ކުޅިވަރު

ޕްރަމޯޓްވި ފުލަހަމްގެ ޓީމު ބަދަލުނުކުރަން ނިންމައިފި

އިނގިރޭސި ޕްރިމިއާ ލީގަށް އަލުން ކޮލިފައިވި ނަމަވެސް ޕްރިމިއާ ލީގަށް ހާއްސަކޮށް ސްކޮޑަށް ބަދަލު ނުގެންނާނެ ކަމަށް ޗެމްޕިއަންޝިޕްގެ ޕްލޭއޮފުން މޮޅުވި ފަލްހަމްގެ ކޯޗް ސްކޮޓް ޕާކާ ބުނެފި އެވެ.

ޕްލޭއޮފް ބުރުގެ ފައިނަލު މެޗުގައި ބްރެންޓްފޯޑް އަތުން ފުލަހަމް މޮޅުވީ އެކްސްޓްރާޓައިމްގައި ލަނޑު ޖަހައިގެން 2-1 ންނެވެ.

ލަންޑަނަށް ނިސްބަތްވާ ކުލަބު ރެލިގޭޓް ވީ 2018-19 ސީޒަންގަ އެވެ. އެ ސީޒަންގައި އެކުލަބު 100 މިލިއަން ޔޫރޯ ހޭދަ ކުރި އެވެ. ޕާކާ ބުނީ، މިހާރު އޮތް ސްކޮޑަށް މާބޮޑަށް ބަދަލު ގެންނަން މަސައްކަތް ކޮށްފިނަމަ ލިބިދާނެ ފައިދާއަށް ވުރެ ގެއްލުން ބޮޑު ވެދާނެ ކަމަށެވެ.

"އަހަރެން ވެސް ހިމެނޭ ގޮތަށް މި ޓީމު އެކުގައި މަސައްކަތް ކުރަމުން އަންނަތާ 15 މަސް ވަނީ ވެފަ، މި ޓީމު ވަނީ މިގޮތުގައި ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފަ އަދި ފަހަރަކަށް ވުރެ ފަހަރެއް ދަނީ ކުރިއެރުން ހޯދަމުން," މިދިޔަ އަހަރު ފުލަހަމްއިން ކޯޗިން ކެރިއާ އަށް ނުކުތް ޕާކާ ބުންޏެވެ. "އަހަރެން ހިތްހަމަޖެހޭ އަހަރެމެންނަށް މިތިބެވުނު ހިސާބާ މެދު، ކޮންމެވެސް ވަރަކަށް އާ ކުޅުންތެރިން އައިސްފާނެ، އެއީ އަހަރެމެން މިދަނީ އެންމެ ބޮޑު ލީގަށް، އެހެންނަމަވެސް ލީގް ގައި ވާދަ ކުރިއެކޭ ކިޔާފައި ބޮޑު ބަދަލެއް ނުގެންނާނަން."

އޭނާ ބުނީ، ޕްރިމިއާ ލީގްގައި އެންމެ ފަހުން ވާދަ ކުރި ސީޒަންގައި ޓީމަށް ހެދުނު ގޯސްތައް ރިވިއު ކުރެވިފައިވާ ކަމަށާއި އެކަން ތަކުރާރު ނުވާނެ ގޮތަށް އަންނަ ސީޒަންގައި މަސައްކަތް ކުރާނެ ކަމަށެވެ.