ދުނިޔެ

ލަންކާ އިންތިހާބުގައި ރެކޯޑް އަދަދަކަށް ބާތިލު ވޯޓު

Aug 8, 2020

ކޮލޮމްބޯ (އޯގަސްޓް 8) - ސްރީލަންކާގައި މިދިއަ ބުދަ ދުވަހު ބޭއްވި އާއްމު އިންތިހާބުގައި ރެކޯޑް އަދަދަކަށް ވޯޓު ބާތިލުކުރަންޖެހުނު ކަމަށް އެގައުމުގެ ކަމާބެހޭ އިދާރާއިން ބުނެފި އެވެ.

ލަންކާގެ ސެންޓާ ފޮ މޮނިޓަރިން އިލެކްޝަން ވަޔަލަންސް (ސީއެމްވީ) އިން ބުނީ އާއްމު އިންތިހާބުގައި 12 މިލިއަނަށް ވުރެ ގިނަ މީހުން ވޯޓުލާފައިވާއިރު، އޭގެ ތެރެއިން ޖުމްލަ 744,373 ވޯޓު ބާތިލުކުރަންޖެހިފައިވާ ކަމަށެވެ. އެއީ ވޯޓުލީ މީހުންގެ ހަ ޕަސަންޓެވެ.

މިދިއަ އަހަރުގެ ރިޔާސީ އިންތިހާބުގައި ބާތިލު ވޯޓުގެ އަދަދު ހުރީ 135،000 ގަ އެވެ.

ލަންކާގެ ތާރީހުގައި އެހާ ގިނަ އަދަދަކަށް ވޯޓު ބާތިލުކުރަންޖެހުނު މައިގަނޑު ހަތަރުކަމެއް ސީއެމްވީން ވަނީ ފާހަގަކޮށްފަ އެވެ. އޭގެ ތެރޭގައި، ވޯޓުލީ މީހުންގެ ހޭލުންތެރިކަން ކުޑަވުމާއި، ވޯޓުލުމުގެ ހައްގު އަދާކުރަން ބޭނުންވި ނަމަވެސް، ވަކި ފަރާތަކަށް ވޯޓުލާން ބޭނުންނުވި މީހުންގެ އިތުރުން، އިދިކޮޅު ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ) ދެ ކަފިވުމާ ގުޅިގެން، ވޯޓުލާންވީ ކޮން ޕާޓީއެއްކަން ނޭނގުނު މީހުން ހިމެނޭ ކަމަށް އެ ސެންޓަރުން ވަނީ ބުނެފަ އެވެ.

ޔޫއެންޕީ ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައާއެކު އިންތިހާބާ ކުރިމަތިލީ، އެތެރޭގެ ކޯޅުންތަކާއެކު ޕާޓީ ދެ ކަފިވެފައިވަނިކޮށެވެ.

އެގޮތުން، ނޮވެމްބަރުގެ އިންތިހާބުގައި ގޮތާބެއާ ދެކޮޅަށް ޔޫއެންޕީން ވާދަކުރެއްވި ސަޖިތު ޕްރޭމަދާސަ ވަނީ ޕާޓީ ދޫކުރައްވައި، ސަމަގީ ޖަނަ ބަލަވެގަޔަ (އެސްޖޭބީ)ގެ ނަމުގައި ޕާޓީއެއް އުފައްދަވައިފަ އެވެ. އަދި ސަޖިތުގެ ފަހަތުން ޔޫއެންޕީގެ އިސް ބައެއް ބޭފުޅުންވެސް ވަނީ ޕާޓީ ދޫކުރައްވައިފަ އެވެ.

އެއާއެކު، ޔޫއެންޕީ އަށް ލިބުނީ އެންމެ ގޮނޑި އެކެވެ. އަދި ރަނިލްގެ ސިޔާސީ ހަޔާތުގައި ފުރަތަމަ ފަހަރަށް އާއްމު އިންތިހާބެއްގައި ނާކާމިޔާބީއާ ކުރިމަތިލައްވަން ވަނީ ޖެހިވަޑައިގެންފަ އެވެ. ރަނިލް ވަނީ 1978 ވަނަ އަހަރުން ފެށިގެން އަށް ދައުރު ޕާލިމަންޓުގެ މެންބަރުކަން ކުރައްވައިފަ އެވެ. އެންމެ ފަހުން ބޭއްވުނު އާއްމު އިންތިހާބުގައި އެމަނިކުފާނު ވަނީ ރެކޯޑް އަދަދަކަށް ވޯޓު ހޯއްދަވައިފަ އެވެ.

ސަޖިތުގެ ޕާޓީން ދެވަނަ އަށް އެންމެ ގިނަ ގޮނޑި ހޯދި ނަމަވެސް، ރާޖަޕަކްސަގެ ދެބެއިންނާ ވާދަކޮށްލެވޭ ގޮތެއް ނުވި އެވެ.

ރައީސް ގޮތާބޭ ރާޖަޕަކްސަ އާއިި ބޮޑުވަޒީރު އަދި ރައީސް ގޮތަބޭގެގެ ބޭބޭފުޅު މަހިންދަ ރާޖަޕަކްސަގެ ޕާޓީން ވަނީ ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ 225 ގޮނޑީގެ ތެރެއިން 150 އަށް ވުރެ ގިނަ ގޮނޑި ހޯއްދަވައިފަ އެވެ.