ބޭރު ކުޅިވަރު

ކްލޮޕް އާއި ލިވަޕޫލުން އެއްބަސްވުމަކަށް އަތުވެއްޖެ

Oct 7, 2015

ލިވަޕޫލަށް ކޯޗު ކޮށްދިނުމަށް ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމުންޑްގެ ކުރީގެ ކޯޗު ޖާގަން ކްލޮޕް އެއްބަސްވެއްޖެ އެވެ.

އޭނާއާއެކު ލިވަޕޫލުން ތިން އަހަރުގެ ކޮންޓްރެކްޓްގައި ސޮއިކޮށް އާ ކޯޗު ދައްކާލުމުގެ ރަސްމިއްޔާތު ބާއްވާނީ އަންނަ ހުކުރު ދުވަހު އެވެ.

އުމުރުން 48 އަހަރުގެ ކްލޮޕް އޭނާގެ އެސިސްޓެންޓް ކޯޗުންގެ ގޮތުގައި ގެނައުމަށް ހުށަހެޅި ދެ ކޯޗުންނަށް މިހާރު ލިވަޕޫލުން ވަނީ އާނ ބަސްބުނެފަ އެވެ.

މި މަހުގެ 17 ވަނަ ދުވަހު ޓޮޓެންހަމާ ދެކޮޅަށް އިނގިރޭސި ޕްރެމިއާ ލީގުގައި ނުކުތުމުގެ ކުރިން ކްލޮޕްއާ ޓީމު ހަވާލު ކުރުމަށް ލިވަޕޫލުން ނިންމީ ކޯޗު ކަމުގައި ފާއިތުވެދިޔަ ތިން އަހަރާއި ބައިގައި ހުރި ބްރެންޑަން ރޮޖާސް މަގާމުން ވަކިކުރުމަށްފަހު އެވެ. އޭނާ މަގާމުން ވަކިކުރަން ނިންމީ ނަތިޖާތައް ގޯސްވި ޖެހިޖެހިގެން ދެ ވަނަ ސީޒަނެއްގައި ގަދަ ހަތަރަކުން ލިވަޕޫލް ކަޓާފާނެ ކަމުގެ ބިރު ހީވުމުންނެވެ.

ކްލޮޕް ލިވަޕޫލަށް އައުމަށް އެންމެ މުހިންމު ޝަރުތެއްގެ ގޮތުގައި ހުށަހެޅީ ކުޅުންތެރިން ގަނެވިއްކުމުގެ ބާރު އޭނާ އަށް ދިނުމެވެ. މިކަމަށް ވެސް މިހާރު ލިވަޕޫލުން އެއްބަސްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.