ކުޅިވަރު

ޔުނައިޓެޑާއި އިންޓަ ކްއާޓާ ފައިނަލަށް

މެނެޗެސްޓާ ޔުނައިޓެޑާއި އިންޓަ މިލާން ކުޅުނު މެޗުތައް ކާމިޔާބު ކޮށް، އެ ދެ ޓީމު ޔޫރޮޕާ ލީގްގެ ކްއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ގަދަ 16 ގެ ދެ ވަނަ ލެގް މެޗުގައި އޮސްޓްރިއާގެ ލާސްކް ލިންޒް އާ ދެކޮޅަށް ކުޅުނު މެޗު މެންޗެސްޓާގެ އޯލްޑްޓްރަފާޑްގައި ކުޅޭ ޔުނައިޓެޑުން ކާމިޔާބު ކުރީ 2-1 ންނެވެ. ފެބްރުއަރީ މަހު ކުޅުނު ފުރަތަމަ ލެގް މެޗު ލާސްކްގެ ދަނޑުގައި ޔުނައިޓެޑުން ކާމިޔާބު ކުރީ 5-0 ންނެވެ.

މެޗުގެ ލަނޑުތައް ޖެހީ ދެ ވަނަ ހާފުގަ އެވެ. ފުރަތަމަ ލީޑް ނެގީ ލާސްކުންނެވެ. އެ ޓީމުގެ ލަނޑު 55 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޑިފެންޑަރު ފިލިޕް ވީސިންގާ އެވެ. ދެ މިނެޓް ފަހުން ޔުނައިޓެޑްގެ ޖެސީ ލިންގާޑް އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. މެޗުގެ 88 ވަނަ މިނެޓްގައި އެންތޮނީ މާޝިއަލް ވަނީ ޔުނައިޓެޑްގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ.

ކްއާޓާ ފައިނަލަށް ޔުނައިޓެޑް ދަތުރު ކުރީ 7-1 ގެ އެގްރިގޭޓް ނަތީޖާއިންނެވެ. ކްއާޓާގައި އެ ޓީމު ވާދަ ކުރާނީ، ރޭ އިސްތަންބޫލް ބަޝަކްޝިއާ ބަލިކޮށް ކްއާޓާއިން ޖާގަ ހޯދި ކޯޕެންހޭގަން އާ ދެކޮޅަށެވެ.

އިޓާލީ އާއި ސްޕެއިންގައި އޮތް ކޮރޯނާ ވަރަސްގެ ހާލަތާ ގުޅިގެން އިންޓަ މިލާން އާއި ގެޓާފޭގެ މެޗު ކުޅުނީ ޖަރުމަންގެ ގެލްސަންކޭހެންގައި ހުންނަ ޝާލްކޭގެ ހޯމް ސްޓޭޑިއަމް ވެލްޓިންސް އެރީނާގަ އެވެ. މާޗް މަހު ކޮރޯނާ ވައިރަސްގެ ސަބަބުން މެދުކަނޑާލިއިރު މި ދެ ޓީމު ގަދަ 16 ގައި ކުޅެން ޖެހޭ މެޗުގެ ތެރެއިން އެއްވެސް ލެގެއް ނުކުޅެ އޮތުމުން ޔޫއެފާއިން ނިންމީ ޖަރުމަނަށް ބަދަލު ކުރުމަށް ފަހު އެއް މެޗު ކުޅޭ ގޮތަށެވެ.

އިންޓަގެ ލަނޑުތައް ކާމިޔާބު ކުރީ ރޮމެލޫ ލުކާކޫ އާއި ކްރިސްޓިއަން އެރިކްސަން އެވެ. ލުކާކޫ ލަނޑު ޖެހީ މެޗުގެ 33 ވަނަ މިނެޓްގަ އެވެ. ދެ ވަނަ ހާފުގެ 77 ވަނަ މިނެޓްގައި ނަތީޖާ ހަމަހަމަ ކުރަން ގެޓާފޭއަށް ވަނީ ރަނުގެ ފުރުސަތެއް ލިބިފަ އެވެ. އެ ޓީމަށް ލިބުނު ޕެނަލްޓީ ޖޯޖް މޮލީނާ ފޮނުވާލި ނަމަވެސް ޕެނަލްޓީ ދިޔައީ ގޯލް ދަނޑި ކައިރިން ބޭރަށެވެ. އިންޓަގެ ދެ ވަނަ ލަނޑު އެރިކްސަން ކާމިޔާބު ކުރީ 83 ވަނަ މިނެޓްގަ އެވެ.

ކްއާޓާ ގައި އިންޓަ ވާދަ ކުރާނީ މިރޭ ރެންޖާސް އާއި ބަޔާން ލެވަކޫސަން ކުޅޭ މެޗުގެ ތެރެއިން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. ރޭންޖާސްގެ ދަނޑުގައި މި ދެ ޓީމު ކުޅުނު ފުރަތަމަ ލެގް މެޗު ލަވަކޫސަން ކާމިޔާބު ކުރީ 3-1 ންނެވެ. ވުލްފްސްބާގް ބަލިކޮށް ޔޫކްރޭންގޭގެ ޝަކްޓާ ޑޮނެސްކް ވެސް ވަނީ ކްއާޓާއިން ޖާގަ ހޯދާފަ އެވެ.