ކުޅިވަރު

ކްއާޓާގެ ފަހުޖާގަ: ސެވިއްޔާ، ލެވަކޫސަން، ވޯލްސްއަށް

ޔޫރޮޕާ ލީގްގެ ކުއާޓާ ފައިނަލުގެ ފަހު ޖާގަތައް، ސެވިއްޔާ، ބަޔާން ލެވަކޫސަން، ވޯލްވާހެމްްޓަން ވޮންޑާސް (ވޯލްވްސް) އަދި ސްވިޒަލޭންޑްގެ އެފްސީ ބަޒެލް ހޯދައިފި އެވެ.

ޔޫރަޕް ލީގްގެ އެންމެ ކާމިޔާބު ޓީމު، ސެވިއްޔާ ކްއާޓާއިން ޖާގަ ހޯދީ، އިޓަލީގެ އޭއެސް ރޯމާ 2-0 ން ބަލި ކުރުމަށް ފަހު އެވެ. ކޮރޯނާ ވައިރަސްގެ ސަބަބުން މާޗް މަހު ފުޓްބޯޅަ މެދުކަނޑާލަން ޖެހުނު އިރު ގަދަ 16 ގެ ބުރުގައި ސެވިއްޔާ އާއި ރޯމާ ކުޅެން ޖެހޭ މެޗުގެ އެއްވެސް ލެގެއް އޮތީ ނުކުޅެ އެވެ. އެހެންވެ ޔޫއެފާއިން ނިންމީ އެ މެޗު ޖަރުމަނަށް ބަދަލު ކުރުމަށް ފަހު އެއް މެޗަށް ބަދަލު ކުރާށެވެ.

ޖަރުމަންގެ ޑިއުސްބާގްގެ ޝައުއިންސްލޭންޑް ރިއުޒަން އެރީނާގައި ކުޅުނު މެޗުގައި ސެވިއްޔާގެ ފުރަތަމަ ލަނޑު މެޗުގެ 21 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ސާޖިއޯ ރެގޫލެން އެވެ. އޭނާ ލަނޑު ކާމިޔާބު ކުރީ، އެވާ ބަނޭގާ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. އެ ޓީމުގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ ޔޫސުފް އެން ނެސްރީ އެވެ.

ކްއާޓާ ފައިނަލުގައި ސެވިއްޔާ ނުކުންނާނީ އޮލިމްޕިއާކޯސް ބަލިކޮށް ކްއާޓާއިން ޖާގަ ހޯދި ވޯލްވްސް އާ ދެކޮޅަށެވެ. ގްރީސްގެ އޮލިމްޕިއާކޯސް އާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗު ވޯލްސް ކާމިޔާބު ކުރީ 1-0 ންނެވެ. މާޗް މަހު މި ދެ ޓީމު ގްރީސްގައި ކުޅުނު ފުރަތަމަ ލެގް މެޗު ނިމުނީ 1-1 ން އެއްވަރު ވެގެންނެވެ. ރޭގެ މެޗުގައި ވޯލްވްސްގެ ލަނޑު ރައުލް ހިމެނޭޒް ކާމިޔާބު ކުރީ މެޗުގެ އަށް ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުންނެވެ.

ބަޔާން ލެވަކޫސަން އާއި ލިވަޕޫލްގެ ލެޖެންޑް ސްޓިވަން ޖެރާޑް ކޯޗް ކޮށްދޭ ރޭންޖާސް ކުޅުނު ދެ ވަަ ލްގެ މެޗު ލަވަކޫސަން ކާމިޔާބު ކުރީ 1-0 ންނެވެ. ފުރަތަމަ ލެގްގައި ސްކޮޓްލޭންޑްގައި ކުޅުނު މެޗު ލެވަކޫސަން ކާމިޔާބު ކުރީ 3-1 ންނެވެ. ރޭ ގެ މެޗުގައި ލެވަލޫސަންގެ ލަނޑު ކާމިޔާބު ކުރީ މޫސާ ޑިއަބޭ އެވެ. ކްއާޓާގައި ލެވަކޫސަން ނުކުންނާނީ އިޓާލީގެ ގަދަ ބާރު އިންޓަ މިލާންއާ ދެކޮޅަށެވެ.

ކްއާޓާގެ އެންމެ ފަހު ޖާގަ ހޯދީ ސްވިޒަލޭންޑް އެފްސީ ބަޒެލް އެވެ. ޖަރުމަންގެ އެއިންޓްރެކްޓް ފްރޭންކްފާޓާ ދެކޮޅަށް ކުޅުނު މެޗު ބަޒެލް ރޭ ކާމިޔާބު ކުރީ 1-0 ންނެވެ. ފުރަތަމަ ލެގްގައި ޖަރުމަންގައި ކުޅެ ބަޒެލް މޮޅުވީި 3-0 ންނެވެ. ކްއާޓާގައި އެ ޓީމު ނުކުންނާނީ ޔޫކްރޭންގެ ޝަކްޓާ ޑޮނެސްކް އާ ދެކޮލަށެވެ.

ކްއާޓާ ފައިނަލު ބުރުން ފެށިގެން މިނީ ޓޯނަމަންޓެއްގެ ގޮތުގައި ޔޫރޮޕާ ލީގް ކުރިއަށް ދާނީ ޖަރުމަންގަ އެވެ.

ޔޫރޮޕާ ލީގްގެ ކްއާޓާ ފައިނަލު

މެންޗެސްޓާ ޔުނައިޓެޑް - ކޯޕެންހޭގަން
އިންޓަ މިލާން - ބަޔާން ލެވަކޫސަން
ޝަކްޓާ ޑޮނެސް - ބަޒެލް
ވޯލްވާހެމްޓަން ވޮންޑާސް - ސެވިއްޔާ