ރައީސް މައުމޫން އަބްދުލްގައްޔޫމް

މައުމޫންގެ ވެރިކަމުގެ އެންމެ ފަހުރުވެރި ވަގުތުކޮޅު

މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީ ތަސްދީގު ކުރެއްވި ވަގުތުކޮޅަކީ އެންމެ ފަހުރުވެރި އެއް ވަގުތުކޮޅު ކަމަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީ ތަސްދީގު ކުރިތާ މިއަދަށް 12 އަހަރު ފުރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ގާނޫނު އަސާސީ ތަސްދީގު ކުރުމަށް މީގެ 12 އަހަރު ކުރިން ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ގާނޫނު އަސާސީ ތަސްދީގު ކުރައްވަނިކޮށް ނަންގަވާފައިވާ ފޮޓޯއަކާއެކު ރައީސް މައުމޫން ވިދާޅުވީ އެ ވަގުތު ކޮޅަކީ އެމަނިކުފާނުގެ ވެރިކަމުގައި އެންމެ ފަހުރުވެރި އެއް ވަގުތު ކޮޅު ކަމަށެވެ.

ރައީސް މައުމޫން ވަނީ 1978 ކުން 2008 ވަނަ އަހަރުގެ ނިޔަލަށް 30 އަހަރު ރާއްޖޭގެ ވެރިކަން ކުރައްވާފައެވެ. މިއަދު ރާއްޖެ މިދެކޭ ތަރައްގީއާއި އަދި ޑިމޮކްރަޓިކް ގައުމަކަށް ރާއްޖެ ބަދަލު ކުރެއްވީ ރައީސް މައުމޫންގެ ވެރިކަމުގައި އެމަނިކުފާނެވެ.

ރައީސް މައުމޫންގެ ޓްވީޓްގައި އެމަނިކުފާނު ވަނީ އެންމެ ބޮޑު އުންމީދަކީ ހުރިހާ ދާއިރާއަކުންވެސް ރާއްޖެ ކުރިއަރާ ދިއުން ކަމަށް ވިދާޅުވެފައެވެ. އަދި މީގެ 12 އަހަރު ކުރިން ދިވެހިންނަށް ލިބުނު ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތަކާއެކު އެ ގާނޫނު އަސާސީގެ ފޮނި މީރުކަން ރައްޔިތުންނަށް ލިބުމަކީ އެމަނިކުފާނު އުންމީދު ކަމަށެވެ.

ގާނޫނު އަސާސީ ދުވަހާއި ގުޅިގެން ސިޔާސީ ލީޑަރުން ގެންދަވަނީ ދުވަހުގެ ތަހުނިޔާ ފޮނުއްވަމުންނެވެ. އަދި ރާއްޖެ، ޑިމޮކްރަސީއަށް ކުރި ދަތުރުގެ ތަޖުރިބާ ހިއްސާ ކުރައްވަމުންނެވެ.