ޗައިނާ

ކޮވިޑް-19 އަށްފަހު ޗައިނާގައި އާ ބައްޔެއް ފެތުރެނީ

ޗަައިނާގެ ވޫހާންގެ މާރުކޭޓަކުން ފެނުނު ކޮރޯނާވައިރަސް މުޅި ދުނިޔެއަށް ފެތުރި 15 މިލިއަނަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހި އެތައް ލައްކަ ބަޔަކު މިހާތަނަށް މަރުވެފައި ވެއެވެ. އަދިވެސް މި ބަލި ފެތުރުން ހުއްޓުވޭނެ ގޮތެއް ސައިންސްވެރިންނަކަށް ނުވެ އެވެ. ކޮރޯނާވައިރަހާ ދުނިޔެ ހަނގުރާމަކުރަމުންދާ މި ދަނޑިވަޅުގައި ޗައިނާ އިން އަނެއްކާވެސް މުޅިން އާ ބައްޔެއް ފެނިއްޖެ އެވެ. މި ބަލި މިހާރު ޗައިނާގައި ފެތުރެން ފަށާފައިވާ ކަމަށް ބޭރުގެ މީޑިއާ ތަކުން ބުނެފައި ވެއެވެ.

ޓިކް-ބޯން ވައިރަސް އަކުން ޖެހޭ މި ބަލި މިހާތަނަށް ޗައިނާގެ 60 މީހަކަށް ޖެހި ހަތް މީހުން މަރުވެފައިވާ ކަމަށް ބުދަ ދުވަހު އެ ގައުމުގެ މީޑިއާ އިން ވަނީ ބުނެފަ އެވެ.

މި ބަލި އެއް އިންސާނެއްގެ ގައިން އަނެއް އިންސާނެއްގެ ގަޔަށް އަރާ ބައްޔަކަށް ވެދާނެކަމަށް ސަމާލުވުމަށް މިހާރު އެ ގައުމުގެ ރައްޔިތުންނަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.

މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ޗައިނާގެ އުތުރުގެ ޖިއަންގްސޫ ޕްރޮވިންސްގެ 37 މީހަކަށް އެސްއެފްޓީއެސް ވައިރަހުން ޖެހޭ މި ބަލި ޖެހިފައި ވެއެވެ. އަދި އަންހުއި ޕްރޮވިންސްގެ 23 މީހެއްގެ ގައިން މި ބަލީގެ ވައިރަސް ފެނިފައިވާ ކަމަށް ސަރުކާރުން ހިންގާ ގްލޯބަލް ޓައިމްސް އިން ބުނެފައި ވެއެވެ.

ޖިއަންގްސޫގެ ވެރިރަށް ނަންޖިންގްގެ އަންހެނަކަށް ޓިކް-ބޯން ވައިރަސް އަރައިގެން އެންމެ ފުރަތަމަ ފެންނަން ފެށި އަލާމާތް ތަކަކީ ހުން އައުމާއި ކެއްސުމެވެ. މިމީހާގެ ލޭ ޓެސްޓްކުރުމުން ބްލަޑް ޕްލެޓްލެޓް، ލިއުކޯސައިޓް، މަދުވާކަން ޑޮކްޓަރުންނަށް ފާހަގަ ކުރެވުނެވެ.

ޗައިނާގެ ސައިންސްވެރިންނަށް އެސްއެފްޓީއެސް ވައިރަސް އަކީ އާ އެއްޗެއް ނޫނެވެ. މި ވައިރަސް 2011ގައި ފެނި މި ޕެތޯޖަން ދެނެގަނެ ރައްކާ ކޮށްފައި ވެއެވެ.

ވައިރޮލޮޖިސްޓުން ބުނަނީ މި ވައިރަސް އިންސާނުންގެ ގަޔަށް ވާސިލުވެފައިވަނީ ދިރޭ އެއްޗެއް ކަށި ޖަހައިގެން ކަމަށެވެ. އަދި އެއް އެކަކުގެ ގައިން އަނެކަކުގެ ގަޔަށް މި ވައިރަސް އެރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ނަމަވެސް އިންސައިޑާ ޕޭޕާ އިން ބުނި ގޮތުގައި މި ވައިރަސް އެހާ ފަސޭހައިން އެކެއްގެ ގައިން އަނެކަކުގެ ގަޔަށް އެރުމަކީ އެހާ ގާތް ކަމެއް ނޫނެވެ. ސަބަބަކީ މިއީ އެއާ ބޯން ވައިރަހެއް ނޫން ވީމަ އެވެ.

ޗައިނާ ޑޮކްޓަރުން ބުނަނީ މި ވައިރަސް އެކަކުގެ ގައިން އަނެކަކުގެ ގަޔަށް ލެޔާއި ކުޅުގެ ޒަރިއްޔާއިން އަރާފާނެ ކަމަށެވެ. ނަމަވެސް މިއީ ފެތުރިދާނެތީ މާ ބޮޑު ކަންބޮޑުވުމެއް އޮތް ބައްޔެއް ނޫންކަމަށް ޗައިނާގެ ޑޮކްޓަރުން ވަނީ ބުނެފަ އެވެ.