ޓްރާންސްފާ މާކެޓް

ޔުނައިޓެޑުން ސަންޗޭޒް އިންޓައަށް ދޫކޮށްލައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ލޯން ޓްރާންސްފާއެއްގެ ދަށުން މިދިޔަ އަހަރު އޯގަސްޓް މަހު އިންޓަމިލާން އަށް ބަދަލުވި އެލެކްސިސް ސަންޗޭޒް ރަސްމީ އެއްބަސްވުމުގެ ދަށުން އިންޓަގެ ކޮންޓްރެކްޓްގައި ސޮއި ކޮށްފި އެވެ.

ޔުނައިޓެޑާ އެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ހަފުތާއަކު 560،000 ޕައުންޑް ލިބެ އެވެ. އެ ކޮންޓްރެކްޓް ހަމަވާން ބާކީ ދެ އަހަރު އޮއްވައި އިންޓައަށް ސަންޗޭޒް ދޫކޮށްލަން ޔުނައިޓެޑުން އެއްބަސްވީ ހިލޭ ޓްރާންސްފާ އަކަށް ކަމަށް ދަ ގާޑިއަން އިން ބުނެ އެވެ.

ސަންޗޭޒްގެ މުސާރައިގެ ތެރެއިން ބައެއް ޔުނައިޓެޑުންވެސް ދިޔައީ ދައްކަމުންނެވެ. އާސެނަލް ދޫކޮށް ޖަނަވަރީ 2018 ގައި ޔުނައިޓެޑަށް ބަދަލުވި ނަމަވެސް ޔުނައިޓެޑުން އެންމެ ބޭނުންވި ކުޅުމެއް އޭނާއަށް ނުދެއްކުނެވެ. ޔުނައިޓެޑަށް ކުޅުނު 45 މެޗުގެ ތެރެއިން އޭނާ އަށް ޖެހުނީ ފަސް ލަނޑެވެ.

އިންޓައާއެކު އޭނާ އެއްބަސްވުން ހެދީ ތިން އަހަރަށެވެ. ސަންޗޭޒް ވަނީ އިންޓައަށް 30 މެޗު ކުޅެފަ އެވެ. އިންޓަގެ ޖޯޒީގައި އޭނާއަށް މިހާތަނަށް ޖެހުނީ ހަތަރު ލަނޑެވެ.

"މެންޗެސްޓާ ޔުނައިޓެޑަށް ނިސްބަތްވާ ހުރިހާ އެންމެންވެސް އެދެނީ އެލެކްސިސް ސަންޗޭޒްއަށް ކާމިޔާބަށް." ޔުނައިޓެޑުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވެއެވެ.

ސަންޗޭޒް އަކީ ޔުނައިޓެޑުން، އިންޓަ އަށް ބަދަލުވި ތިން ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔާ އެވެ. އަނެއް ދެ ކުޅުންތެރިންނަކީ ރޮމެލޫ ލުކާކޫ އާއި އެޝްލީ ޔަންގް އެވެ.