ހަބަރު

ނުވަ އަހަރު: ކުޑަކުދިންނާއި ގުޅޭ 2،128 މައްސަލަ

ކުޑަކުދިން ތަފާތު އެކި ކުށްތަކައް އަރައިގެން ފާއިތުވި ނުވަ އަހަރުތެރޭ 2128 މައްސަލައެއް ޖުވެނައިލް ޖަސްޓިސް ޔުނިޓް (ޖޭޖޭޔޫ) އަށް ހުށަހަޅާފައިވާ ކަމަށް އެ ޔުނިޓުން ބުނެފި އެވެ.

ޖޭޖޭޔޫއިން އާންމުކޮށްފައިވާ ތަފާސް ހިސާބުން ދައްކާ ގޮތުގައި 2010 ވަނަ އަހަރުން 2019 ވަނަ އަހަރުގެ ނިޔަލަށް ކުޑަކުދިން ގުޅުންހުރި ގާނޫނާއި ހިލާފު އެކިކަހަލަ ކުއްތަކަށް އަރައިގެން އެ ޔުނިޓަށް 2،128 މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ.

މީގެތެރެއިން ގާނޫނާއި ހިލާފް ތަފާތު އެކި މައްސަލަތަކުގައި 1،929 ފިރިހެން ކުއްޖެއްގެ މައްސަލަ ހުށަހަޅާފައިވާއިރު 199 އަންހެން ކުއްޖެއްގެ މައްސަލަ ވަނީ ހުށަހަޅާފަ އެވެ.

ކުށުގެ ވެއްޓަށް އަލަށް ވަންނަ ކުދިން ގެ ތެރެއިން އެންމެ ގިނައީ އުމުރުން 16 އަހަރާއި 18 އަހަރުގެ ކުދިންގެ މައްސަލަތައް ކަމަށް މީގެ ކުރިން ޖޭޖޭޔޫ އިން ވަނީ ބުނެފަ އެވެ. ކުޑަކުދިން ކުށްކޮއްގެން އެންމެ ގިނައިން ހުށަހެޅިފައި ވަނީ މާރަމާރީ ހިންގުމާއި އަދި މަސްތުވާތަކެތީގެ މައްސަލަތަކެވެ. އަންހެންކުދިން ބަދުއަހުލާގީ އަމަލު ހިންގުމާއި މާރަމާރީގެ މައްސަލަތައްވެސް ރިޕޯޓު ކޮށްފައިވާ ކަމަށްވެސް ބުންޏެވެ.

ޖޭޖޭޔޫ އިން ބުނީ މައިގަނޑު ގޮތެއްގައި ކުޑަކުދިން ކުށުގެ ވެއްޓަށް ވަނުމުގެ މަގު ފަހިވަނީ މިފަދަ ކަންތައް ހައްލުކުރުމަށް އަދުލު ގާނޫނެއް ނެތުމާއި ގުޅިގެން މަސައްްކަތް ކުރަންޖެހޭ މުއައްސަސާ ތަކުގެ އެއްބާރުލުން ނުލިބުން ކަމަށެވެ. އަދި އެކުދިންގެ ބެލެނިވެރިންގެ ފަރާތުން ދީނީ ތަރުބީއަތު ރަނގަޅަށް ނުދިނުމާއި އެއްބާރުލުން ނުދިނުމަކީވެސް ކުދިން ކުށުގެ ވެއްޓަށް ހުށައެޅިގެންދާ ކަމެއް ކަމަށެވެ.