ނޫސްވެރިޔާ އަހުމަދު ރިލްވާނު ވަގަށް ނެގި މައްސަލައި ތަހުގީގަށް ރާއްޖޭން ބޭރުގެ އިންވެސްޓިގޭޓަރެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރިލްވާނު ވަގަށް ނެގިތާ މިއަދަށް ހަ އަހަރު ފުރުމާ ގުޅިގެން ރައީސް ސޯލިހު ވަނީ އެމަނިކުފާނުގެ އަތްޕުޅުން ލިޔުއްވާ ހާއްސަ ނޯޓެއް ޓްވިޓާގައި ހިއްސާ ކުރައްވާފައެވެ.
ރައީސްގެ ނޯޓްގައި ވިދާޅުވީ ރިލްވާންގެ މައްސަލައަށް އިންސާފު ނުލިބި ލަސްވަމުންދާ ކޮންމެ ދުވަހަކީ އާއިލާއަށް ލިބޭ އިތުރު ހިތްދަތި ކަމެއް ކަމަށެވެ. ހުރަސްތަކާއި ދަތިތައް ކުރިމަތިވި ނަމަވެސް އިންސާފު ހޯދުމަށް ފަށާފައިވާ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ސަރުކާރުން މި ވަގުތު މަސައްކަތް ކުރަމުންދަނީ ރިލްވާންގެ އާއިލާގެ އެދުމާއި އެއްގޮތަށް ރާއްޖޭން ބޭރުގެ އިންވެސްޓިގޭޓަރެއް ތަހުގީގު ޓީމުގައި ހިމަނައިގެން މަސައްކަތް ކުރިއަށް ގެންދިއުމަށެވެ.
"ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައަށް އިންސާފު ނުލިބި ލަސްވަމުންދާ ކޮންމެ ދުވަހަކީ އާއިލާއަށް ލިބޭ އިތުރު ހިތްދަތި ކަމެއް. ހުރަސްތަކާއި ދަތިތަކާއެކުވެސް އެ މައްސަލައަށް އިންސާފު ހޯދުމަށް ﷲގެ ވާގިފުޅާއެކު ކުރެވެންހުރި ހުރިހާ ކަމެއް ހުއްޓާނުލާ މި ސަރުކާރުން ކުރިއަށް ގެންދާނެ. އާއިލާގެ އެދުމާއި އެއްގޮތަށް މިވަގުތު މަސައްކަތް ކުރަމުން މިދަނީ އިތުބާރު ކުރެވޭ، ރާއްޖޭން ބޭރުގެ އިންވެސްޓިގޭޓަރެއް ތަހުގީގު ޓީމުގައި ހިމަނައިގެން މަސައްކަތް ކުރިއަށް ގެންދިއުމަށް،" ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހުގެ ވެރިކަމުގެ ފުރަތަމަ ދުވަހު އުފެއްދެވި ރިޔާސީ ކޮމިޝަނުން ވަނީ ރިލްވާން މައްސަލައާ ގުޅޭ ތަހުގީގުގެ ބޮޑު ބައި ނިންމައި ޑްރާފްޓް ރިޕޯޓް އެކުލަވާލާފަ އެވެ. އަދި އެ ރިޕޯޓްގައިވާ ބައެއް މައުލޫމާތުތައް މީޑިއާއަށް އާންމުކޮށް ރައްޔިތުންގެ މަޖިލީހާ ހިއްސާކޮށްފަ އެވެ.
ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައަށް އިންސާފު ނުލިބި ލަސްވަމުންދާ ކޮންމެ ދުވަހަކީ އާއިލާއަށް ލިބޭ އިތުރު ހިތްދަތި ކަމެއް. ހުރަސްތަކާއި ދަތިތަކާއެކުވެސް އެ މައްސަލައަށް އިންސާފު ހޯދުމަށް ﷲގެ ވާގިފުޅާއެކު ކުރެވެންހުރި ހުރިހާ ކަމެއް ހުއްޓާނުލާ މި ސަރުކާރުން ކުރިއަށް ގެންދާނެ. އާއިލާގެ އެދުމާއި އެއްގޮތަށް މިވަގުތު މަސައްކަތް ކުރަމުން މިދަނީ އިތުބާރު ކުރެވޭ، ރާއްޖޭން ބޭރުގެ އިންވެސްޓިގޭޓަރެއް ތަހުގީގު ޓީމުގައި ހިމަނައިގެން މަސައްކަތް ކުރިއަށް ގެންދިއުމަށްއިބްރާހިމް މުހައްމަދު ސޯލިހް | ރައީސުލްޖުމްހޫރިއްޔާ
ރިޔާސީ ކޮމިޝަންގެ ރިޕޯޓްގައި ރިލްވާން މަރާލި ގޮތާއި އެކަމުގައި ބައިވެރިވި އަދި އެހީތެރިވި މީހުން ހާމަކޮށްފައިވެ އެވެ. އަދި ރިލްވާން މައްސަލާގެ ތަހުގީގަށް ހުރަސް އަޅައި އެހެން ދިމާލަކަށް އަނބުރަން މަސައްކަތްކުރި ފުލުހުންގެ މައުލޫމާތު ވެސް ހާމަކޮށްފައިވެ އެވެ. ރިޕޯޓްގައި ފާހަގަކޮށްފައިވަނީ އިންޓެލް ދެ ފުލުހަކު، ރިލްވާން ސީރިއާއަށް ދިޔަކަން ދައްކައި އޭނާ އެ ތަނުގައި މަރުވި ކަމަށް ހަބަރު ފަތުރަން އުޅިފައިވާ ކަމެވެ. އެކަން ރިޕޯޓްގައި ބަޔާންކުރީ އޭރުގެ ކޮންޓްރޯލާ ހަސަން އަލީ ދެއްވާފައިވާ ބަޔާނަކަށް ރިއާޔަތްކޮށެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ބޮޑު އޮޕަރޭޝަނެއް ވެސް މާލެ އާއި އައްޑޫގައި ކުރިއަށް ގެންގޮސްފަ އެވެ. އެ އޮޕަރޭޝަނުގައި ގިނަ ތަންތަނާއި މީހުން ބަލާ ފާސްކޮށްފައިވެ އެވެ. ނަމަވެސް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.
މީގެކުރިން ވެސް ރިލްވާން ރަހީނު ކުރި ކަމުގެ ދައުވާ ދެ މީހެއްގެ މައްޗަށް އުފުލި އެވެ. ނަމަވެސް އެ ދެ މީހުންގެ މައްޗަށް ކުރިމިނަލް ކޯޓުން ކުށް ސާބިތެއް ނުވި އެވެ. އެ މައްސަލަ މިހާތަނަށް ދައުލަތުން ހައިކޯޓުގައި އިސްތިއުނާފެއް ނުކުރެ އެވެ.
ރިލްވާންގެ މަރުގެ މައްސަލައަށް އިންސާފު ނުލިބި ލަސްވަމުންދާއިރު އާއިލާއިން މިއަދުވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ރިލްވާންގެ އާއިލާއިން ބުނީ އިންސާފު ނުލިބުނަސް މި ސަރުކާރު ވެރިއަކަށް އައީ ރިލްވާންއާއި ޔާމީންގެ ނަން ބޭނުން ކޮށްގެން ކަމަށެވެ.
"އެ ކުދިންގެ [ޔާމީން ރަޝީދު އަދި ރިލްވާން އަބްދުﷲ] ނަން ބޭނުން ކުރައްވައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތީ" ރިލްވާންގެ ދައްތަ ޝެހެނާޒް މިއަދު ވިދާޅުވިއެވެ.