ވިޔަފާރި

އުރީދޫ އީކޮމާސް ޕްލެޓްފޯމަށް އަހަރެއް

Aug 8, 2020
2

އުރީދޫ މޯލްޑިވްސް އިން ތައާރަފު ކުރި އީ-ކޮމާސް ޕްލެޓެފޯމް "މޫލީ" އަށް އެއް އަހަރު ފުރިއްޖެ އެވެ.

އުރީދޫން ބުނީ ރާއްޖެއަށް ފުރަތަމަ ފަހަރަށް، މުޅިން ތަފާތު އީ-ކޮމަރސް ބާޒާރެއްގެ ގޮތުގައި ތައާރަފު ކުރި "މޫލީ" މެދުވެރިކޮށް، މިހާރު ވެސް 10000 އަށް ވުރެ ގިނަ ޑެލިވަރީ ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށް ދީފައިވާ ކަމަށެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް 14 ކެޓެގެރީ އަކުން، މަގުބޫލުކަން ހޯދާފައިވާ 36 ކުންފުންޏެއްގެ ކޮލީޓި އެތައް ޕްރޮޑަކްޓެއް ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެން ވެސް ހޯދުމުގެ ފުރުސަތު ހުޅުވިފައިވާ ކަމަށެވެ.

އެ ކުންފުނިން ބުނީ އިލެކްޓްރޯނިކް ސާމާނާއި ގެއާއި ބަދިގެ އަށް ބޭނުންވާ ސާމާނު، ފޮތާއި ސްޓޭޝަނަރީ، ގޭމިންގް ޕްރޮޑަކްޓްތަކާއި އާންމުކޮށް ބޭނުން ކުރާ ކާބޯތަކެތި ވެސް ފޯރުކޮށް ދެމުންދާ ކަމަށެވެ.

"ކަސްޓަމަރުންގެ ބޭނުންތައް ދެނެގަނެ، ކަސްޓަމަރުންނާއި ގާތް ގުޅުމެއް އުފައްދާ ޕާސަނަލައިޒްޑް ހިދުމަތެއް ދިނުމަކީ މޫލީގެ އެންމެ މުހިންމު މަގްސަދެވެ. އެގޮތުގެ މަތިން، މުޅި ދުނިޔެ ކުރިމަތިލަމުންދާ ކޮވިޑް-19 ޕެންޑެމިކް އާއި ގުޅިގެން ސަރުކާރުން އިއުލާނުކުރި ފުރަބަންދުގެ ތެރޭގައި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވުމުގެ ގޮތުންނާއި، ކަސްޓަމަރުން ރައްކާތެރިކަމާއެކު ގޭގައި ތިއްބަވައިގެން ވިޔަފާރި ކުރުމަށް ފުރުސަތު ފުޅާކޮށްދިނުމުގެ ގޮތުން، އާންމުކޮށް ބޭނުންކުރާ ކާބޯތަކެތި ވިއްކާ ވިޔަފާރިތަކާއި ގުޅިގެން މޫލީ މެދުވެރިކޮށް ޑެލިވެރީގެ ހިދުމަތް ފޯރުކޮށްދީފައިވެ އެވެ،" އުރީދޫން ބުނެފައިވެ އެވެ.

އެ ކުންފުނިން ބުނި ގޮތުގައި މޫލީ މެދުވެރިކޮށް ފުރިހަމަ ޑިޖިޓަލް ޝޮޕިން އެކްސްޕީރިއަންސެއް ދިނުމުގެ ގޮތުން އޮންލައިން ޕޭމަންޓާއި އީޒީ ރިޓަންސް އަދި މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީގެ ހިދުމަތް ވެސް ދެމުންދެ އެވެ.

"މި ޕްލެޓްފޯމްގެ ހާއްސަ ކަމަކީ ކުދި ވިޔަފާރިތަކާއި އޮންލައިން ރީޓެއިލަރުންނަށް، ފަސޭހަކަމާއިއެކު ކުރިޔަށް ވުރެ ގިނަ ކަސްޓަމަރުންނާއި މުއާމަލާތް ކުރުމުގެ ފުރުސަތު ފަހިވެ، ހިލޭ ވެއާހައުސް ހިދުމަތާއި ޑެލިވަރީ ހިދުމަތް ލިބުމެވެ. މި ހިދުމަތްތަކާއެކު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިޔަފާރި ތަކުން ޕްރޮޑަކްޓްތައް ފޯރުކޮށްދިނުމުގެ ފުރުސަތު ވަނީ ފަހިވެފަ އެވެ،" އުރީދޫގެ ޕްރެސް ސްޓޭޓްމަންޓެއްގައި ބުނެފައިވެ އެވެ.