(ސަތާރަވަނަ ބައި)
ސުޒީ ދިޔުމުން އަހަންނަށް ބަލައިލެވުނީ އާތިފާ އަށެވެ. އޭނާ އެ އިން ގޮތަށް އިނީއެވެ. އަހަރެން ބޭނުންވީ ވާހަކަ ފަށާށެވެ.
"އަދިވެސް ރުޅި އައިސްތަ؟" މައުޟޫއު ހުޅުވާލާނެ ގޮތެއް ނޭނގި އިނދެ އަހައިލީމެވެ.
އާތިފާ އަނގައިން ވެސް ނުބުނެއެވެ. އޭނާ އިސްޖަހައިލައިގެން އިނދެ ތުން ތަޅުވާހެން ހީވިއެވެ. ކޮންމެ ވެސް އެއްޗެއް ކިޔާހެން ހީވަމުން ދިޔައެވެ.
"އަހަރެން މި އަހަނީ އަހަރެން ދެކެ ރުޅި އައިސްހޭ ތި އިންނަނީ އަނގައިން ވެސް ނުބުނެ؟" ދެވަނަ ފަހަރަށް ސުވާލު ތަކުރާރު ކޮށްލުމުން އާތިފާ ބަލައިލިއެވެ.
އޭނާ ތުން ތަޅުވަމުން އެއްޗެއް ކިޔަމުން ދިޔައެވެ. ކިޔަނީ ކީކޭ ކަމެއް ސާފެއް ނުވިއެވެ. އެނގޭހާ ވެސް ކަމަކީ އޭނާ ތުން ތަޅުވާކަމެވެ. އެއްޗެއް ކިޔާކަމެވެ.
"ކީކޭތަ ތި ކިޔަނީ؟ ކީއްވެތަ އަނގައިން ނުބުނެ ތި އިންނަނީ؟" އަނެއްކާ ވެސް އަހަރެން ވާހަކަ ފެށީމެވެ. "އާންޓީ ހިތްހަމަނުޖެހޭ ފަދަ ކަމެއް ކުރެވުނު ނަމަ އެކަމަކަށް ވަރަށް ބޮޑަށް މައާފަށް އެދެން. އަހަރެން ގަސްތުގައި އެކަހަލަ އެއްވެސް ކަމެއް ނުކުރަން."
އާތިފާ ތުން ތެޅުވުން ހުއްޓައިލިއެވެ. އޭނާ ތުންފަތުގައި ލާނެތް ހިނިތުންވުމެއް ދުވެލިއެވެ. އަދި ކަންފަތާ ދިމާ ކަންހުޅީގެ އިސްތަށިތަކުން އެލިފައި ހުރި އިސްތަށިތަކުގައި ހިފައިލަމުން ކަނާއަތު ޝަހާދަތް އިނގިއްޔަށް އޮޅައިލިއެވެ.
"ކަލޭ ބޭނުންވަނީ ކޮންކަމެއް އެނގެން؟" އާތިފާ ރުންކުރު ރާގެއްގައި ބުނެލިއެވެ.
"ހުރިހާ ކަމެއް،" އަހަންނަށް އަވަސް އަވަހަށް ބުނެލެވުނެވެ. "ފިނާއަށް އެހެން ދިމާވީ ކީއްވެކަން؟ ޝާހިދާއަކީ ކާކުކަން، އަހަންނަށް މިހެން މި ދިމާވަނީ ކީއްވެކަން؟"
އާތިފާ ހޭން ފެށިއެވެ. އޭނާގެ ހުނުމުގެ އަޑު މުޅި ތަނުގައި ގުގުމަމުން ދިޔައެވެ. އަހަންނަށް އިނދެވުނީ ބަލާށެވެ. އާތިފާއަކީ ފާޑެއްގެ މީހަކަށްވާތީއެވެ. އޭނާ ނުރުހޭ ކަމެއް، ހިތްހަމަ ނުޖެހޭ ހަރަކާތެއް ކުރެވުނަސް، އެފަދަ ލަފުޒެއް ބުނެވުނަސް މަގުސަދު ހާސިލު ނުވެ ބޭކާރު ވާނެތީ އެކަމާ ވިސްނައިގެންނެވެ.
"މޮޔައަކީ އަހަރެން. އެކަމަކު އަހަންނަށް ވުރެ މޮޔައިން މާ ގިނަވެއްޖެ،" އާތިފާ ހެމުން ހެމުން ބުނެލިއެވެ. "ބުއްދި ހަމަ ޖެހޭ ބޮޑެތި ފިރިހެނުން ވެސް މޮޔައިންގެ ދަރަޖައަށް ވެއްޓޭ ދޯ."
އަހަންނާ ދިމާއަށް ބަލަން އިނދެ އާތިފާ ވާހަކަތައް އަމާޒު ކުރީ ސީދާ އަހަންނަށްކަން އެނގެއެވެ. އަހަންނަށް ދެ އަތް މުއްކަވާލެވުނެވެ. ހިތުގައި ޖަހަމުންދާ ވިންދުތައް އަވަސްވެ ލޭގެ ހިނގުން ވެސް އަވަސްވަމުން ދިޔައެވެ. ހިނދުކޮޅެއްގެ ތެރޭގައި އެކަން އޮބިގެން ދިޔައެވެ. ބައެއްގެ ބުރަ މަސައްކަތުން ކަމެއް ހާސިލުކުރަން އައިސް އިން ކަމުގެ އިހުސާސް ކުރެވުމުންނެވެ. އެހެންވެ ލުއި ގޮތަކަށް ހިނިތުންވެލައިގެން އާތިފާގެ މޫނަށް ބަލަން އިނދެވުނީއެވެ.
"އަހަންނަށް މާ ކުރިން ވެސް އެނގޭ އަހަރެން ހޯދައިގެން ކަލޭ އަންނާނެ ކަން،" އާތިފާގެ ރާގު ބަދަލުވަމުން ދިޔައެވެ. "މާ ގިނަ ވާހަކަތައް އެއްފަހަރާ ކިޔައިދެވޭކަށް ނެތް. އެވަރަށް ވަގުތެއް ނެތް. ކަލޭ ބޭނުންވާ ކޮންމެ ވެސް އެއް ކަމެއް ކިޔައިދެވިދާނެ."
"އެ ކީއްވެ؟" އަހަންނަށް އަހައިލެވުނެވެ.
"ކަލޭ ކޮންމެވެސް އެއް ސުވާލެއް ކުރޭ. އެ ސުވާލަށް އަހަންނަށް ޖަވާބު ދެވިދާނެ." އާތިފާގެ އަޑުގައި މަޑު މޮޅި ރާގެއް އެކުލެވެމުން ދިޔައެވެ.
އަހަންނަށް ވިސްނައިލަން މަޖުބޫރުވިއެވެ. ގޮތެއް ނިންމަން ނޭނގި އިރުކޮޅެއް ވަންދެން އިންނަން ޖެހުނެވެ. އޭނާ ގާތުން އަހަންވީ ސުވާލެއް ނޭނގިފައެވެ. ހޯދަން ބޭނުންވާ ޖަވާބެއް ނޭނގިފައެވެ. އެކި ފަހަރު ހިތަށް އަރަނީ އެކި ސުވާލެވެ. ފިނާއަށް އެކަން ކުރީ ކާކުތޯ އަހަން ހިތަށް އަރާފާނެއެވެ. ޝާހިދާއަކީ ކާކުތޯ އޮޅުން ފިލުވަން ހިތަށް އަރާފާނެއެވެ. އަހަންނަށް މިހެން މިވަނީ ކީއްވެތޯ އަހަން ހިތަށް އަރާފާނެއެވެ. ސިކުނޑިއާއި ހިތާއި ނަފުސަށް އެއްގަލަށް ނޭރި ސިކުނޑީގައި ތޫފާންތަކެއް އުފެދެމުން ދިޔައެވެ. ދެތިން ފަހަރަކު މޫނު ފޮހެލެވުނެވެ. އާތިފާ އިނީ އެ މަންޒަރު ބަލާށެވެ.
އެންމެ ފަހުން ގޮތެއް ނިންމީމެވެ. ޝާހިދާއަކީ ކާކުތޯ ބެލުމަށް ހިތް ބުނުމުންނެވެ. އެ ސުވާލުގެ ތެރެއިން އިތުރަށް އޮޅުން ފިލާނެކަމަށް ނިންމައިގެންނެވެ. ސުވާލު ދުލާ ހަމައަށް ތިލަވި އިރަށް ހަނދާނަށް ތިލަވީ އާތިފާ ކުރިން ބުނެދިން ވާހަކައެކެވެ. ކަންފަތުގައި ގުގުމައިގަތީ އޭނާގެ ބަރު އަޑެވެ.
"ދެން ވީހާ ކަމެއް، ކުރިހާ ކަމެއް ކުރީ ހަމަ އެއް ގޮތަކަށް. އެއްވެސް ބަދަލެއް ނެތް. އެއްވެސް ތަފާތެއް ނެތް."
އަހަންނަށް އާތިފާގެ މޫނަށް ބެލުނެވެ. އޭނާ ކުރިން ބުނެދިން އެ ޖުމުލަތަކުގެ ހަނދާންވާން ފެށުމުން އަމިއްލައަށް ތިރީ ތުންފަތުގައި ދަތް އަޅައިލެވުނެވެ.
"ބުނީމެއްނު ކުރީ ފަހަރާ މި ފަހަރާ އެއްވެސް ތަފާތެއް ނުވެޔޭ. ވީ ހުރިހާ ކަމެއް ވީ އެއްގޮތަކަށޭ. އެ ބުނީ ކީކޭތަ؟ އެކަން ކުރީ ކާކުތަ؟ މި ކޮން ކަންތައް ގަނޑެއްތަ؟" އަހަރެން އެއް ނޭވާއިން އަމުނައިލީމެވެ.
"މާނައަކީ ކަލޭ ބޭނުމީ މި ކަންތައް ހިނގައި ދިޔަގޮތް ބަލާށޭތަ؟" ފާޑަކަށް ދެ ލޯ ބޮޑުކޮށްލަމުން އާތިފާ އަހައިލިއެވެ.
ބަދަލުގައި އަހަރެން ބޮލުން އާނއެކޭ ބުނެލީމެވެ.
"ފަހުން މާގިނަ ސުވާލު ނުކުރާތި!" އާތިފާގެ ކަނާއަތު ޝަހާދަތް އިނގިލި އަހަންނަށް ދިމާކޮށްލިއެވެ.
އަނެއްކާ ވެސް އަހަރެން ބޯ ޖަހައިލީމެވެ.
"ހަނދާންކޮށްބަލަ އެންމެ ފުރަތަމަރޭ އެ ގެސްޓު ހައުހަށް ވަން ގަޑި. އެގަޑީގައި އާދަޔާ ޚިލާފު ކަމެއް ދިމާވިތަ؟ އާދިޔާ ޚިލާފު މީހަކު ފެނުނުތަ؟ އާދަޔާ ޚިލާފު ގޮތެއް ފާހަގަވިތަ؟" އާތިފާގެ ޝަހާދަތް އިނގިލި ފަހަތަށް އިޝާރާތްކޮށްލަމުން އަހައިލިއެވެ.
އަހަންނަށް ވިސްނައިލަން މަޖުބޫރުވިއެވެ. އެރޭގެ ހަނދާތައް އާކުރަން ޖެހުނެވެ. ދެތިން ފަހަރު ވިސްނައިލީމެވެ. ހަނދާންނަށް އަންނަން ފެށީ ސިރާޖެވެ. އޭނާގެ އާދަޔާ ޚިލާފު ބެލުމެވެ. ފިނާގެ މޫނުގައި ކަޅި ތަތްކޮށްލައިގެން އިން ގޮތެވެ.
"ކާރުތެރެތަ؟" އަހަންނަށް ސުވާލުކޮށްލެވެނެވެ.
"ގެސްޓު ހައުސް. އެގެއަށް ވަން ވަގުތު އިތުރު މީހަކާ ދިމާވިތަ؟" އާތިފާ މޫނު އަރިކޮށްލިއެވެ.
"ސިރާޖުތަ؟"
"އުހުނ."
އަހަންނަށް ވެސް މޫނު އަރިކޮށްލަމުން މައްޗަށް ބަލައިލެވުނެވެ. އޭނާ އެ ބުނާ ވަގުތުގެ މަންޒަރުތައް ސިފަވޭތޯ ލައްކަ މަސައްކަތް ކުރީމެވެ. ކުއްލިއަކަށް ކަމެއް ހަނދާންވިއެވެ.
"އާނ! ހަނދާންވެއްޖެ. ގޭޓު ހުޅުވާދިނީ ސެކިއުރިޓީ ގާޑު. ކަޅުކުލައިގެ ޔުނީފޯމެއް ލައިގެން ހުރި މީހެއް. ދެ ބައި އުމުރުގެ މީހެއް. ބިރުވެރި ގޮތަކަށް ބަލަން ހުރި މީހެއް." އަހަރެން ހަނދާނުގައި އެމީހާގެ މަންޒަރު ސިފަވަމުން ދިޔަ ވަރަކަށް ކިޔައިދެމުން ދިޔައީމެވެ. "ކާރު މަޑުކޮށްލި އިރު އޭނާ ހުރީ ބަގީޗާ ގަސްތައް ކައިރީ ބަލަން. އަހަރުމެން ކާރުން ފައިބަންވާއިރަށް ގޭޓު ކައިރިއަށް އައިސް ހުރީ. އޭނާ ހުރީ ބަލަން. އަހަރެން ސަލާމަށް އަތްދިއްކޮށްލީމަ ވެސް އޭނާ އަތަކު ނުހިފި. އަހަރެން ހީކުރީ ނުފެނުނީ ކަމަށް. ހުރީ ފާޑަކަށް ބަލަން. ދެން މާބޮޑަށް ބަލަން ހުންނާތީ އުނދަގޫވެގެން އޭނާގެ މޫނަށް ފާޑަކަށް ބަލައި ވެސް ލެވުނު."
"އާނ! އެއީ ދޮންރަހާ." އާތިފާ ބުނެދިނެވެ.
"ދޮންރަހާ!" އަހަންނަށް އެނަން ކިޔައިލެވުނެވެ. "އޭނާ އުޅުނީ އަހަރުމެންގެ ފޮށި މައްޗަށް އަރުވަން. އަހަރެން އެކަމަށް ނޫނެކޭ ބުނެ އަމިއްލައަށް ފޮށި ހިފައިގެން ދިޔައީ. މައްޗަށް އަރައިފަ ވެސް އަހަންނަށް ބަލައިލެވުނު އޭނާ ކޮބައިތޯ. އޭރުވެސް އެ ހުރި ތަނުގައި އެ ހުރި ގޮތަށް އޭނާ ހުރި. އަހަންނަށް ފާހަގަވި އޭނާ މާގިނައިން ބަލާކަން ވެސް."
"ކަލޭއަށް ނޭނގި ނަމަވެސް އޭނާއަށް ދައުވަތު ދެވުނީ." އާތިފާ ކޮޅަށް ތެދުވިއެވެ.
"ކިހިނެއް؟" ސުވާލުގެ ނަޒަރުން އަހަންނަށް ބަލައިލެވުނީ އާތިފާ އަށެވެ.
"ސަލާމަށް އަތްދިއްކޮށްލީމެއްނު." އާތިފާ ދެ ބުމަ ކައިރިކޮށްލަމުން ދެ ލޯ ބޮޑުކޮށްލިއެވެ.
"އެ ދައުވަތެއްތަ؟" އަހަންނަށް ބަލައިލެވުނެވެ.
"އާނ! އެއީ ވަރަށް ބޮޑު ދައުވަތެއް. ކަލޭއަށް އަދި ނުވިސްނެނީ. އެކި މީހުން މާނަކުރާނީ އެކި ގޮތަށް. ފުންކޮށް ވިސްނައިލަބަލަ. މި ބުނީ ނުބައި، ނުލަފާ ޚިޔާލެއް ބޮލަށްލައިގެން ހުންނަ މީހަކަށް ސަލާމަށް އަތްދިއްކޮށްލީމަ އެ ބުނެވޭ ވާހަކައަށް ވިސްނައިލަބަލަ." އާތިފާ ކުރިއަށް ދެތިން ފިޔަވަޅު އެޅުމަށްފަހު އަހަންނާ ދިމާއަށް ގުދުވެލިއެވެ.
އަހަންނަށް ވިސްނަން މަޖުބޫރުވިއެވެ. އާތިފާ ދައްކާ ވާހަކައެއްގެ ސަބަބުންނެވެ. އޭނާ އެބުނާ އެއްޗަކާ އާއްމު ދިރިއުޅުމުގެ ހާލަތާ ދިމާ ނުވާތީއެވެ.
"އަހަންނަކަށް އެކަހަލަ ގޮތަކަށް ނުވިސްނޭ،" ބޮލަށް ތިލަވަމުންދާ އެއްޗަކާ އޭނާ ދައްކާ ވާހަކައާ ދިމާނުވާތީ ބުނެލެވުނެވެ. "މާނައަކީ އޭނާއަށް ގޯސްކަމެއް ކުރަން އަހަރެން ދައުވަތު ދިނީއޭތަ؟"
"އާނ! އަމާންކަމާއެކު ބޭނުންކަމެއް ކުރި ނަމަވެސް ތިމަންނާގެ މައްސަލައެއް ނެތޭ ބުނެވުނީއެ." އާތިފާ ވައި އަޑުން ބުނެލިއެވެ.
"ވަޓް،" އަހަންނަށް ގަބޫލެއް ނުކުރެވުނެވެ. "ކާކު މާނަ ކުރާ ގޮތެއް ތީ؟"
"އޭނާ! އޭނާ ބުނާނީ މިހެން،" އާތިފާ ހިންދެމިލަމުން އޭނާ އިން ގޮނޑިއާ ދިމާއަށް ހިނގައިގަތެވެ. "އަހަރެން ގާތު އޭނާ ކުރިން ބުނީ މިހެން. މި އޭނާ އަހަންނަށް ވިސްނައިދީފަ އޮތް އެއްޗެއް."
"ދެން ތިބުނީ އޭނާއޭތަ ފިނާއަށް އެހެން ހެދީ؟" އަހަންނަށް އަހައިލެވުނެވެ.
"ޔަގީން. މި ޝައްކެއް އޮތް ކަމެއް ނޫނެއްނު." އާތިފާ ގޮނޑީގައި ހަމަޖެހިލިއެވެ.
"ދެން ކޮން ޝާހިދާއެއް؟" އަހަންނަށް އަވަސްއަވަހަށް އަހައިލެވުނެވެ.
"ހަމަ އެއްގޮތެއް. ޝާހިދާއަށް ވެސް ހަދައިލީ ތިހެން. އަދި އެނގޭތަ؟ ޝާހިދާއާ އޭނާގެ އިންނަން އުޅުނު ކުއްޖާ އައީ އެ ގެސްޓު ހައުހަށް. މި ބުނާ ފިރިހެން ކުއްޖާއަށް ކިޔަނީ ސާމިރު. ސާމިރަކީ ދީނީކަންކަމަށް ވަރަށް ލޯބިކުރާ ޒުވާނެއް. އެމީހުން ކައިވެނީގެ ކަންކަން ކުރަން އޮތީ މި ރަށުގަ. އެއީ ޝާހިދާގެ ބައްޕަ، ކޮންމެވެސް މަސައްކަތެއް ކުރަން މިރަށަށް އައިސް ހުރި ދުވަސްކޮޅެއްވީމަ. މި ބުނާ ސާމިރު ބޭނުންވީ ބައްޕަގެ ހާޒިރުގަ ކައިވެނިކުރަން. އެހެންވެ ދެމީހުން ތިބީ ދެ ކޮޓަރި ހިފައިގެން އެ ގެސްޓު ހައުސްގަ." އާތިފާ ފުން ނޭވާއެއް ދޫކޮށްލިއެވެ.
އަހަންނަށް އިނދެވުނީ އޭނާގެ ވާހަކަތަކުގެ މަންޒަރުތައް ސިކުނޑިން ބަލާށެވެ.
"އެމީހުން އެ ތަނަށް ދިޔަ ރޭ ސާމިރު ސަލާމަށް އަތްދިއްކޮށްލި. އެކަމަކު ދޮންރަހާ ސަލާމުގެ ޖަވާބެއް ނުދިން،" އާތިފާ ތުންފަތަށް ގޮތެއް ހަދައިލިއެވެ. "އެމީހުން އެތަނަށް ދިޔަތާ ދެވަނަރޭ، ސާމިރު ދިޔައީ ރައްޓެއްސަކާ އެކު ކޮފީއަކަށް. އެއީ ދޮންރަހާ ބުނެގެން އޭނާ ލާރި ވެސް ދީގެން ކުރުވާ ކަމެއް. ނިޔާޒަށް ވެސް ލާރި ދީގެން އެކަން ކުރުވީ. އެކަމަކު އެމީހުންނަކަށް ނޭނގޭނެ ކޮފީއަށް ފޮނުވަނީ ކީއްކުރަން ކަމެއް. ދެން ދޮންރަހާ ކޮޓަރިއަށް ވަދެ އެ ހުރިހާ ކަމެއް ކުރަނީ."
"އޭނާ އަތުގައި ތަޅުދަނޑި އޮވޭތަ؟ އެ ކީއްވެ؟" އަހަންނަށް އަހައިލެވުނެވެ.
"އޭނާއަށް ތަޅުދަނޑި ނުލިބެންވީ ސަބަބެއް ނެތެއްނު." އާތިފާ ފުން ނޭވާއެއް ބޭރުކޮށްލިއެވެ.
"އެ ކީއްވެ؟" އަހަންނަށް އަހައިލެވުނެވެ. (ނުނިމޭ)
މާފަށް އެދުން
"ރީތީ ހީނލީމާ" ވާހަކައިން މިއަދު ޝާއިއު ކުރަން ޖެހެނީ 17 ވަނަ އެޕިސޯޑެވެ. ނަމަވެސް އެރި އިދާރީ އޮޅުމެއްގެ ތެރެއިން ފުރަތަމަ ޝާއިއު ކުރެވުނީ 18 ވަނަ އެޕިސޯޑެވެ. ކިޔުންތެރިން އެކަން ފާހަގަ ކުރުމާއެކު މިވަނީ 17 ވަނަ އެޕިސޯޑަށް ބަދަލުކޮށްފައެވެ. ވީމާ އެ އޮޅުމުގެ ސަބަބުން ދިމާވި ނުތަނަވަސް ކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން މާފަށް އެދެމެވެ.