އެޗްޕީއޭ

އެޗްޕީއޭ އިންސްޕެކްޝަން: ޖުމްލަ ބަންދުުކުރީ 246 ތަނެއް

އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް، ހިދުމަތްދޭ ތަންތަނުން އަމަލު ކުރޭތޯ ބެލުމަށް ކުރިއަށް ގެންދާ އިންސްޕެކްޝަންގެ ފުރަތަމަ ބުރު ނިމިފައިވާ ކަމަށާ އިންސްޕެކްޝަންގައި 246 ތަނެއް ބަންދުކުރަން ޖެހުނު ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ މާލެ، ވިލިމާލެ، ހުޅުމާލެ އަދި ތިލަފުށީގައި އެޗްޕީއޭގެ އިންސްޕެކްޝަން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެ އިންސްޕެކްޝަންގައި ފިހާރަތަކާއި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި ސެލޫންތަކާއި މާރުކޭޓްތައްވެސް ބަލާފައިވެއެވެ. މިއީ އިންސްޕެކްޝަންގެ ފުރަތަމަ ބުރުގެ ފަހު ދުވަހެވެ.

އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ އިންސްޕެކްޝަންގައި 1546 ތަނެއް ބަލާ ފާސްކޮށްފައިވާ ކަމަށާ އޭގެ ތެރެއިން 246 ތަނެއް ބަންދުކުރަން ޖެހުނު ކަމަށެވެ.

ނަޒްލާ ވިދާޅުވީ އެޗްޕީއޭގެ އިންސްޕެކްޝަންގެ ސަބަބުން ފައިދާތަކެއް ކޮށްފައިވާ ކަމަށެވެ.

"ފުރަތަމަ ފެށި ދެ ދުވަހު އިންޕެކްޝަންގައި ދެބައިކުޅަ އެއްބައި ތަންތަން ބަންދުކުރަން ޖެހުނު. ނަމަވެސް ފަހުން ނިސްބަތުން ކޮންމެ ދުވަހަކުވެސް އައީ ބަންދު ކުރެވޭ ތަންތަން މަދުވަމުން. އެހެންވީމަ އަޅުގަނޑުމެންގެ ގައިޑްލައިންތަކަށް އަމަލުކުރެވޭތޯ ގިނަ ބަޔަކު މަސައްކަތް ކުރަމުންދާކަން،"

ނަޒްލާ ވަނީ ގައިޑްލައިންތަކަށް އަމަލު ކުރުމަށް ހިދުމަތްދޭ ހުރިހާ ފަރާތްތަކަށް އިލްތިމާސް ކޮށްފައެވެ. އަދި މިހާރު ގެނެސްފައިވާ ހެޔޮ ބަދަލުތަކަކީ ވަގުތީ ކަމަކަށް ނުހެދުމަށް އިލްތިމާސް ކުރެއްވިއެވެ.

އިންސްޕެކްޝަންގެ ފުރަތަމަ ބުުރު ނިމުނު ނަމަވެސް އަދިވެސް އެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ.