ނޭމާ

މޮޅަށް ކުޅެވުނީ ޕެރިހަށް ބަދަލުވި ފަހުން: ނޭމާ

އެންމެ މޮޅަށް ކުޅެވެން ފެށުނީ ޕީއެސްޖީއަށް ބަދަލު ވިފަހުން ކަމަށް، އެ ޓީމުގެ ފޯވަޑް ބްރެޒިލްގެ ނޭމާ ޖުނިއާ ބުނެފި އެވެ.

ދުނިޔޭގެ ރެކޯޑް ޓްރާންސްފާ ފީއެއް ކަމަށްވާ، 222 މިލިއަން ޔޫރޯ އަށް، ބާސެލޯނާ ދޫކޮށް، ޕީއެސްޖީއަށް ނޭމާ ބަދަލުވީ 2017 ވަނަ އަހަރު އެވެ. އެކުލަބަށް އޭނާ ގުޅުނުތާ ތިން އަހަރު ފުރުނުއިރު އެކަމުގެ މުނާސަބަތުގައި އޭނާގެ ވެބްޒައިޓްގައި ނޭމާ ލިޔެފައި ވަނީ މި ތިން އަހަރުތެރޭ ގިނަ ކަންކަމެއް އޭނާއަށް ދަސްވެއްޖެ ކަމަށެވެ.

ނޭމާ ބުނީ، ޕީއެސްޖީގައި ހޭދަ ކުރާ ތިން އަހަރުގައި އުފާވެރި ދުވަސްތަކުގެ އިތުރުން އުނދަގޫ އަދި ހިތްދަތި ދުވަސްތަކާ ކުރިމަތިވި ކަމަށެވެ.

"ހާއްސަ ކޮށް އަނިޔާ ކުރިމަތިވެ ކުޅުމާ ދުރައް ދާން ޖެހުނު ވަގުތުތައް" އުނދަގޫ ވަގުތުތަކުގެ ގޮތުގައި ސިފަކޮށް ނޭމާ ލިޔެފައި ވެއެވެ. "އަހަރެންގެ ޓީމުގެ ކުޅުންތެރިންގެ އެހީ އާއި ހިތްވަރު ލިބިގެން އަހަންނަށް ކޮންމެ ފަހަރަކުވެސް އެނބުރި އާދެވި، އަހަރެން ސަމާލުކަން ދޭން ޖެހޭ ކަންކަމަށް ސަމާލުކަން ދެވުނެވެ. އެއީ ދަނޑު މަތީގައި އަހަރެމެން ދައްކާ މޮޅު ކުޅުން، އެކަން ސާބިތު ވެގެންދާނީ އަހަރެމެން ހޯދާ ތަށި ތަކުންނެވެ."

އޭނާ ބުނީ ކޮންމެ މެޗެއްގައިވެސް ޓީމުން ވަރުގަދަ އަށް މަސައްކަތް ކުރާތަން ސަޕޯޓަރުންނަނަށް މިހާރު ފެންނާނެ ކަމަށެވެ.

"އެންމެ މޮޅަށް އަހަންނަށް ކުޅެވުނީ އަހަރެން ޕެރިސްއަށް ބަދަލުވި ހިސާބުން، އަހަރެމެންގެ ޓީމަކީ އެއް އާއިލާއެއް." ނޭމާ ލިޔުނެވެ. "އަހަރެމެން ބޭނުން ޗެމްޕިއަންސް ލީގް ހޯދަން، އެކަމަށް އަހަރެމެން ވަރަށް ބުރަކޮށް މަސައްކަތް ކުރަނާން، މީގެ ކުރިއަކުން ޗެމްޕިއަންސް ލީގް ތައްޓާ ކައިރިއަށްވެސް އަހަރެމެންނަށް ދެވިފައެއް ނުވޭ."