ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް ފަހު ފުރާ ޓޫރިސްޓުންގެ ޕީސީއާރު ޓެސްޓް ނުހެދި ނުފުރިގެން ޝަކުވާ ބޮޑުވެފައި ވާތީ އެކަމަށް ހައްލު ހޯދުމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ޓެސްޓް ކުރުމުގެ އިންތިޒާމް ހަމަޖައްސައިފި އެވެ.
އެޗްއީއޯސީގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު މިރޭ ވިދާޅުވީ ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއެކު ރާއްޖެ އަންނަ ފަތުރުވެރިން ފުރުމުގެ ކުރިން ކޮވިޑަށް ޓެސްޓް ކުރެވޭނެ އަމިއްލަ ހޮސްޕިޓަލްތަކާއި އެ ހޮސްޕިޓަލްތަކުގައި ކޮވިޑަށް ޓެސްޓް ކުރެވޭ ކެޕޭސިޓީ ރިސޯޓްތަކަށް އަންގާފައިވާ ކަމަށެވެ.
ނަމަވެސް ޗުއްޓީ ހޭދަ ކުރުމަށްފަހު ފުރާ ޓޫރިސްޓުންގެ ޕީސީއާރު ޓެސްޓް އެކަމުގެ ކަންބޮޑުވުންތައް އަަންނަން ފެށުމުން އެކަމަށް ހައްލު ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.
"މިހާރު އެއްބަސްވެވިފައިވަނީ ކުރިއާލާ ފުރާލާ މީހުންގެ ލިސްޓް، އެ ދާއިރާއިން އަޅުގަނޑުމެންނާ ހިއްސާކުރީމަ ހެލްތް އިމަޖަންސީ އޮޕަރޭޝަން ސެންޓަރުން ޓެސްޓް ކުރުމުގެ އިންތިޒާމް އަޅުގަނޑުމެން ހަމަޖައްސައިދޭނަން،" ނަޒްލާ ވިދާޅުވިއެވެ.
އަވަސްއާ ވާހަކަ ދެއްކި ރިސޯޓެއްގެ އޯނަރަކު ވިދާޅުވި ގޮތުގައި އެ ރިސޯޓުގެ ގިނަ އަދަދެއްގެ ޓޫރިސްޓުން ވެސް ޕީސީއާރު ޓެސްޓް ނުހެދިގެން ނުފުރި އެބަތިބިއެވެ.
"މިދިޔަ މަހު އައި މީހުން އެބަތިބި ފުރަން ވެފަ. އެކަމަކު އެ މީހުންނަށް ޕީސީއާރު ޓެސްޓް ހެދޭނެ ގޮތެއް ނެތް. އެހެންވެ ނުފުރި ތިބީ،" ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވި އެވެ.
ނ. އަތޮޅުގައި ހިންގާ ރިސޯޓަކުން ވެސް ވަނީ އަވަސް އަށް މި މައްސަލަ ދިމާވެފައިވާކަން ޔަގީންކޮށްދީ ދީފަ އެވެ. އަދި އެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
"ސަރުކާރުން ބުނަނީ ޕީސީއާރު ޓެސްޓް ހެދޭނީ އޭޑީކޭއިންނާއި ޓްރީޓޮޕް ހޮސްޕިޓަލުން ކަމަށް. އެކަމަކު އެ ތަންތަނުން އެބައޮތް އަންގާފަ ނުހެދޭނެ ކަމަށް. ޓްރީޓޮޕުގެ މެޝިން ހަލާކުވެފައިވާ ކަމަށް. މިއީ ބޮޑު މައްސަލައެއް،" ރިސޯޓެއްގެ އިސް މަގާމެއްގައި މަސައްކަތް ކުރައްވާ ބޭފުޅަކު ވިދާޅުވި އެވެ.
ގިނަ އެއާލައިންތަކެއްގެ ޓިކެޓު ވިއްކާ ކުންފުންޏެއްގެ އިސްވެރިއަކު ވިދާޅުވި ގޮތުގައި އެންމެ ބޮޑަށް މައްސަލަ ކުރިމަތިވެފައިވަނީ އެމިރޭޓްސް އިން ކަމަށެވެ. މިކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަރަށް ބޮޑު މައްސަލައެއް މިއީ. މިހެންވީމަ ޓިިކެޓު ޑޭޓް ބަދަލު ކުރަން ޖެހޭ. އެގޮތަށް ހެދީމަ އިތުރު ފައިސާ އެ މީހުންގެ އަތުން ހޭދަވާނެ. އެ ޝަކުވާ އެބަ އާދެ،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.