ކުރު ތަމްރީނަކަށްފަހު ވަކީލުކަމުގެ ހުއްދަ ދޫކުރެވޭގޮތަށް ގާނޫނީ ފަންނުގެ ގާނޫނަށް ގެނައި އިސްލާހާއެކު ވަކީލު ކަމުގެ ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރިސަތު ބާ ކައުމްސިލުން ހުޅުވާލައިފި އެވެ.
ބާ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ގާނޫނީ ފަންނުގެ ގާނޫނަށް ގެނައި އިސްލާހާއެކު ވަކީލުކަމުގެ ތަމްރީނު ފުރިހަމަ ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިމަހުގެ 11 ވަނަ ދުވަހާއި ހަމަޔަށް ހުޅުވާލާ ކަމަށެވެ. އެހެން ކަމުން މި ލައިސަންސް ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވާނެ ްބޭނުންވާ ފަރާތްތަކުން ގޫގުލް ފޯމް މެދުވެރިކޮށް އެކައުންސިލުގައި ރެޖިސްޓްރީވުމަށް އެދޭ ކަމަށެވެ.
މި އިއުލާނުގައި ބުނެފައިވަނީ މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފަރާތްތަކަކީ މިމަހުގެ ފަސް ވަނަ ދުވަހުގެ ކުރިން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ މަތީ ތައުލީމުދޭ މަރުކަޒަކުން ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވާ ފަރާތްތަކެއްކަން އަންގާދިނުމަށްޓަކައި، ދަސްވެނިވެފައިވާ ދަރިވަރެއްނަމަ ގާނޫނީ ރޮގުން ފުރަތަމަ ޑިގްރީގެ ކޯސް ފުރިހަމަކުރިކަމުގެ ސެޓްފިކެޓް ހުށަހެޅުމަށް އެދޭ ކަމަށެވެ. އަދި ދަސްވެނިވެފައިނުވާނަމަ، ގާނޫނީ ރޮގުން ފުރަތަމަ ޑިގްރީގެ ކޯސް އެ ދަރިވަރަކު ކޯސް ފުރިހަމަކުރިކަން އަންގައިދޭ ރަސްމީ ލިޔުން ނުވަތަ ކޯހުގެ ޓްރާންސްކްރިޕްޓެއް ހުށަހެޅުމަށްވެސް ބާ ކައުންސިލުންވަނީ އެދިފަ އެވެ.
މިމަހުގެ ހަ ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވާފައިވާ މި ބިލުގެ އިސްލާހުގައި ވަނީ މި ޕްރޮގްރާމްގައި ބައިވެރިވެ ލައިސެންސް ދޫކުރެވޭނީ ގާނޫނީ ފަންނުގެ ދާއިރާއިން ފުރަތަމަ ޑިގްރީއަށް ތައުލީމު ހާސިލު ކުރި ދަރިވަރުންނަށް ކަމަަށް ބަޔާންކޮށްފަ އެވެ.
ބާ ކައުންސިލުން އެކުލަވާލާ ތަމްރީނުގެ އުސޫލުތައް އާންމުކުރާތާ ހަތް ދުވަސް ތެރޭގައި އެ ތަމްރީން ޕްރޮގްރާމް ފަށަން ޖެހޭނެ ކަމަށް ވެސް ގާނޫނަށް ގެނައި އިސްލާހުގައިވެ އެވެ. ތަމްރީން ނިމޭ ތާރީހުން ފެށިގެން ގިނަވެގެން 21 ދުވަހުގެ ތެރޭގައި ވަކީލު ކަމުގެ ހުވާ ކުރުމުގެ އިންތިޒާމު ބާ ކައުންސިލުން ހަމަޖައްސަން ވާނެ ކަމަށެވެ.
މި އިސްލާހުގައިވާ ގޮތުން ބާ ކައުންސިލްގެ އިމްތިހާނުގެ ޝަރުތު ވެސް ފަސްކުރިޔަސް އެ މުއްދަތުގައި ވަކީލު ކަމުގެ ހުވާކޮށް އެ ކަމުގެ ހުއްދަ ލިބޭ ފަރާތްތަކުން ވެސް ފަހުން އެ އިމްތިހާން ފުރިހަމަ ކުރަން ޖެހޭނެ އެވެ. އަވަސް ތާރީހެއްގައި ބާ ކައުންސިލުން އެކަން ހަމަޖައްސަން ވާނެ ކަމަށް ވެސް އިސްލާހުގައި ބުނެފައިވެ އެވެ.