ކުޅިވަރު

ޗެމްޕިއަން ނަޑާލް ޔޫއެސް އޯޕަންއިން ވަކި ވެއްޖެ

މި މަހު ނިއުޔޯކްގައި ފެށުމަށް ތާވަލު ކޮށްފައިވާ، ޔޫއެސް އޯޕަން ޓެނިސް މުބާރާތުން، އެންމެ ފަހުގެ ޗެމްޕިއަން ރަފޭލް ނަޑާލް ވަކި ވެއްޖެ އެވެ.

ގްރޭންޑް ސްލޭމްގެ އެންމެ ތާރީހީ މުބާރާތުން ވަކިވާން ނަޑާލް ނިންމީ އެމެރިކާގައި ކޮންޓްރޯލް ނުވެ އިތުރު ވަމުންދާ ކޮރޯނާ ވައިރަސްގެ ސަބަބުންނެވެ. ދުނިޔޭގެ އެއް ވަނަ އަންހެން ޓެނިސް ކުޅުންތެރިޔާ އޮސްޓްރޭލިއާގެ އަޝްލީ ބާޓީ ވެސް ވަނީ، އެ މުބާރާތުގައި ވާދަ ނުކުރާނެ ކަމަށް އިއުލާން ކޮށްފަ އެވެ.

"ގިނަ ގޮތްގޮތުން ވިސްނުމަށް ފަހު އަހަރެނެ ނިންމީ މި އަހަރުގެ ޔޫއެސް އޯޕަންގައި ވާދަ ނުކުރާން، އަދިވެސް ދުނިޔޭގެ އެކިކަންކޮޅުތަކުގެ ހާލަތު އޮތީ އުނދަގޫ ހާލަތެއްގައި، ކޮވިޑް-19 ގެ ކޭސްތައް ދަނީ އިތުރު ވަމުން، ފެންނަފެނުމަށް ބާލަިއރު އަހަރެމެންނަށް އަދިވެސް ކޮންޓްރޯލް ކުރެވިފަ އެއް ނެތް،" ސްޕެއިންގެ ކުޅުންތެރިޔާ ބުންޏެވެ. "މި ނިންމުމަކީ އަހަރެން ނަގަން ބޭނުންވެގެން ނިންމި ނިންމުމެއް ނޫން، ނަމަވެސް މިފަހަރު އަހަރެންގެ ހިތް ބުނަނީ މިގޮތަށް ނިންމާށޭ، މިވަގުތު ދަތުރު ނުކުރާށޭ."

ޔޫއެސް އޯޕަން އަކީ އެ މުބާރާތް ބާއްވާތާ 139 އަހަރުގެ ބޮޑު ތާރީހެއް އޮތް މުބާރާތެކެވެ. މުބާރާތް ބާއްވަން ފެށި ފަހުން މެދުކެނޑުމެއް ނެތި ބާއްވަމުން އަންނަ ގްރޭންޑް ސްލޭމްގެ ހަމައެކަނި މުބާރާތަކީ އެއީ އެވެ. ޔޫއެސް އޯޕަން ފަށަން ހަމަޖެހިފައި ވަނީ މި މަހުގެ 31 ވަނަ ދުވަހު އެވެ. މުބާރާތުގެ ފައިނަލު މެޗުތައް ކުޅެން ތާވަލު ކޮށްފައި ވަނީ ސެޕްޓެމްބަރު 13 ވަނަ ދުވަހު އެވެ.

ކޮރޯނާ ވައިރަސްގެ ސަބަބުން މެޑްރިޑް އޯޕަން ވަނީ ކެންސަލް ކޮށްފަ އެވެ. އިންޓަލިއަން އޯޕަން އަންނަ މަހު 20 ގައި ބޭއްވުމަށް ވަނީ ތާވަލު ކޮށްފަ އެވެ.