ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީންގެ މައްޗަށް ހުކުމް އިއްވި ކްރިމިނަލް ކޯޓްގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން، ސުޕްރީމް ކޯޓަށް އައްުޔަން ކުރެއްވުމާމެދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލަފަޔަކަށް އެދި ރައީސް ސޯލިހު ފޮނުއްވުމުން އިދިކޮޅުން ފާޑުކިޔައިފި އެވެ.
ރައީސް ސޯލިހު، ސުޕްރީމް ކޯޓަށް އައްޔަން ކުރައްވަން ނިންމަވާފައިވަނީ، ހދ. ކުޅުދުއްފުށި، ފިނިފެންޖަންބުގޭ ޑރ. މުހައްމަދު އިބްރާހިމާއި، ދަފްތަރު ނަންބަރު ރސ 2302، އަލީ ރަޝީދު ހުސައިންނެވެ. އެ ބޭފުޅުންނާމެދު ޖޭއެސްސީއަށް ފެންނަ ގޮތެއް ރައީސްއަށް އެންގެވުމުން ރައްޔިތުންގެ މަޖިލީހަށް ރުހުން ހޯދުމަށް ފޮނުވާނެ އެވެ.
ފަނޑިޔާރު އަލީ ރަޝީދަކީ ރައީސް ޔާމީނަށް ހުކުމް ކުރެއްވި ފަނޑިޔާރެވެ. އެ ހުކުމާމެދު އިދިކޮޅުން ސުވާލު އުފައްދައެވެ. އެއީ އިންސާފު ހުކުމެއް ނޫން ކަމަށް ރައީސް ޔާމީންގެ ގާނޫނީ ޓީމުންވެސް ވަނީ ބުނެފައެވެ.
އިދިކޮޅު ލީޑްކުރައްވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވީ ރައީސް ޔާމީނަށް ނުހައްގު ހުކުމެއް ކުރުމުގެ އިނާމަކަށް ސްޕްރީމް ކޯޓުގެ ގޮނޑިއެއް އެ ހުކުމް ކުރި ފަނޑިޔާރު އަލީ ރަޝީދަށް ދިނުމަށް ރައީސް ސޯލިހު ނިންމެވުމުން ހުކުމަށް ނުފޫޒު ފޯރުވި މިންވަރު ހާމަވެއްޖެ ކަމަށެވެ.
"ރައީސް ޔާމީނަށް ނުހައްގު ހުކުމެއް ކުރުމުގެ އިނާމަކަށް ސްޕްރީމް ކޯޓުގެ ގޮނޑިއެއް އެ ހުކުމް ކުރި ފަނޑިޔާރު އަލީ ރަޝީދަށް ދިނުމަށް ރައީސް ސޯލިހު ނިންމެވުމުން ޔަގީން ވެގެން މި ދިޔައީ ރައީސް ޔާމީނުގެ ހުކުމަށް ރައީސް ސޯލިހު ނުފޫޒު ފޯރުވި މިންވަރު،" އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީނަށް އަނިޔާ ދެމުންދަނީ ރާވައިގެން ކަމަށާ އެކަމުގެ އަޑީގައި ހުންނެވީ ރައީސް ސޯލިހު ކަމަށެވެ. އަދި މި ސަރުކާރުން ކޯޓްތަކަށް ވަރަށް ބޮޑަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތު ކުރެއްވިއެވެ.
"ރައީސް ސާލިހުގެގެ މި ނިންމެވުމުން ޔަގީން ވަނީ ރައީސް ޔާމީނަށް ނުހައްގުން ގަސްދުގައި އަނިޔާ ދެމުން ދަނީ ސީދާ ރައީސް ސާލިހުކަން. އަދި މި ސަރުކާރުން ކޯޓުތަކަށް ހަތަރެސް ފަޔާ ބޮލާ ލޯވެސް ބާނާފައިވާކަން،" އަބްދުއްރަހީމް ވިދާޅުވިއެވެ.
ރައީސް ޔާމީނަށް ނުހައްގު ހުކުމެއް ކުރުމުގެ އިނާމަކަށް ސްޕްރީމް ކޯޓުގެ ގޮނޑިއެއް އެ ހުކުމް ކުރި ފަނޑިޔާރު އަލީ ރަޝީދަށް ދިނުމަށް ރައީސް ސޯލިހު ނިންމެވުމުން ޔަގީން ވެގެން މި ދިޔައީ ރައީސް ޔާމީނުގެ ހުކުމަށް ރައީސް ސޯލިހު ނުފޫޒު ފޯރުވި މިންވަރުއަބްދުއްރަހީމް އަބްދުﷲ | ޕީއެންސީގެ ރައީސް
ރައީސްގެ ނިންމެވުމަށް އިދިކޮޅުގެ އެހެން ބޭފުޅުންވެސް ގެންދަވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް އުފުލި ދައުވާގައި އޮތް އެއްޗެއް އަދި ޝަރީއަތުގައި ރައީސް ޔާމީނާއި އެމަނިކުފާނުގެ ވަކީލުން ދެއްކެވި ވާހަކަފުޅުތަކަށްވެސް ރިއާޔަތް ކުރުމެއްނެތި ފަނޑިޔާރު އަލީ ރަޝީދު ހުކުމް ކުރެއްވީ ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވުމުން ކަމަށެވެ. އެއީ ދެ ފަރާތުން އެއްވަސްވެގެން ހެދި ޑީލެއް ކަމަށްވެސް ޝިޔާމް ތުހުމަތު ކުރެއްވިއެވެ.