އެޑިޓަރުގެ ނޯޓް: ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ ލިޔުންތެރިއެއް، ނޫސްވެރިއެއް އަދި ތާރީހާއި ސަގަފާތުގެ ރިސާޗަރެކެވެ. އެމަނިކުފާނު ވަރަށް ގިނަ ފޮތްތައް ލިޔުއްވައި ވަރަށް ގިނަ ރިސާޗްތައް ކުރައްވާފައި ވެއެވެ. އެންމެ ފަހުން އެމަނިކުފާނުގެ ފަރާތްޕުޅުން އައީ މިހާރު އާންމު ކުރައްވާފައިވާ ދިވެހި ރާއްޖޭގެ ސިޔާސީ އަދި ގައުމީ ހަޔާތުގެ މައްޗަށް ލިޔުއްވެވި ފޮތް، "ދެރަދުން" އެވެ. މިއީ "ދެރަދުން" ގެ މައްޗަށް ޒުވާން ލިޔުންތެރިޔާ ބ. ކުޑަރިކިލު، ޝަމްއޫން ޖަލީލް ލިޔުއްވާފައިވާ ރިވިއުއެކެވެ. ވިދާޅުވަމުން ގެންދަވާށެވެ.
__________________________________________________
"ދެރަދުން"ގެ ސަފްހާތަކާ އެކު އަޅުގަނޑުގެ ހަނދާންތައް އުދުހިގަތީ 2000 ގެ އަހަރުތަކުގެ ކުރީކޮޅަށެވެ. އެއިރުގެ ޤައުމީ ކުތުބުޚާނާއަށެވެ. އެތަނުގެ ދިވެހި ކަލެކްޝަނުން ކިޔަން ލިބުނު ވަރަށް ޝައުގުވެރި ފޮތަކަށެވެ. ދިވެހި ތާރީޚުގެ މައްޗަށް އަޅުގަނޑުގެ ފުރާވަރުގެ ހިތުގައި ޝައުގުވެރިކަން އުފައްދައިދިން އެއް ފޮތަށެވެ. އެ ފޮތަކީ "ދެރަދުން" ގެ މުޞައްނިފު 1996 ވަނަ އަހަރު ލިޔުއްވާފައިވާ "ދަގަނޑު ދަހަނާ" އެވެ. އިނގިރޭސިންގެ ހިމާޔަތުގެ އުނގަށް ދިވެހި ރާއްޖެ ދާން ޖެހުނު ސަބަބުތަކުގެ މައްޗަށް ކުރައްވާފައިވާ ތާރީޚީ ފުން ދިރާސާއެވެ. "ދެރަދުން" މި ފޮތަކީ "ދަގަނޑު ދަހަނާ" ކިޔާފައިވާ ކޮންމެ މީހެއްގެ ހިތުގައިވެސް ހިނގާނެ އެތައް ވިސްނުމުގެ ނަޒަރުތަކަކަށް ފޮތުގެ މުޞައްނިފު ދެއްވާފައިވާ އިތުރުބަޔާނެކެވެ.
ފޮތުގެ މައިގަނޑަކީ 1800 ގެ ފަހުގޮޅުގެ އަހަރުތަކުގައި ރާއްޖެއަށް ކުރިމަތިވި ކަންކަމެވެ. ޚާއްޞަކޮށް މާލެއަށެވެ. މި މައިގަނޑަށް ކިޔުންތެރިޔާ ގެންދިއުމަށްޓަކައި، ރައީސް މުހައްމަދު ނަޝީދު ތަކުރާރުކޮށް ވިދާޅުވާހެން، ކަމެއް ކުރުމަށްޓަކައި އެތައް އެހެން ކަމެއް، އިސްވެ ކުރަންޖެހުމުގެ ޓެކުނީކު ބޭނުންކުރައްވާފައި ވެއެވެ. މީގެ ތެރެއިން ހުރާ ދަރިކޮޅު ފެށިގެންއައި ގޮތާމެދު ޗެޕްޓަރެއް، އަދި ކުޑަބަންޑާރައިންގެ ޕާޓީގެ ޖަދުބުނިޔާދުކަމުގައިވާ މާންދޫގެއާ ބެހޭގޮތުން ހުޅުވިގެންވާ ތަފްޞީލެއް ހިމެނޭ ދެ ޗެޕްޓަރު ރައީސް ނަޝީދު ލިޔުއްވާފައިވެއެވެ.
ނަމަވެސް މި ޗެޕްޓަރުތަކުގެ ސަބަބުން ބައެއް ކިޔުންތެރިންނަށް މަގު ގެއްލޭގޮތް ވެދާނެ އެވެ. މައުޟޫޢާ ނުގުޅޭ ވާހަކަ ގިނަކަމުގައި ވެދާނެ އެވެ. ނަމަވެސް އެ ދަތުރުކުރަނީ ކޮން މިސްރާބަކަށްކަން އެނގިވަޑައިގަންވާ ބޭފުޅުންނަށް ވަރަށް ރީއްޗަށް، މި ފޮތުގައި ލިޔުންތެރިޔާ އެ އަޅުއްވާ ގޯޅިތައް އެނގޭނެ އެވެ.
ފޮތެއް ލިޔުމަކީ ކަރުދާހާއި ދެލި ހުރި ނަމަ އެކަމާ އުޅެފި ކޮންމެ މީހަކަށްމެ ކުރެވިދާނެ ކަމެކެވެ. އެހެންނަމަވެސް، އެކުލެވުމާއި ތަރުތީބު ރަނގަޅު، އިބާރާތްކުރުން އެއް ރާގެއްގައި ހިފެހެއްޓިފައިވާ މޮޅު ފޮތެއް ލިޔުމަކީ ކުޅަދާނަ ލިޔުންތެރިއަކަށް ނޫނީ ކުރެވޭނެ ކަމެއް ނޫނެވެ. މޮޅު ފޮތެއް ލިޔުމަކީ ކިއްސަރަށް އޮޑިއެއް ބަނުން ފަދަ ކަމެކެވެ.
"ދެރަދުން" މި ފޮތަކީ ދިވެހި ލިޔުންތެރިކަމުގެ މައްޗަށް ޝައުގުވެރިކަން ހުރި ކުދީންވެސް ލިޔުންތެރިކަމުގެ ހަމަތަކާ ތަރުތީބު ދެނެގަތުމަށް އެ ފޮތެއް ބެލުން މުހިންމު ފޮތެކެވެ. ދިވެހި ބަހަކީ ޚިޔާލާއި ޝުޢޫރު ބުނެނުދެވޭ ބަހެއްކަމަށް މި ޒަމާނުގެ ބައެއް ކުދިން ދެކެއެވެ. ސާދާ ދިވެހި ބަހުން ވަރަށް ގިނަ ވާހަކަތައް ބުނެދެވޭނެކަން "ދެރަދުން" ކިޔާލުމުން އެކުދީންނަށް ވެސް އެނގޭނެއެވެ.
"ދެރަދުން" މި ފޮތަކީ 1800 އިން 1900 އާ ދެމެދުގެ ރާއްޖޭގެ ސިޔާސީ ތާރީޚުގެ އިތުރުން އިސްކޫލު މަދަރުސާ ޔުނިވާރސިޓީތަކުގައި ކިޔާވާ ކުދިންގެ އެކި މާއްދާތަކަށް ބޭނުންތެރި ފޮތެކެވެ. "ޕޮލިޓިކަލް ސައިންސް" ކިޔަވާކުދިންނަށް ބޭނުންތެރި އެތައް ފިލާވަޅެއް ލިބިދޭފަދައިން ޤާނޫނުގެ ދާއިރާއިން ކިޔަވާ ކުދިންނާއި ދިވެހި ބަހުގެ މައްޗަށް މަތީފާހަށް އުނގެނޭ ކުދިންނަށް ވެސް މިފޮތުން އެތައް މަންފާއެއް ކުރާނެ އެވެ.
"ގޯއްޗަކީ މީހުން ދިރިއުޅޭ ބިމެވެ. ގެދޮރު ބިނާކޮށްފައި ހުންނަ ބިމެވެ. ކޮއްޓެއްގައި ކިތަންމެ ގޯއްޗެއްވެސް ބިނާކޮށްފައި ހުރެދާނެއެވެ"
"ބަންޑާރަބިން ނިސްބަތްވަނީ ރަދުންނަށް ކަމުގައި ވިއަސް، އެއީ ރަދުންގެ އަމިއްލަފުޅު ބިމެއްނޫނެވެ. ދައުލަތުގެ ބިމެވެ"
"ހިންނަ ބިމުގައި ހުންނާނީ ރުއްގަހެވެ. އިތުރަށް ކުރާނީ ދަނޑުވެރިކަމެވެ"
ގާނޫނީ ދާއިރާއިން ކިޔަވާ ކުދިންނަށްވެސް ބޭނުންތެރި އިސްތިލާހުތަކެކެވެ. މީގެ އިތުރުން އާންމު ކިޔުންތެރިއެއްގެ ޝައުގުވެރިކަން ގަބުރުސްތާނެއްގެ މައްޗަށް ގެނެސްދީފައިވަނީ އިހުގެ މަހާނަގާތަކާއި ގަބުރުސްތާނުތަކަކީ ވެސް އޭގެ މައްޗަށް ދިރާސާކުރެވި އުނގުނެން މުހިންމުތަންތަން ކަމުގައި ދެކި ތަރިކައަށް އިތުރު ސަމާލުކަމެއް ގެނެސްދޭނެ ގޮތަށެވެ.
"މާލޭ ހުކުރުމިސްކިތު ގަބުރުސްތާނުގައި 23 ކޮށި އެބަހުރިކަން ފާހަގަވެއެވެ. އެކި ކޮށީގައި މަހާނަގައު ހުރީ އެކިވަރަށެވެ. ފާހަގަވާ ބައެއް ކޮށިކޮށްޓަކީ ބޮޑުކޮށިކޮޅާއި އަށްކަންބިސްތާނާއި ތިންޒިޔާރަތްކޮށްޓެވެ"
ދެން މި ފޮތުގައިވާ އެއިރުގެ ވިޔަފާރިއާއި ދައުލަތުގެ އިދާރީ ހިންގުމުގެ ތެރެއިން ބައެއް ކަންކަމާއި ދިވެހިން ކުރިއަރާފައިވާ ބައެއް ފަންނުތަކުގެ ވާހަކައެވެ. ޑިއުޓީ ވަރުވާގެ ވާހަކައެވެ. ދިވެހިންގެ ނިޔަމިކަމުގެ ވާހަކަތަކެވެ. "ހަނޑުލާއި ކަރާސީނު ތެޔޮ" މި ފަސުލުން 1800 އިން 1900 އާ ދެމެދު ދިވެހިންގެ އުފެއްދުންތެރިކަމާ އިގްތިޞާދު ހިނގަމުން އައިގޮތްތައް ކިތަންމެ ރަނގަޅަކަށްވެސް އޮޅުންފިލާނެ އެވެ. ދިވެހިންގެ ކޮޅުނބު ދަތުރާއި ބަންގާޅު ދަތުރުގެ އެތައް ތަފްސީލެއް ލިބިގެންދެއެވެ. ފޮތުގެ މުޞައްނިފު ލިޔުއްވާފައިވެއެވެ:
"ދިވެހިންނަކީ ކަނޑުފަޅު ދަންނަ އޮޔާއިވައި އެނގޭ ބައެކެވެ. ދިވެހި ރާއްޖޭގައި މީހުން ދިރިއުޅޭ ގިނަ ރަށްރަށުގައި ބޭރުދަތުރުކުރާ ފުރެއްދެއޮޑިއެއް އޮވެއެވެ"
ދެން މި ފޮތުގެ ފުޅާ މައުޟޫއުގެ ތެރެއިންވާ ވަރަށް ސާދާ ރީތި ސިފަކުރުމެކެވެ: "ދިވެހި ރާއްޖޭގެ ވެރިކަމުގެ ހަޔާތުން ދުވަހެކެވެ. އެރޭ އިރު އޮއްސިއްޖެއެވެ. އެ އަހަރުގެ ހުޅަނގު މޫސުންވެސް ނިމުނީއެވެ. އިރު ދެން އަރާނީ މުލަނަކަތުން އެއްވަނަ ދުވަހުއެވެ. އެރި އިރާ އެކު، ރަސްކަމާ އިދިކޮޅު ބޮޑުން، ބަންޑާރައިންގެ މައްޗަށް ބާރު ވެރިކަން ހޯއްދަވައިފިއެވެ. ހަގުބޭކަލުންނާއި އަސްކަރީންގެ ބާރުއެޅުމާއި ބިރުދެއްކުމާ އެކު، 'އެ މަނިއްޕުޅުގެ އަމިއްލަފުޅު އިޚްތިޔާރުގައި' ރަސްކަމުގެ ތަޚްތު ދޫކޮށްލެއްވިކަމުގެ ފަތްކޮޅެއްގައި ކުޑަބަންޑާރައިން ސޮއިއަޅުއްވައިފިއެވެ"
އެއިރުގެ މި ވާހަކަތައް ލިޔުއްވަމުން ދިޔަ އިރު ފޮތުގެ މުޞައްނިފަށް ސިފަކުރެއެވެމުންދާނޭ ރާއްޖޭގެ ސިޔާސީ ތާރީޚުގެ މި ފަހުގެ މަންޒަރުތައް ވެސް ނުހަނު ގިނަގުނަވާނެ އެވެ.
ފޮތުގައި ބައެއް "އުނދަގޫ" ކަންކަން އެބަހުއްޓެވެ. އެއް ކަމަކީ މަޢުލޫމާތު ތަކުރާރުވުމެވެ. މިސާލަކަށް ބޮޑުދޮށީމަނިއްޕުޅުގެ ކައިވެނިފުޅުތަކުގެ ވާހަކަ ދެތިން ފަހަރު ތަކުރާރުވެއެވެ. މިއީ އެޑިޓިންގެ މައްސަލައެކެވެ. އަދި މީގެ އިތުރުން ކިޔުންތެރިން ވާވަންނަ ފަދަ އިތުރު މަޢުލޫމާތު ހިމަނުއްވާފައި އެބަ ހުއްޓެވެ. މިސާލަކަށް ބޮޑުގޭ މުޙައްމަދު ދީދީ، އޭނާގެ ބޮޑުދައިތާފުޅުގެ ދޮންދަރިފުޅާ ކައިވެނި ބައްލަވާ ގަންނަވާހަކައިން ވެސް، ކިޔުންތެރިޔާ ކިޔަމުންދާއިރު، ތިން ހަތަރު ޝަޙްޞިއްޔަތު، ސިކުޑީގައި ނޯޓުކޮށްގެން ކުރިއަށް ދާން ޖެހޭއިރު، ހަމަ މި ދަނޑިވަޅުގައި، މި ބޮޑުގޭ މުހައްމަދު ދީދީގެ ބައްޕަ ކަމުގައިވާ މާންދޫގޭ މުޙައްމަދު ދީދީ އިތުރަށް ކައިވެނި ބައްލަވައިގަތް މީހުންގެ ވާހަކަ އައުމުން، ކިޔުންތެރިޔާގެ ސިކުނޑިއަަށް ބާރުބޮޑުވެއެވެ.
ދިވެހި ރާއްޖޭގެ ވެރިކަމުގެ ހަޔާތުން ދުވަހެކެވެ. އެރޭ އިރު އޮއްސިއްޖެއެވެ. އެ އަހަރުގެ ހުޅަނގު މޫސުން ވެސް ނިމުނީ އެވެ. އިރު ދެން އަރާނީ މުލަ ނަކަތުން އެއްވަނަ ދުވަހު އެވެ. އެރި އިރާ އެކު، ރަސްކަމާ އިދިކޮޅު ބޮޑުން، ބަންޑާރައިންގެ މައްޗަށް ބާރު ވެރިކަން ހޯއްދަވައިފި އެވެ. ހަގުބޭކަލުންނާއި އަސްކަރީންގެ ބާރުއެޅުމާއި ބިރުދެއްކުމާ އެކު، 'އެ މަނިއްޕުޅުގެ އަމިއްލަފުޅު އިޚްތިޔާރުގައި' ރަސްކަމުގެ ތަޚްތު ދޫކޮށްލެއްވިކަމުގެ ފަތްކޮޅެއްގައި ކުޑަބަންޑާރައިން ސޮއިއަޅުއްވައިފިއެވެ،ދެރަދުން | ރައީސް މުހައްމަދު ނަޝީދުގެ ސިފަ ކުރެއްވުމެއް
ޙުސައިން ޞަލާޙުއްދީން ލިޔުއްވި ސިޔަރަތުގެ ފަށާތަނުގައި ލިޔުއްވައެވެ. "އެ ވާހަކަތައްވަނީ އެތައް ގޮތަކަށް ތަކުރާރުވެ، ފެތުރި ދިގުވެ މިކަމާ ނުގުޅޭ އެތައް މައްސަލަތަކަކާ އެއްވެ މަސްހުނިވެފައެވެ. އާޔެކޭ ބޭނުން ކަންތައްތަކުގެ މައްޗަށް އިތުރުވެގެންވަނިއްޔެކޭ އަހުރެން ނުބުނަމެވެ. އެކަމުގެ މި ޒަމާނުގައި އުޅޭ ހިތްކޮށި ގިނަ މީހުނަށް އެފަދަ ތަކެތި ފަހްމުކޮށް އޭގެ ޙަޤީޤަތުގެ މައްޗަށް ހުއްޓި ބަލައި... ހިތް މަތީގައި ޙާޟިރުކޮށްގަތުމަށް އުނދަގޫވަނީއެވެ".
ކޮންމެއަކަސް، މިދާކަށް ދުވަހު ފާއިތުވެ ދިޔައީ ދިވެހި ރާއްޖޭގެ 55 ވަނަ މިނިވަން ދުވަހެވެ. އެކި މަންސަތަކުގައި ދިވެހި ރާއްޖޭގެ މިނިވަންކަމާ މެދު ބަހުސް ހިނގިއެވެ. މިނިވަން ދުވަހެއް ފާހަގަކުރަން ޖެހޭ ސަބަބާއި މެދުގައިވެސްމެއެވެ. އަދި ދިވެހި ރާއްޖެ އިނގިރޭސިންގެ އަޅުވެރިކަމަށް ދިޔަތޯ ކުރެވޭ ސުވާލާއި ވެސް އެކުއެވެ. "ދެރަދުން" މި ފޮތުން "އިނގިރޭސީންގެ ހިމާޔަތުގެ އުނގުން" ދިވެހި ރާއްޖެއަށް މިނިވަންކަން ލިބުނުގޮތުގެ މައްޗަށް ހޯދާބަލާ މިއަދުގެ ދިވެހީންނަށް ދިވެހި ރާއްޖޭގެ މިނިވަންކަމާ ގުޅޭ ގޮތުން ހިތުގައި ހިނގާ އެކި ސުވާލުތަކަށް ވިސްނުމުގެ ގިނަ ނަޒަރުތަކެއް ހިންގޭނެއެވެ. ފޮތުގެ މުޞައްނިފު ލިޔުއްވާފައިވެއެވެ:
"ދިވެހިރާއްޖެ އިނގިރޭސިންގެ ހިމާޔަތުގެ ދަށަށް ދިއުމަކީ ނުވެނުދާނެ ކަމެކެވެ. އިނގިރޭސީން ގެންދިޔައީ އެތެރެވަރީގެ ހުރިހާ ބަނދަރުތަކެއްގެ ވެރިކަން އެމީހުންގެ ވެރިކަމުގެ ދަށަށް ގެންދަމުންނެވެ. ބައެއް ފަހަރު ހަނގުރާމަކޮށްގެނެވެ. އަނެއްބައި ފަހަރު ރަހުމަތްތެރި ކަމުންނެވެ. ހަނގުރާމަކުރުމަށް ފަހުގައި ރަހުމަތްތެރިކަން އުފައްދައި، އެރަހުމަތްތެރިކަމުގެ ތެރެއިންވެސް އިނގިރޭސި ވެރިކަން އެތެރެވަރީގައި ބާރު ގަދަކޮށްފައި އެބަހުއްޓެވެ"
ދިވެހި ވެރިކަމުގެ ތާރީޚުގެ ތެރެއިން "ދެރަދުން"ގެ ވާހަކައިން "އިންޑިޔާ ކަނޑުގައި ދިވެހީން" ކުރި ދިގު ދަތުރުގެ އެތައް ކަމެއް ސާފުވެއެވެ.