ކޮވިޑް-19 އިގެ މުޅިން އާ ވޭރިއަންޓެއް އިނގިރޭސިވިލާތުގައި ވަރަށް ބާރަށް ފެތުރެމުންދަތީ، ގިނަ ގައުމުތަކުން ޔޫކޭއާއެކު ދަތުރުފަތުރު މެދުކަނޑާލާފައިވާއިރު، އެކަމާ ގުޅިގެން ރާއްޖޭން އަޅާނެ ފިޔަވަޅަކާމެދު މަޝްވަރާ ކުރަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
އިނގިރޭސިވިލާތުގައި މިހާރު ވަރަށް ބާރަށް ފެތުރެމުންދާ ކޮވިޑް-19 އިގެ އާ ވެރިއަންޓް، ގައިން ގަޔަށް ފެތުރުމުގެ ދުވެލި 70 ޕަސަންޓް އިތުރުކަމަށް ސިއްހީ މާހިރުން ވަނީ ބުނެފައި އެވެ.
މި ބަލީގެ ވޭރިއަންޓް ކޮންޓްރޯލް ނުވާ މިންވަރަށް ފެތުރެމުންދާކަމަށް ޔޫކޭގެ ހެލްތު ސެކްރެޓަރީ މެޓް ހެންކޮކް ވެސް ވިދާޅުވެފައިވާއިރު، ކޮވިޑުގެ އާ ވެރިއަންޓް ޑެންމާކް، އިޓަލީ އަދި ނެދާލަންޑަސް އިން ފެނިފައިވާ ކަމަށް އެ ގައުމު ތަކުން ވަނީ ބުނެފަ އެވެ.
އެއާއެކު، ޖަރުމަނު، އިޓަލީ އަދި ފްރާންސުންވެސް މިހާރު ޔޫކޭއަށް ފްލައިޓުތައް ވަގުތީ ގޮތުން ހުއްޓާލާފައިވާއިރު، އެ ގައުމުތައް ނިސްބަތްވާ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވެސް ދަނީ ގައުމުތައް ގުޅިގެން އެޅިދާނެ ފިޔަވަޅުތަކާމެދު މަޝްވަރާތައް ފަށައިފަ އެވެ.
ފްލައިޓުތަކުގެ އިތުރުން، ޗެނަލް ޓަނަލް މެދުވެރިކޮށް ޔޫކޭ އިން އަންނަ ރޭލު ދަތުރުތައް ވެސް ވަނީ ހުއްޓާލާއިފަ އެވެ.
އެކަމާ ގުޅިގެން އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، ހެލްތު އެމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ، ޔޫކޭގައި ފެތުރޭ ކޮވިޑް-19 އިގެ އާ ވޭރިއަންޓާއެކު އަޅާނެ ފިޔަވަޅުތަކާމެދު މަޝްވަރާ ކުރެވެމުން އަންނަ ކަމަށެވެ.
ކޮވިޑް-19 އިގެ މި ހާލަތުގައި އިނގިރޭސިން ދަތުރު ކުރަން ރައްކާތެރި ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމަނާފައިވަނީ މިދިއަ އޮކްޓޯބަރު މަހުގެ ތެރޭގައި އެވެ. އެއާއެކު މިދިއަ މަހުން ފެށިގެން ދެ ގައުމުގެ ދެމެދު ފްލައިޓުތައް އަލުން އޮޕަރޭޓް ކުރަން ފަށާފައިވާއިރު، މިވަގުތު އިނގިރޭސިވިލާތުން ރާއްޖެ އަށް ދަތުރުކުރަނީ ބްރިޓިޝް އެއާވޭސް އާއި ސްރީލަންކަން އެއާލައިންސް އެވެ.
ޖުލައި 15 ގައި ބޯޑަރު ހުޅުވާލިފަހުން، ޔޫކޭއިން އައި ޓޫރިސްޓުންގެ އަދަދު ވަނީ 15،000 އަށް ވުރެ މައްޗަށް އަރައިފަ އެވެ.