ދުނިޔެ

އިޒްރޭލާއެކު އަނިޔާވެރި ހަމަނުޖެހުމަކަށްދާން ބޭނުމެއް ނޫން: ރައީސް އައްބާސް

Oct 7, 2015

އައްބާސް ސުލްހައަށް ބާރުދޭ ގޮތެއް އެއްޗެއް ވިދާޅުވެފައި ވާއިރު އިޒްރޭލުގެ ބޮޑުވަޒީރު ވަނީ "ސަލާމަތީ ފިޔަވަޅުތައް" ވަރުގަދަ ކުރުމުގެ ގޮތުން ކަމަށް ވިދާޅުވެ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހަރުކަށި އެތައް ފިޔަވަޅެއް އަޅާފައެވެ. މިގޮތުން މިދިޔަ އަހަރު އިޒްރޭލަށް ހަމަލާދިން ދެމީހެއްގެ ގެދޮރު އިއްޔެ ވަނީ ބިމާ ހަމަކޮއްލާފައެވެ. އިޒްރޭލުގެ ފަސް މީހަކު މަރާލި މި ދެމީހުން ވެސް ވަނީ އެ ހާދިސާ ހިނގި ތަނުން ބަޑި ޖަހާ މަރާލާފައެވެ.

އައްބާސް ވިދާޅުވީ އިޒްރޭލާއެކު އަސްކަރީ ހަމަނުޖެހުމަކަށް ދާން ބޭނުން ނުވާ ކަމަށެވެ. އަދި ފަލަސްތީނުގެ ސުލްހަ ބަލަހައްޓާ ފަރާތްތަކާއި ސިޔާސީ ފަރާތްތަކަށް ވެސް ދެއްވަމުން ގެންދަވާ މެސެޖަކީ އުތުރި އެރުމަކަށް ނުދިއުން ކަމަށާއި އެކަމަކު ރައްޔިތުންނަށް ރައްކާތެރިކަން ލިބިދިނުން ކަމަށެވެ.

އިޒްރޭލުން މަރާލި ތޭރަ އަހަރުގެ ކުއްޖާގެ ޖަނާޒާ އަށްފަހު އިއްޔެ ވެސް ވަނީ އިތުރު ހަމަނުޖެހުންތަކެއް ހިނގާފައެވެ.

އދ. ގައި އައްބާސް ދެއްކެވި ވާހަކަފުޅުގައި ތިންވަނަ އިންތިފާލޯ އަކަށް އިޝާރާތް ކުރައްވާފައި ވާތީ، މިހާރު ހިނގާ ހަމަނުޖެހުން ތަކުގައި ފަލަސްތީނުން ދެން ކަންކުރާނެ ގޮތެއް އޮތީ ނޭންގުމެއްގެ ތެރޭގައެވެ. އެކަމަކު އައްބާސް ގެ މި ވާހަކަ ފުޅުން އެކަން ކޮންމެސް ވަރަކަށް ސާފުވެއްޖެ ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.