ކުޅިވަރު

ސިޓީއަށް ބަދަލުވި ޓޯރޭޒްގެ ހަމަލާތައް ވެލެންސިއާއަށް

ސްޕެއިންގެ ވެލެންސިއާ ދޫކޮށް މެންޗެސްޓާ ސިޓީއަށް ބަދަލުވިތާ އެއް ދުވަސް ފަހުން، ފެރާން ޓޯރޭޒްގެ ހަމަލާތައް ވެލެންސިއާގެ މެނޭޖުމެންޓާއި އެ ޓީމުގެ ކެޕްޓަން ޑެނީ ޕަރެހޯއަށް ފޮނުވާލައިފި އެވެ.

އަންގާރަ ދުވަހު، ސިޓީއަށް ސޮއި ކުރި ޓޯރޭޒް ބުނީ، އޭނާ ވިއްކާލުމުގެ މަރުހަލާގައި ވެލެންސިއާއިން އަމަލު ކޮށްފައި ވަނީ ހުތުރު ގޮތަކަށް ކަމަށެވެ. އޭނާ ބުނީ 2019 ވަނަ އަހަރު ކުރީ ކޮޅު އޭނާއަކީ ސީނިއާ ޓީމުގެ މުހިންމު ކުޅުންތެރިޔެއް ނޫން ކަމަށް، ކުލަބުގެ އަމަލުތަކުން އޭނާއަށް ދޭހަވި ކަމަށެވެ.

ލަލީގާގެ ކުލަބަކަށް އޭނާ ވިއްކާލަން މާކެޓަށް ވެސް ނެރުނު ކަމަށް ސްޕެއިންގެ މާކާއަށް ދިން އިންޓަވިއުގައި ޓޯރޭޒް ބުންޏެވެ. އެކަމާ ގުޅިގެން ވެލެންސިއާގެ ލޯކަލް ވާދަވެރިޔާ ލެވަންޓޭ އިންނާއި ދެ ވަނަ ޑިވިޝަންގެ ކުލަބަކުން ވެސް އޭނާ ގަންނަން ހުށަހެޅި ކަމަށެވެ.

"މައްސަލައަކީ ކުލަބުގައި ތިބި ބައެއް މީހުން އަހަރެންގެ އިމޭޖު ހަޑި ކުރަން ބޭނުންވި، އަހަރެން ބޭނުންމެއް ނޫން ނުރަނގަޅު ގޮތަކަށް ވެލެންސިއާ ދޫކޮށް ދާކަށް، ސަބަބަކީ، އަހަންނަކީ ވެލެންސިއާގެ ސަޕޯޓަރެއް،" އިންޓަވިއުގައި ޓޯރޭޒް ބުންޏެވެ. "ސީނިއާ ޓީމުން އަހަންނަށް ފުރުސަތު ދޭން ނިންމި ހިސާބުން ކުލަބުގެ ފަރާތުން އަހަންނަށް ޕްރެޝާ ކުރިމަތިވި އަދި ފާޑުކިޔުން ވެސް ކުރިމަތިވި، އަހަންނާ ހަމައިން އެކަން ނިމުނީކީ ނޫން، އަހަރެންގެ އާއިލާއަށްވެސް ޕްރެޝާ ކުރި."

އޭނާ ބުނީ، ވެލެންސިއާ އާއެކު އޭނާގެ ކޮންޓްރެކްޓް އާ ކުރިއިރު ތިން ކަމެއްގެ ތެރެއިން ދެ ކަމެއް އޭނާ ބޭނުންވި ކަމަށެވެ. އެއީ ކުލަބަށް މުހިންމު ކުޅުންތެރިޔެއް ކަމުގައި ދައްކައިދޭން ވެލެންސިއާ އޯނަރު ޕީޓާ ލިމް އެނާގެ ކޮންޓްރެކްޓް އާ ކުރުމުގައި ބައިވެރި ވުމާއި، ކުލަބުގެ ކެޕްޓަން ނުވަތަ ކުލަބުގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާގެ ގޮތުގައިވުން ކަމަށެވެ.

"އެހެންނަމަވެސް އެއީން އެއްވެސް ކަމެއް ފުރިހަމަ ނުވި،" އޭނާ ބުންޏެވެ. "އެހެންނަމަވެސް އަހަރެން ބޭނުންވި ކުލަބުގައި ހުންނަން، އަހެންވެ އަހަރެން ޝަރުތުތައްވެސް ދޫކޮށްލީ، އެހާހިސާބުން އަހަންނަށް އެނގުނު ވެލެންސިއާ އަކީ ޔޫރަޕްގެ އެހެން ބޮޑެތި ކުލަބުތަކާ އެއް މަގާމެއްގައި އޮތް ކުލަބެއް ނޫންކަން، ވެލެންސިއާގެ ޕްރޮޖެކްޓް ލީޑް ކުރާ ކުޅުންތެރިޔަކަށް އަހަންނަށް ވެވޭނެ، އަހަރެން ބޭނުންވީ ކުލަބުންވެސް އަހަންނަށް މެދު އެގޮތަށް ދެކެން، ނަމަވެސް އެމީހުން ބޭނުމެއް ނުވި އަހަރެން ކުލަބުގައި ބަހައްޓަކަށް."

ޓޯރޭޒް ބުނީ، ކެޕްޓަން ޑެނީ ޕަރޭހޯ އަކީ ރަނގަޅު ކެޕްޓަނެއް ނޫން ކަމަށާއި ކެޕްޓަނެއްގެ ފަރާތުން ލިބެންޖެހޭ ސަޕޯޓެއް އޭނާ އަށް ޕަރޯހޯގެ ފަރާތުން ނުލިބޭ ކަމަށެވެ.