ހޮސްޕިޓަލްގައި މިވަގުތު ފަރުވާ ހޯއްދަވަމުން ގެންދަވާ ކުރީގެ ފަސްޓް ލޭޑީ މެޑަމް ނަސްރީނާ އިބްރާހިމްގެ ހާލުކޮޅު ރަނގަޅު ކަމަށް އާއިލާއިން ބުނެފި އެވެ.
އަވަސްއާ މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ މެޑަމް ނަސްރީނާ ހޮސްޕިޓަލްގައި އެޑްމިޓް ކުރެއްވީ އެކަމަނާގެ ހަށިގަނޑުން ލޮނުގެ މިންވަރު މަދުވެގެން ކަމަށެވެ. މިވަގުތު ނަސްރީނާއަށް ފަރުވާ ދެއްވަމުން ގެންދަވަނީ ޓްރީޓޮޕް ހޮސްޕިޓަލްގަ އެވެ.
"އަލްހަމްދުﷲ، ނަސްރީނާގެ ހާލު ރަނގަޅު،" ހޮސްޕިޓަލްގައި ހުންނަވާ ފޯނުން ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން މިރޭ ވިދާޅުވި އެވެ.
މެޑަމް ނަސްރީނާ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވަނީ މީގެ ދެ ދުވަސް ކުރިންނެވެ.
ރައީސް މައުމޫން ވިދާޅުވީ މެޑަމް ނަސްރީނާ ކޮވިޑަށް ވެސް ޓެސްޓް ކުރެއްވި ކަމަށާ އެކަމަނާގެ ސާމްޕަލްގެ ނަތީޖާ ނެގެޓިވް ކަމަށެވެ.
"ހެޔޮ އެދުމުގެ މެސެޖްތައް ފޮނުއްވި ހުރިހާ ބޭފުޅުންނަށް ވެސް އަޅުގަނޑުގެ ފަރާތުން ޝުކުރު ދަންނަވަން،" ރައީސް މައުމޫން ވިދާޅުވި އެވެ.