ކުޅިވަރު

އިސްތިއުނާފު ނާކާމިޔާބުވެ ވިގަން ރެލިގޭޓް ވެއްޖެ

އިނގިރޭސި ޗެމްޕިއަންޝިޕްގެ ކުލަބު ވިގަން އެތުލެޓިކު ހޯދާފައިވާ ޕޮއިންޓްގެ ތެރެއިން 12 ޕޮއިންޓް އުނި ކުރި މައްސަލަ އިސްތިއުނާފް ކުރަން ހުށަހެޅުމުން އިސްތިއުނާފުގައި ވެސް ނާކާމިޔާބުވެ، އަންނަ ސީޒަންގެ ތިން ވަނަ ޑިވިޝަނަށް އެ ކުލަބު ރެލިގޭޓް ވެއްޖެ އެވެ.

ވިގަންއާ ދެކޮޅަށް އިނގިރޭސި ޗެމްޕިއަންޝިޕު އިންތިޒާމު ކުރާ އީއެފްއެލްއިން ފިޔަވަޅު އެޅީ އެ ކުލަބުގެ އޯނާޝިޕް ކަމަށްވާ ހޮންކޮންގްގެ އެންޓަޓައިމެންޓް ކުންފުނިން އެ ކުލަބަށް ހަރަދު ކުރެވެން ނެތް ކަމަށް ބުނެ ކުލަބު ދޫކޮށްލުމުންނެވެ. ވިގަންގެ ކުރީގެ އޯނަރު ހޮންކޮންގްގެ އައު ޔިއުންގް ވައިކޭ، ކުލަބު އޯނާޝިޕް ދޫކޮށްލީ މިދިޔަ މަހުގެ އެއް ވަނަ ދުވަހު އެވެ. އެއީ އޭނާ ކުލަބުގެ އޯނާޝިޕާ ހަވާލުވިތާ ހަތަރު ހަފުތާ ފަހުންނެވެ.

އޭނާ ކުލަބު ދޫކޮށްލުމުން، ކުލަބުގެ އެއްވެސް ބަލަދުވެރިއެއް ނެތުނީ އެވެ. ކުލަބުގެ މިލްކިއްޔާތު ބަދަލު ކުރުމަށް ގާނޫނީ ލިޔުންތަކުގައި ސޮއި ކުރުމަށް ފަހު މަގުބޫލް އެއްވެސް ސަބަބެއް ނެތި ކުލަބު ދޫކޮށްލުމަކީ ކުލަބަށް ފިޔަވަޅު އެޅޭނެ ކަމެކެވެ. މަގުބޫލު ސަބަބެއް ކަމަށް ބެލޭނީ، އަމިއްލަ ކޮންޓްރޯލް ނެތް ސަބަބުތަކެއް މެދުވެރިވުމެވެ. އެއީ ގުދުރަތީ ކާރިސާއެއް މެދުވެރިވުމާއި، ހަނގުރާމައިގެ ހާލަތު ނުވަތަ ބަލިމަޑުކަމެއް މެދުވެރިވުމެވެ.

ކުލަބުން 12 ޕޮއިންޓް އުނި ނުކުރިނަމަ އެ ކުލަބު ސީޒަން ނިންމާލާނީ، ލީގްގެ 13 ވަނައިގަ އެވެ. 12 ޕޮއިންޓް އުނި ކުރުމުން އެ ޓީމު ވަނީ ފުލުން ދެ ވަނަ އަށް ޥެއްޓިފަ އެވެ. އެ ޓީމުން ޕޮއިންޓް އުނި ކުރުމުން، 47 ޕޮއިންޓަށް އެ ޓީމު ދަށްވީ އެވެ. ކުރިން ރެލިގޭޓްވާ ގޮތަށް އޮތް ބާންސްލީ މިހާރު ވަނީ ސަލާމަތް ވެފަ އެވެ.

ހޮންކޮންގްގެ ކޮންސޯޓީއަމްއިން ކުލަބު ދޫކޮށްލުމުން، ލީޑާޝިޕެއް ނެތި ކުލަބުގައި އޮތް އެޑްމިނިސްޓްރޭޓިވް ބޮޑީން ވަނީ، އެ ޓީމާ ދެކޮޅަށް އެޅި ފިޔަވަޅު އިސްތިއުނާފް ކުރުމަށް ހުށަހަޅާފަ އެވެ. ނަމަވެސް އިންޑަޕެންޑެންޓް އާޞިޓްރޭޝަން ޕެނަލްއިން ވަނީ އިސްތިއުނާފް ކުރެވެން ނެތް ކަމަށް ނިންމާފަ އެވެ.

އިސްތިއުނާފްގެ ނާކާމިޔާބީއަށް ފަހު ކުލަބުގެ އެޑްމިނިސްޓްރޭޝަނުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެކަމާ ހިތާމަ ކުރާ ކަމަށާއި އަންނަ ސީޒަންގެ ލީގް ވަން ގައި ވާދަ ކުރުމަށް ޓީމު ތައްޔާރު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ކުލަބަށް އާ އޯނާޝިޕެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެސް ބުންޏެވެ.