ޔުވެންޓާސް

ޔުވެންޓަސްގެ ކޯޗަކަށް ޕިރްލޯ ހަމަޖައްސައިފި

ޔުވެންޓަސްގެ ސީނިއާ ޓީމުގެ ކޯޗްގެ މަގާމަށް، އެ ކުލަބުގެ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗް އަދި އިޓަލީގެ ލެޖެންޑް އެންޑްރެއާ ޕިރްލޯ ހަމަޖައްސައިފި އެވެ.

ޔުވެންޓަސްގެ ސީނިއާ ޓީމުގެ ކޯޗްގެ މަގާމުގައި ކުރިން ހުރި، މައުރީޒިއޯ ސާރީ މަގާމުން ވަކި ކުރީ އިއްޔެ އެވެ. އިޓާލިއަން ލީގް ޗެމްޕިއަންކަން ޔުވެންޓަސްއަށް ހޯދައިދިން ނަމަވެސް، އޭނާ މަގާމުން ވަކި ކުރީ ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރުން އެ ޓީމު ކެޓުމުންނެވެ.

ޔުވެންޓަސްއަށް ކުޅުނު ކުރީގެ މިޑްފީލްޑަރު ވަނީ އެކުލަބަށް 2011 އަހަރުން 2015 ވަނަ އަހަރަށް 164 މެޗު ކުޅެފަ އެވެ. ސެރީ ސީގައި ވާދަކުރާ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗް ކަމާ އޭނާ ހަވާލުވީ އަންނަ ސީޒަނަށް ތައްޔާރު ވުމަށެވެ. އެހެން ނަމަވެސް ކުލަބުން ވަނީ އެ މަގާމަށް އޭނާ ހަމަޖެއްސިތާ 10 ދުވަސް ފަހުން ސީނިއާ ޓީމުގެ ކޯޗް ކަމަށް ހަމަޖައްސާފަ އެވެ.

އެ ފުރުސަތު ވެގެންދާނީ 2017 ވަނަ އަހަރު ކުޅުން ހުއްޓާލި ޕިރްލޯ ކޯޗެއްގެ ގޮތުގައި ކުރާ ފުރަތަމަ މަސައްކަތަށެވެ. ޔުވެންޓަސްއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މިއަދު ވެގެންދާނީ ޕިރްލޯގެ ކެރިއަރުގައި ލިޔެވިގެންދާ އާ ސޮފްހާ އަކަށް ކަމަށެވެ.