އެވޯޑެއް ރޮނާލްޑޯ އަށް ލިބިފައެއް ނުވެ އެވެ.