ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މި އަހަރު ބޭރުން 209 މިލިއަން ޑޮަލަރުގެ ލޯނު ނަގައިފި

Aug 5, 2020
2

މި އަހަރުގެ މިހާތަނަށް 209 މިލިއަން ޑޮލަރު (3.2 ބިލިއަން ޑޮލަރު) ލޯނުގެ ގޮތުގައި ސަރުކާރުން ނަގައިފި އެވެ.

ފިނޭންސް މިނިސްޓްރީގެ ހިސާނުތައް ދައްކާ ގޮތުގައި މި އަހަރު ޖެނުއަރީ 1 އިން މި މަހުގެ ތިނެއްގެ ނިޔަލަށް ސަރުކާރުން ވަނީ ބޭރުން ލޯނުގެ ގޮތުގައި 209 މިލިއަން ޑޮލަރު ލޯނުގެ ނަގާފަ އެވެ. މި ލޯނުތައް ނަގާފައިވަނީ ބޭންކްތަކުންނާއި މާލީ އިދާރާތަކުންނެވެ.

އެ މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ހަތް ފަރާތަކުން ލޯނު ނަގާފައިވެ އެވެ. އެންމެ ބޮޑު ލޯނެއް ނަގާފައިވަނީ އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (އޮފިޑް) އިންނެވެ. އެ ފަންޑުން 50 މިލިއަން ޑޮލަރު (770 މިލިއަން ރުފިޔާ) ލޯނުގެ ގޮތުގައި ނަގާފަ އެވެ.

މީގެ އިތުރުން ސައުދީ ފަންޑުން 25 މިލިއަން ޑޮލަރު (385 މިލިއަން ރުފިޔާ) ގެ ދެ ލޯނެއް ނަގާފައިވެ އެވެ. މި ލޯނުތައް ހާއްސަ ކުރަން ނިންމާފައިވަނީ ގެދޮރު ވެރިކަމާއި ގުޅޭ މަޝްރޫއުތައް ހިންގުމަށާއި މަސްވެރިކަމާއި ގުޅޭ މަޝްރޫއު ތަކަށެވެ.

ރާއްޖޭން ގިނަ އަދަދެއްގެ ލޯނުތައް ނަގަމުންދާތީ ރާއްޖޭގެ ޖުމްލަ ދަރަނި މި އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު ވަނީ 69 ބިލިއަން ރުފިޔާ އަށް އަރާފަ އެވެ. އެއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާނަމަ 107 ޕަސެންޓެވެ.

ކޮވިޑް-19 އާ ގުޅިގެން ބަޖެޓު ފޫބައްދަން ސަރުކާރުން ދަނީ ދުނިޔޭގެ އެކި ހިސާބުތަކުން މާލީ އެހީ ހޯދަމުންނެވެ. މިހާތަނަށް ހިލޭ އެހީ އާއި ލޯނުގެ ގޮތުގައި ލިބޭނެ ކަމަށް 300 މިލިއަން ޑޮލަރު ޔަގީންވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.