އަކެޝޭ ކްމާރު

އަވަހަށް ޝޫޓިންގް ފަށަން އަކްޝޭ ބޭނުންވާ ސަބަބު

ލޮކްޑައުންގެ ސަބަބުން ހަތަރު މަސް ދުވަހު ހުރިހާ ފިލްމެއްގެ މަސައްކަތް ހުއްޓިފައި އޮތުމަށް ފަހު މިހާރު ވަނީ ޝޫޓިންގްތައް ފެށުމުގެ ހުއްދަ ލިބިފަ އެވެ. ނަމަވެސް ބޮލީވުޑްގެ ނަން މަޝްހޫރު ގިނަ އެކްޓަރުން އަދިވެސް ބޭރަށް ނުކުމެ ފިލްމު ސެޓުތަކަށް ދާކަށް ހިތްހަމައެއް ނުޖެހެ އެވެ. އެހެންވެ ގިނަ ބަޔަކު އަދިވެސް ތިބީ އެމީހެއްގެ ގޭގަ އެވެ. ކޮވިޑް-19 އިގެ ހާލަތު ރަނގަޅު ވާނެ ދުވަހަކަށް އިންތިޒާރު ކުރުމުގަ އެވެ.

ނަމަވެސް ބޮލީވުޑް އެކްޓަރު އަކްޝޭ ކުމާރު މިހާރު ބޭނުންވަނީ ގޭގައި ނުހުރެ ފިލްމުގެ ޝޫޓިން ފަށާފަ އެވެ. އެގޮތުން އޭނާ އަލަށް ކުޅެން ފަށަން އުޅޭ "ބެލް ބޮޓަމް" ގެ ޝޫޓިންގް އަށް އިނގިރޭސި ވިލާތަށް ވަރަށް އަވަހަށް ފުރަން އަކްޝޭ ވަނީ ނިންމާފަ އެވެ.

އަވަސް އަރުވާލައިގެން ޝޫޓިންގްތައް ފަށަން އަކްޝޭ ބޭނުންވާ ސަބަބު އޭނާ ވަނީ އިންޑިޔާގެ އޮންލައިން ނޫހަކަށް ކިޔައިދީފަ އެވެ. އަކްޝޭ ބުނި ގޮތުގައި ކޮރޯނާވައިރަހުގެ ބިރު އޮތް ނަމަވެސް އަބަދަކު އެކަމާ ބިރުންނެއް ނޫޅެވޭނެ އެވެ.

"އަހަރެމެންނަކަށް އަދިވެސް ނޭނގޭ މި ވައިރަސްގެ މާ ބޮޑު ހަގީގަތެއް. އެހެންވެ އެހާ ބޮޑަށް ބިރުގަންނަނީ. އަހަރެން ގަބޫލުކުރާ ގޮތުގައި ހަށިގަނޑުގެ ދިފާއީ ނިޒާމުގެ ބާރު ގަދަނަމަ މި ވައިރަހުން މާ ބޮޑު ގެއްލުމެއް ނުވާނެ. އެހެން ނަމަވެސް އަހަރެން ޝޫޓިން ފަށާނީ ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅައިގެން. އަދި މުޅި ޓީމު ވެސް ތިބޭނީ ރައްކާތެރިވުމުގެ ގޮތުން ކުރެވެން އޮތް ހުރިހާ ކަމެއް ކޮށްގެން،" އަކްޝޭ ބުންޏެވެ.

އަކްޝޭ އިތުރަށް ބުނި ގޮތުގައި އޭނާ އަވަހަށް ޝޫޓިންގް ފަށަން ބޭނުންވަނީ ގޭގައި އެހާ ގިނަ ދުވަހު ހުރެ ހުރެ ފޫހިވެ އަލުން ފިލްމީ މަސައްކަތަށް އެނބުރި ދާހިތް އޮތްލެއް ބޮޑުކަމުންނާ ވެސް އެކުގަ އެވެ.

"ގުޑް ނިއުޒް"ގެ ބަތަލު ބުނީ އޭނާގެ މި ނިންމުމަށް އާއިލާގެ ފުރިހަމަ އެއްބާރުލުން ލިބިފައިވާ ކަމަށެވެ. އަބަދު ގެއަކު ނުހުރެވޭނެކަން އާއިލާގެ މެމްބަރުން ގަބޫލުކުރާ ކަމަށެވެ.

އަކްޝޭ ކުޅެ ރިލީޒް ނުކޮށް ހުރި ފިލްމުތަކުގެ ތެރެއިން "ލަކްޝްމީ ބޮމް" ވަރަށް އަވަހަށް ޑިޖިޓަލްކޮށް ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ. ކިއާރާ އަދުވާނީ ބަތަލާގެ ރޯލު ކުޅެފައިވާ މި ފިލްމު ސިނަމާތަކުގައި ރިލީޒްކުރަން ހަމަޖެހިފައި އޮތީ މިދިޔަ މޭ މަހުގެ ތެރޭގަ އެވެ. ނަމަވެސް ސިނަމާތައް ބަންދުކުރުމުން ރިލީޒް ކުރެވޭ ގޮތް ނުވީ އެވެ. އަދި މިއަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ވެސް ސިނަމާތަކުގައި ފިލްމުތައް ރިލީޒް ކުރެވޭނެކަމުގެ މާ ބޮޑު ޔަގީންކަމެއް ނެތުމުން މި ފިލްމު ޑިޖިޓަލްކޮށް ރިލީޒްކުރަން އަކްޝޭ ބޭނުންވީ އެވެ.

އޭނާގެ އިތުރު ފިލްމެއް ކަމަށްވާ "ސޫރިޔަވަންޝީ" ވެސް ވަނީ ނިމި ރިލީޒްކުރުމަށް ތައްޔާރުވެފަ އެވެ. ނަމަވެސް މި ފިލްމު ޑިޖިޓަލް ކޮށް ރިލީޒްކުރުމުގެ ވިސްނުމެއް އަކްޝޭ އާއި ޑައިރެކްޓަރު ރޯހިތު ޝެޓީ ނުގެންގުޅެ އެވެ. ކެޓުރީނާ ކައިފް ބަތަލާގެ ބައި ކުޅެފައިވާ މި ފިލްމަކީ ސިނަމާތައް ހުޅުވާލުމާއެކު އެންމެ ފުރަތަމަ ރިލީޒްކުރާ އެއް ފިލްމަށް ވާނެ އެވެ.