ރިތިކް ރޯޝަން

ރިތިކް ރޯޝަން ވެސް ޑިޖިޓަލް ފިލްމަކުން ފެނިދާނެ

ޑިޖިޓަލް ޕްލެޓްފޯމްތަކުގައި މަސައްކަތް ކުރަން ބޮލީވުޑް ގިނަ އެކްޓަރުން މިހާރު ފަހެއް ނުޖެހެ އެވެ. ހާއްސަކޮށް ކޮރޯނާވައިރަހާ ހެދި ލޮކްޑައުންގައި އިންޑިޔާ އޮންނަތާ ހަތަރު މަހަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު އޮންލައިންކޮށް ދައްކަން އުފައްދާ ފިލްމުތައް ބަލާ މީހުން އިންތިހާއަށް އިތުރުވެ މިފަދަ ފިލްމުތަކުގެ ޑިމާންޑް ވަނީ ބޮޑުވެފަ އެވެ.

ފާއިތުވީ ދުވަސްތަކުގައި ޑީޖިޓަލް ފިލްމުތަކުން ފެންނަ ބޮލީވުޑް އެކްޓަރުން ވަރަށް ބޮޑަށް އިތުރުވެފައި ވެއެވެ. އަދި މަޝްހޫރު އެކްޓަރު ރިތިކް ރޯޝަން ވެސް ވަރަށް އަވަހަށް ވެބް ފިލްމުތަކުން ފެނިދާނެ ކަމުގެ ޚަބަރުތަކެއް އިންޑިޔާގެ ނޫހަކުން ރިޕޯޓުކޮށްފައި ވެއެވެ.

އެ ނޫހުން ބުނެފައިވާ ގޮތުގައި ޑިޒްނީ-ހޮޓްސްޓާއިން ރިތިކް އަށް ވަނީ ވަރަށް ރަނގަޅު ދެ ވެބް ޕްރޮޖެކްޓެއް ކުޅުމުގެ ހުށަހެޅުމެއް ހުށަހަޅާފަ އެވެ. މީގެ ތެރެއިން އެއް ޕްރޮޖެކްޓަކީ 2016 ގައި ރިލީޒްކުރި "ދަ ނައިޓް މެނޭޖާ" ގެ އިންޑިއާ ވާޝަން އެވެ. މީގެ އޮރިޖިނަލް ފިލްމުގައި ލީޑް ރޯލު ކުޅެފައިވަނީ ޓޮމް ހިޑްލެސްޓަން އެވެ. ދެ ވަނަ ސީރީޒް އަކީ ހޮލީވުޑްގެ ވަރަށް މަޝްހޫރު ފިލްމެއް ކަމަށްވާ "ދަ ސިޓުޑެލް"ގެ ވެބް އެޑަޕްޓޭޝަން އެކެވެ.

ބީބީސީގެ "ދަ ނައިޓް މެނޭޖާ" އަކީ އިންޑީޔާގައި ވަރަށް މަގްބޫލު ސިލްސިލާ އެކެވެ. ޓޮމް އުޅޭތީ އެވެ. އެހެންކަމުން އިންޑިޔާ އޯޑިއަންސް އަށް ޚާއްސަކޮށްގެން މީގެ ރިމޭކް އެއް ހަދައިފިނަމަ ވަރަށް ހިނގާނެ ކަމަށް ބީބީސީ އަށް ގަބޫލު ކުރެވިގެން ރިތިކް އަށް މި ފިލްމު ހުށަހެޅީ އެވެ.

ރިތިކް މި ރޯލަށް ހޮވަން ނިންމީ އެކްޓިން ހުނަރާއި ރީތިކަމަށް ބަލާއިރު ޓޮމް އާ އެންމެ ގާތް ކުރާ ބޮލީވުޑް އެކްޓަރަކީ ރިތިކް ކަމަށް ބީބީސީ އަށް ގަބޫލު ކުރެވިގެންނެވެ. "ދަ ނައިޓް މެނޭޖާ" އަކީ ލަގްޒަރީ ހޮޓަލެއްގެ މެނޭޖަރެއްގެ ވާހަކަ އެކެވެ. އަނެއްކޮޅުން "ދަ ސިޓުޑެލް" އަކީ މެޑިކަލް އެތިކްސް އާ ގުޅޭ ވާޙަކަތަކެއް ކިޔައިދީފައިވާ ފިލްމެކެވެ.

މި ދެ ޕްރޮޖެކްޓާ ވެސް ރިތިކް ވަރަށް ހިތްހަމަޖެހޭ ކަމަށާއި އާނއެކޭ ބުނުމުގެ ފުރުސަތު ބޮޑުކަމަށް ވެސް އިންޑިޔާގެ ނޫހުން ވަނީ ބުނެފަ އެވެ.

މީގެން އެއް ސީރީޒްއަށް ދިޝާ ޕަޓްނީ އަނެއް ސީރީޒް އަށް ތައްބޫ ހަމަޖެއްސުމަށް ވާހަކަ ދައްކަމުންދާ ކަމަށް ޚަބަރުތައް ބުނެ އެވެ. މި ދެ ތަރިންނަށް ހުށަހަޅާފައިވަނީ އެލިޒަބަތު ޑެބިކީ އާއި އޮލީވިއާ ކޯލްމަން ކުޅެފައިވާ ރޯލު ތަކެވެ.

ރިތިކްގެ ދެ ތިން ހިންދީ ފިލްމެއްގެ ވާހަކަތައް ވަރަށް ގިނައިން ދެކެވުނު ނަމަވެސް އެއްވެސް ފިލްމެއްގެ މަސައްކަތް އޭނާ ފަށާފައެއް ނުވެ އެވެ. އެންމެ އަވަހަށް ފެށުނަސް ފެށޭނެ ކަމަށް ބެލެވިފައިވަނީ އޭނާގެ ބައްޕަ ރާކޭޝް ރޯޝަން ޑައިރެކްޓްކުރާ "ކްރިޝް 4" އެވެ. ދެން ރިތިކް ބައިވެރިވާނެ ކަމުގެ އަޑުތައް ފެތުރިފައިވަނީ "ސައްތޭ ޕޭ ސައްތާ" ގެ ރިމޭކް އާއި "ދަ ބާނިން ޓްރެއިން" ރިމޭކެވެ.